ރޭ ބްރައިޓަން އެންޑް ހޯވް އަލްބިއޯ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަރުގަދަ އާސެނަލް ބަލިވެއްޖެއެވެ. އެންމެ ފަހުން އާސެނަލްއިން ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.
މިނަތިޖާ އާ އެކު އާސެނަލް އަށް ލިބެނީ ތާވަލުގެ 10 ވަނަ މަގާމެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. މެޗްގެ 20 ވަނަ މިނެޓުގައި ބްރައިޓަންގެ ނީލް މައުޕޭ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އާސެނަލްގެ ކީޕަރު ބާން ލީނޯ ވަނީ މައުޕޭ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ މަތަކޮށްފައެވެ.
މެޗްގެ 30 ވަނަ މިނެޓުގައި ނުރައްކާތެރި ކުޅުމެއް ކުޅެގެން ބްރައިޓަންގެ ޑެނިއަލް ބާން އަށް ވަނީ މެޗްގެ ފުރަތަމަ ރީނދޫ ކާޑު ދައްކައިފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށް އަނެއްކާވެސް ބްރައިޓަންގެ އޭރަން މޫއި ކުރި ފައުލަކާއި ގުޅިގެން މެޗްގެ ދެވަނަ ރީނދޫ ކާޑު ވަނީ ފެނިގެންގޮސްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމަށް ވެސް މާރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތް ނުވެ، ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޭގެ މެޗްގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން 54 ވަނަ މިނެޓުގައި އާސެނަލްގެ އެލެގްޒެންޑްރާ ލަކަޒެޓަށް ވަނީ މެޗްގެ ތިންވަނަ ރީނދޫ ކާޑު ދައްކައިފައެވެ. އެއީ ބްރައިޓަންގެ މެތިއު ރާޔަން އަށް ކުރި ފައުލަކާއި ގުޅިގެންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އާސެނަލް އިންނެވެ. 68 ވަނަ މިނެޓުގައި އެޓީމުގެ ބަކަޔޯ ސަކާ ތަނަވަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ޕެޕޭ އެވެ.
މިލަނޑާއެކު ބްރައިޓަން އިން އެމީހުންގެ ކުޅުން ރަނގަޅުކޮށް އާސެނަލް ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ މެޗްގެ 75 ވަނަ މިނެޓުގައި ނަތީޖާ 1-1 އަކަށް ބަދަލުކޮށްލިއެވެ. ބްރައިޓަން އިން އާސެނަލްގެ މައްޗަށް ކުރިހޯދި ލަނޑު ޖަހާފައިވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދިން ފަސްމިނެޓުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ނީލް މައުޕޭ ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލައިގެންނެވެ.
ކޮވިޑް 19 އާ ގުޅިގެން ގިނަ ދުވަސްތަކަކަށްފަހު ލީގު ފަށާފައިވާއިރު އާސެނަލް އަށް އަދި މާރަނގަޅު ކުޅުމެއް ވަނީ ދެއްކޭގޮތް ނުވެފައެވެ.