ކުޅިވަރު

ގައިދުރުކަމާއެކު ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ގައުމީ ކްރިކެޓް ޓީމުގެ ޕްރެކްޓިސްތައް ފަށައިފި އެވެ.

ކޮވިޑް އާ ގުޅިގެން ހުރިހާ ކުޅިވަރެއް ހުއްޓާލާފައި އޮތުމަށްފަހު ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލޮކްޑައުންނަށް ލުއިތަކެއް ދިނުމާއި އެކު ކޮންޓެކްޓް ނުވެ ކުޅޭ ކުޅިވަރުތައް ކުޅުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އެގޮތުން ގައިދުރުކޮށް ތިބެ ފަރިތަ ކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން ގައުމީ ކްރިކެޓް ޓީމުން ވަނީ އިއްޔެ ޕްރެކްޓިސްތައް ކުރިޔަށް ގެންގޮސްފައެވެ.

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް "ވަން" އަށް ވިދާޅުވީ އިއްޔެ ޕްރެކްޓިސްތައް ފެށިނަމަވެސް މިދުވަސްކޮޅު ކުރިޔަށްދާނީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ. މިދުވަސްކޮޅު ގައިދުރުކޮށް ފަރިތަކުރުންތައް ކުރިޔަށް ގެންދާއިރު ކޮންމެ 5 ކުޅުންތެރިއަކަށް ކޯޗެއް ހުންނާނެ ކަމަށާއި އެކި ގަޑިތަކަށް ބަހާލައިގެން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަފްލާހް ވިދާޅުވީ އެޗްޕީއޭއިން ލުއި ދިނުމާއެކު ކްރިކެޓް އެސޯސިއޭޝަނުންވެސް ކުޅުންތެރިން އަމަލުކުރަން ޖެހޭ އުސޫލެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެއުސޫލާ އެއްގޮތަށް ކޮންމެ ދުވަހަކުވެސް ގައުމީ ޓީމުގެ ފަރިތަކުރުން ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެޗްޕީއޭއިން ލުއިތައް ދޭވަރަކުން ޓީމުގެ ފަރިތަކުރުންތަކަށް ވެސް ބަދަލުތައް ގެންނާނެ ކަމަށް އަފްލާހް ވިދާޅުވި އެވެ.

އިއްޔެގެ ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވަނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ދަންފަޅިއެއްގައިވެސް ފަސް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.