ރިޕޯޓް

ފާޒިލް "ފިޓްފާޒިލް"އަށް ކުރި ދަތުރު ކުރުކޮށް

އީމާ މުހައްމަދު ވަހީދު

3

ފާޒިލް އިސްމާއިލް އޭ ބުނެފިނަމަ އެއީ ކާކުކަން ނޭނގިދާނެއެވެ. އެހެންނަމަވެސް "ފިޓްފާޒިލް" އޭ ބުނެފިނަމަ އެއީ ކާކުކަން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ފިޓްފާޒިލް އަކީ ރާއްޖޭގެ ފިޓްނެސްގެ ދުނިޔޭގައި އެންމެ އަލިގަދަކޮށް ފިޔަޖަހަމުން އަންނަ އެއް ތަރިއޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ހަމަގައިމުވެސް، ފިޓް ފާޒިލް އޭނާ މިއަދު އެހުރި މަގާމަށް ވާސިލުވުމަށް ވަރަށް ބުރަ މަސައްކަތް ކޮށްފައިވާނެކަން ޔަގީނެވެ.

ފިޓް ފާޒިލް މިވަނީ އޭނާ ފިޓްނެސް އަށް ކުރި ދަތުރު ކުރުގޮތަކަށް ވަން އޮންލައިންއާ ހިއްސާކޮށްފައެވެ.

ފިޓްފާޒިލް ބުނީ، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އޭނާ އަކީ ވަރަށް ބަލިކަށި އަދި އެންމެން ހަނގާކުރާ ކުއްޖެއް ކަމަށެވެ. އެގޮތުން އޭނާ ހައިސްކޫލުގައި އުޅުނު އިރު، މީހުން އޭނާ ކުރުވެފައި ވަރަށް ހިކިކޮށް ހުންނާތީ މަލާމާތް ކުރާ ކަމަށް ބުންޏެވެ. އެކަމާ އޭރު ވަރަށް ދެރަވާ ކަމަށް ފާޒިލް ފާހަގަކުރިއެވެ. އޭނާ ބުނީ، ހަށިގަނޑުން ބަލިކަށިވެ ކުރުކޮށް ހުންނާތީ އަނިޔާކޮށް ހަނގާ ކުރާތީ އެކަމުގެ ނޭދެވޭ އަސަރު އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށްކޮށް ވަރަށް ޑިޕްރެސްވި ކަމަށެވެ. އޭނާ ބުނީ މީހުން ކިތަންމެ މަލާމާތް ކުރިނަމަވެސް އިސްކޮޅުން ދިގުވުމާއި ކުރުވުމަކީ އޭނާގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

ފިޓްފާޒިލް ބުނީ، މީހުން އޭނާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުކުރުމަށް އެދުވަސްވަރު ވަރަށް ބޭނުންވި ކަމަށެވެ. ނަމަވެސް އޭރު އެކަން ކުރަން ކަންތައްތައް ކުރާނެ އެއްވެސް ގޮތެއް ނޭނގޭ ކަމަށެވެ. އެގޮތުން އޭނާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ މީހަކަށް ވުމަށްޓަކައި ކަންތައް ކުރަން ޖެހޭ ގޮތް ވަރަށް ހޯދި ކަމަށް އިންޓަވިއުގައި ފާހަގަކުރިއެވެ. އެ ހޯދި ހޯދުންތަކުން އޭނާއަށް އެނގުނީ އެކަން ހާސިލުކުރުމަށް އޮތް މަގަކީ ފިޓްނެސް ކަމެވެ.

މީހުން ކުރި މަލާމާތާއި ހަނގާއަށް ރަަނގަޅު ރައްދެއް ދިނުމަށްޓަކައި ފިޓްފާޒިލް ޖިމަށް ދާން ފެށިއެވެ. ފާޒިލް ބުނީ އޭނާ ފުރަތަމަ ޖިމަށް ދާން ފެށީ ގޮތް ބަލައިލަން ކަމަށެވެ. އެހެންނަމަވެސް، ވަރުގަދަ އަޒުމަކާއި ހިތްވަރާއެކު ކުރިޔަށް ގޮސް، ފާޒިލް މިއަދު މިވަނީ އޭނާއަށް އޭރު މަލާމާތް ކުރި އެންމެންގެ އަނގަ ބަންދުކޮށްފައެވެ. ފާޒިލު ބުނީ އޭނާ މިއަދު ހުރި މަގާމަށް ވާސިލުވީ، ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ދިގު ރާސްތާއެއް ކަޑައްތު ކުރުމަށް ފަހުގައި ކަމަށެވެ.

ފިޓްފާޒިލް ބުނީ، ފުރަތަމަ އޭނާ ޖިމަށް ގޮސް އުޅެން ފެށުމުން ވަރަށް ގިނަ މީހުން އޭނާއަށް އެކަން ނުވާނެ ކަމަށްވެސް ބުނި ކަމަށެވެ. އެހެންނަމަވެސް، ކެރިގެން އެމީހުން ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، އޭނާގެ ލަނޑުދަނޑިއާ ހަމަޔަށް ވާސިލުވުމަށް މަސައްކަތް ފެށީ ކަމަށެވެ. ފިޓްނެސްއަށް އޭނާ ކުރި ދަތުރުގައި އާއިލާ މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި ސަޕޯޓް ލިބުނު ކަމަށް ފާޒިލް ފާހަގަކުރެއެވެ.

ފިޓްފާޒިލް ބުނީ އަބަދުވެސް ލަނޑު ދޭނީ އެންމެ ކައިރީގައި އުޅޭ މީހުންނޭ ބުނާ ބުނުމަކީ ތެދެއް ކަމަށެވެ. އޭނާ ބުނީ، އަމިއްލަ ބުރަ މަސައްކަތުން ފިޓްނެސް ތެރޭގައި އުޅެމުން ހޯދަމުންދިޔަ ކާމިޔާބީ، އޭރު ކައިރީ އުޅުނު ބައެއް އެކުވެރިންނަށް ބަަލައިނުގަނެވި އެކަމާ ހަސަދަވެރި ވި ކަމަށެވެ. ފާޒިލް ފިޓްނެސް ދަތުރުފެށިއިރު، އޭނާގެ ކައިރީގައި ތިބި އެކުވެރިން މިހާރު ނެތްކަމަށްވެސް އޭނާ ފާހަގަކުރެއެވެ. ފާޒިލް ބުނީ ބައެއް މީހުން އޭނާއަކީ ވަރަށް ފޮނި މީހެކޭ ބުނާ ކަމަށެވެ. އެހެންނަމަވެސް ފާޒިލްއާ ދިމާވެ އޭނާއާ ވާހަކަދައްކާ އެކަކުވެސް އޭނާއަކީ ފޮނި މީހެކޭ ނުބުނާނެ ކަމަށް ފާޒިލް ބުނެއެވެ.

މިމަހުގެ 5 ވަނަ ދުވަހު ފިޓް ފާޒިލު އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ހުޅުވާލި ގިވްއަވޭއަށް ވަނީ އެތައް ބަޔަކު އެކި ކަހަލަ ރިއެކްޝަން ދީފައެވެ. އެގޮތުން އެއްބައި މީހުން ދިޔައީ ފިޓްފާޒިލް ގިވްއަވޭގައި ހުރި އެއްޗެހި ނަސީބުވެރިއެއް ހޮވުމަށްފަހު ނުދޭނެ ކަމަށް ބުނެފައެވެ. އާއްމުންގެ ފަރާތުން އެކަހަލަ ކޮމެންޓްތައް ލިބުނު ނަމަވެސް ގިނަ ބަޔަކު ވަނީ އޭނާގެ ގިވްއަވޭގައި ބައިވެރިވެފައެވެ. އެގޮތުން އެ އަގުބޮޑު ގިވްއަވޭއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ފިޓްފާޒިލް ބުނީ، އޭނާ އާއްމުން ކުރި ނެގެޓިވް ކޮމެންޓްތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.

ފިޓްފާޒިލް ބުނީ މިހާރު އަންނަނީ އަނެއްކާވެސް ވަރަށް މަޖާ ގިވްއަވޭއެއް ދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ފިޓްފާޒިލް ވަނީ އޭނާގެ ފުރަތަމަ ގިވްއަވޭ ކާމިޔާބު ކުރި ލަކީ ވިނަރ ހޮވައިފައެވެ.

ހަމަގައިމުވެސް ފިޓްފާޒިލް އަކީ ފިޓްނެސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ނަމޫނާއެކެވެ. ހިތްވަރާއެކު ކެރިގެން ކުރިއަށް ގޮސްފިނަމަ، ހުރިހާ ހުވަފެންތައް ހަގީގަތަކަށް ވާނެ ކަން ފާޒިލުވަނީ ސާބިތުކޮށްދީފައެވެ. ވަންގެ ޓީނުމް އެދެނީ ފިޓްފާޒިލް އަށް ކާމިޔާބީ އަށެވެ. އިތުރު ފިޓު ކަމާއި ކުރިއެރުމެވެ.