އަހަރެން ހަނދާން ހުރެއެވެ. ކުޑަކުޑައިރު، އަހަރެންނަށް ކިތަންމެ ކުޑަ އަނިޔާއެއް ވިޔަސް ބައްޕަ ވަރަށް ހާސްވާނެއެވެ. އަހަރެންނާ ދިމާއަށް މީހަކު ނުރުހުމުގެ ނަޒަރަކުން ބަލައިލައި، ނަފްރަތުގެ އެންމެ ލަފްޒެއްވެސް ބުނާކަށް ބައްޕަ ނުރުހޭނެއެވެ. އަހަރެންނަށް ރޭގަނޑު ބިރުވެރި ހުވަފެނެއް ފެނިގެން ނިދަން ނުކެރުމުން ކައިރީ އިނދިގެން ކުރުސިއާއި ފާތިހާ ސޫރަތް ކިޔައިދޭނެއެވެ. ކިޔެވިއިރު އަހަރެން އެންމެ މޮޅު ދަރިވަރަށް ނުވިނަމަވެސް، ބައްޕަގެ ނަޒަރުގައި އަހަރެންނަކީ އަބަދުވެސް އެއްވަނައެވެ.
މިއަދަކީ ބައްޕައިންގެ ދުވަހެވެ. އެމީހެއްގެ ޒުވާންކަން ދަރިންގެ ހައްގުގައި ދުއްވާލި ހިތްވަރު ގަދަ ބައްޕަގެ ދުވަހެވެ. ރެޔާއި ދުވާލު، ވަރުބަލިކަމެއްނެތި، ދަރީގެ ހިތް އެދުނުހާ އެއްޗެއް ހޯދައިދިނުމަށް ބުރަ މަސައްކަތް ކޮށްގެން ފައިސާ ހޯދި ކުޅަދާނަ ބައްޕަގެ ދުވަހެވެ. ދުނިޔޭގެ ހުރިހާ ނުރައްކަލަކުން ދަރިފުޅު ސަލާމަތްކޮށްދިނުމަށް އަތުކުރި އޮޅާލި ނަމޫނާ ބައްޕަގެ ދުވަހެވެ.
ދަރިންގެ ހައްގުގައި ބައްޕައިންވާ ގުރުބާނީ ހަމަގައިމުވެސް މިހެން ލިޔެލާ ރިޕޯޓަކުން ކިޔައެއް ނުދެވޭނެއެވެ. އަހަރެން މި ރިޕޯޓްގައި ބަސްތައް ކިތަންމެ ފަަށުވި އިބާރާތުން އަތުރާލި ނަމަވެސް ބައްޕައިން ދަރިންނަށްޓަކައި ކޮށްދިން މަތިވެރި ކަންކަމަށް ޝުކުރު އަދާ ނުކުރެވޭނެ ކަން ޔަގީނެވެ. ޝައްކެއްވެސް ނެތެވެ. ކޮންމެ ދަރިއެއްގެ ނަޒަރުގައިވެސް އެކުއްޖާގެ ބައްޕައަކީ "ސުޕަ ހީރޯ" އެކެވެ. އަބަދުވެސް އަހަރެމެންގެ ހަށި ރައްކަލަކަށް ކައިރީ ހުންނަ ހިތްވަރު ގަދަ ހީރޯއެވެ. އަހަރެންނަށް ކިތަންމެ ބޮޑު ކަމެއް ލައިގަތަސް އެކަމެއް ހައްލުކުރުމުގައި ފަހުވަގުތާއި ހަމަޔަށް ދެމިހުންނާނެ ކަމުގެ ޔަގީންކަން އަބަދުވެސް އިހުސާސްކޮށްދޭ އާއިލާގެ މަސްއޫލުވެރިޔާއެވެ.
އުމުރު ދުވަހު ޝުކުރު އަދާކުރިއަސް ބައްޕަ ދިން ލޯތްބާއި އަޅައިލުމުގެ އަގުވަޒަން ކުރެވޭނެ ހެއްޔެވެ؟ ބައްޕަ މުސްކުޅިވާ ދުވަހު ބައެއް ދަރިން އެމީހުންނަށް ޖައްސާ ބިކަ ހާލު ފެނިފައި ހިތްފަޅައިގެންދާ ވަރުވެއެވެ. ތިބާއަށް ކާންދީފައި ބަނޑަށް ހުރި ބައްޕަ މުސްކުޅިވާ ދުވަހު އެމީހާ ފަކީރާ ދޭތެރޭ ހިތުހުރި ގޮތަކަށް ކަންތައް ކުރާއިރު، ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީބާވައެވެ. ނޫނީ ހިތުގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ.
މިއަދު އެންމެންވެސް ވަރަށް ފޯރީގައި ބައްޕައިންގެ ދުވަސް ފާހަގަކުރާނެއެވެ. ބައްޕަ ދެކެ ލޯބިވާ މިންވަރު އެފްބީގައި ލިޔާ ޕޯސްޓްތަކުގައި ބުނެދޭނެއެވެ. އެހެންނަމަވެސް، އެފްބީގައި ބައްޕަ ދެކެ ލޯބިވާ ކަމަށްބުނެ ޕޯސްޓް ކުރުމުގެ ބަދަލުގައި ބައްޕައާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ލޯބިން ދެތިން ބަހެއް ބުނެލާށެވެ. އޯގާތެރިކަމާއި ލޯތްބާ އެކު ބައްޕަގެ ބުރިކަށީގައި ފިރުމައިލާށެވެ. އޭރުން ބައްޕަ މާ އުފާވާނެއެވެ. ބައްޕަ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު ބޭނުންވާނީ ދަރިންގެ ލޯތްބާއި އަޅައިލުމެވެ. ބައްޕައަށް އެ ލޯތްބާއި އަޅައިލުން ދޭށެވެ.
ބައްޕައިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަހަރެންގެ ބައްޕައަށް އަދި ހުރިހާ ބައްޕައިންނަށް އަރިސްކުރަމެވެ. ދަރިންގެ ހައްގުގައި ތިޔަވާ ގުރުބާނީއަށް ސެލިއުޓް ކުރަމެވެ. ހިތްވަރުގަދަ ހިތްމަތްތެރި ބައްޕައަށް ހިފެހެއްޓުމެއް ނެތް ޝުކުރިއްޔާ އެވެ.