މުނިފޫހިފިލުވުން

ކަރަން ޖޯހަރުގެ ޓުވިޓާ އިން އާލިއާ އާއި ވަރުން އަންފޮލޯކޮށްފި

އީމާ މުހައްމަދު ވަހީދު

މިމަހުގެ 15 ވަނަ ދުވަހު ބޮލީވުޑްގެ ޒުވާން ތަރި، ޝުޝާންތު ސިންގް ރާޖްޕުތު އަމިއްލަޔަށް ދަން ޖެހިގެން މަރުވުމާ ގުޅިގެން އާންމުން އަންނަނީ އެކި ކަހަލަ ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން ޝުޝާންތު އަމިއްލަޔަށް މަރުވީ ބޮލީވުޑްގައި އޭނާ އެކަހެރިކޮށްލައި އޭނާއަށް ދިން ފިލްމުތައް އަތުލުމާ ގުޅިގެން ޑިޕްރެޝަނަށް ވެއްޓިގެންކަން ހާމަވުމާއެކު ބޮލީވުޑްގެ ބޮޑެތި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ ދެކޮޅަށް ސުޝާންތުގެ ފޭނުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

އޭގެ ތެރެއިން އާއްމުންގެ ނަފްރަތު އެންމެ ބޮޑަށް ރައްދުވި އެކަކަކީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. އޭނާ މަސައްކަތް ކުރަނީ ހަމައެކަނި ބޮޑެތި ފަންނާނުންގެ ދަރިންނާއެކު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޓުވިޓާއިން ކަރަން އަންފޮލޯ ވެސް ކުރަމުންނެވެ.

އާއްމުންގެ ނަފްރަތާއެކު ކަރަން މިހާރު ވަނީ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުން އަލީއާ ބަޓް، ވަރުން ދާވަން، ޖާންވީ ކަޕޫރު ފަދަ ބޮލީވުޑްގެ މަޝްހޫރު ފަންނާނުން އަންފްލޯކޮށްފައެވެ. އެގޮތުން މިހާރު ކަރަން އޭނާގެ ޓުވިޓާ އެކައުންޓުން ފޮލޯ ކުރަނީ ހަ މީހެކެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، ޝާހްރުކް ހާން އަދި އަމިތާބް ބަޗަން ހިމެނެއެވެ.