އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ވެރިން ހަނގުރާމަ ފެށީތޯ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯމޫސާ މަނިކު ސުވާލު ކުރައްވައިފިއެވެ.
މޫސަ މިގޮތަށް ސުވާލު އުފައްދަވައި ޓްވީޓު ކުރައްވާފައިވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް، މަޖިލީހުގެ ތެރެއިން ބޮޑެތި އިސްލާހުތަކެއް ގެންނަން، އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ މައްސަލައިގައެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ގޮނޑި ފުރުއްވެވި މޫސަ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ފޮނުއްވި އެއްވެސް ގާނޫނަކަށް އަދި އެއްވެސް އިސްލާހަކަށް، އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތިުގައި ހުންނަވައިގެން މިހާރުގެ ރައީސް އިބްރާހިީމް މުހައްމަދު ސޯލިހު އާއި، އޭރުގެ އެމްޑީޕީ ޗެއާޕާސަން އިސްލާހު ގެނެސްފައި ނުވާނެ ކަމަށެވެ.
އޭރު އަމަލު ކުރާ ގޮތަކީ، ސަރުކާރުން ބިލު ފޮނުވުމުގެ ކުރިން މަޝްވަރާކޮށް ނިމިގެން މަޖިލީހަށް ފޮނުވުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ލީޑަރަށް ވުމާއެކު، ފުލުހުންގެ ގާނޫނަށް މަޖިލީހަށް ހުށަހެޅި އިސްލާހު ކަމުނުގޮސްގެން ޕާޓީގެ ޗެއާޕާސަން މަޖިލީހަށް އިސްލާހު ތަކެއް ލައިގެން މަޖިލިސް ރައީސް އެ އިސްލާހުތައް ކުރިއަށް ގެންދަވަނީ "ރައީސް އިބޫ އާއި ޕާޓީގެ ވެރިން ހަނގުރާމަ އިއުލާނު ކުރީތޯއެވެ." މޫސަ ވިދާޅުވިއެވެ.
"ފުލުހުންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ. ރައީސުލްޖުމްހުރިއްޔާއަކީ އެމްޑީޕީ ލީޑަރެވެ. އެ އިސްލާހު ކަމުނުގޮސްގެން ޕާޓީގެ ޗެއާޕާސަން މަޖިލީހަށް އިސްލާހުތަކެއް ލީމާ ޕާޓީގެ ރައީސް (ރައީސް މުހައްމަދު ނަޝީދު) މަޖިލީހުން އެ އިސްލާހު ކުރިއަށް ގެންދަނީ ރައީސް އިބޫ އާއި ޕާޓީގެ ވެރިން ހަނގުރާމަ އިއުލާނުކުރީތޯއެވެ،" މޫސަގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.