އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ގައުމީސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެނަން، "ހާރިޖީ ގުޅުންތަކުގެ ކޮމިޓީ" ގެ ނަމަށް ބަދަލުކޮށް އެ ކޮމިޓީގެ ބައެއް މަސްއޫލިއްޔަތަށް ބަދަލު ގެނެސް، އެ ކޮމިޓީގެ ބައެއް މަސްއޫލިއްޔަތުތައް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ހަވާލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި އެކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، މި އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެދިވަޑަިއގެންފައި ވަނީ، އެ ދެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފުށުއެރުންތަކެއް ހުރުމުން ކަމަށެވެ. އެހެންކަމުން އެ ދެކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ދާއިރާތައް ތަކުރާރު ނުވެ، ކޮމިޓީތަކުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ގަވާއިދަށް ބަދަލު ގެންނަން މަޖިލިސް ރައީސް އެދިވަޑއިގެންނެވީ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޓީން ފާސްކޮށްފައިވަނީ، މަޖިލީހުގެ ގަވާއިދުގައި ދައުލަތުގެ އިދާރާތަކާގުޅޭ ކޮމިޓީތައް ބަޔާންކުރާ 107 ވަނަ މާއްދާ އަށާއި، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާން ކޮށްފައިވާ، 116 ވަނަ މާއްދާ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ 119 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.
އެގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެނަން، "ހާރިޖީ ގުޅުންތަކުގެ ކޮމިޓީ" އަށް ބަދަލުކޮށް، ހާރިޖީ ގުޅުންތަކާބެހޭ ކަންކަން ދިރާސާކުރުމާއި، ހާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމާއި، ހާރިޖީ ގުޅުންތަކާބެހޭގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި، ހާރިޖީ ދާއިރާއާ ގުޅޭ މަސައްކަތްތައް ރާވައި ހިންގާ ކޮންމެ އިދާރާއެއްގެ ކަންތައްތައް ބެލުމާއި، ގައުމަށް ދިމާވާ ކާރިސާތަކާ ގުޅުންހުރި އެކިއެކި ކަންކަން ދިރާސާކޮށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތާބެހޭ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން ސަރުކާރުގެ ފަސް އިދާރާއެއްގެ ކަންކަން ބަލައި ޒިންމާދާރު ކުރުވުން ވަނީ ހިމަނައިފައެވެ.
އެގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ނެޝަނަލް ޑިޒާސްޓާ މެނެޖްމެންޓް އޮތޯރިޓީ ގެ ކަންކަން ބެލުމަށް ވަނީ ހިމަނައިފައެވެ. އަދި އެ ދާއިރާތަކުން ހުށަހަޅާ ބިލްތައް ފުރިހަމަކޮށް، މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި އެ އިދާރާތަކުގެ އަހަރީ ރިޕޯޓްތައް ދިރާސާކުރުމާއި، އެ އިދާރާތަކުގައި ހިންގާ ކަންކަމާބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި ކުރާ ކަންކަން ބަލައި އޮޅުންފިލުވުމުގެ އިތުރުން އެކަންކަމާ ގުޅޭގޮތުން އާއްމުންގެ ފަރާތްތަކުން ހުށަހަޅާކަން ކަންކަން ދިރާސާކުރުންވެސް ހިމެނެއެވެ.