ކުޅިވަރު

އުނދަގޫ ހާލަތުގެ ތެރެއިން ލީގް ހޯދުމަކީ ހާއްސަ ކާމިޔާބެއް: ކްލޮޕް

އައިދާ އަބްދުލް ހަކީމް

މިހާތަނަށް ކުރިމަތި ވި އެންމެ އުނދަގޫ ސީޒަންގައި ލީގު ހޯދުމާ ގާތަށް އާދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ގަބޫލު ކުރާކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

މީޑިއާ އަށް މައުލޫމާތު ދެމުން ކްލޮޕް ބުނީ މި ސީޒަންގެ ލީގް ޗެމްޕިއަން ފާހަގަ ވެގެން ދާނީ ތަފާތު ގޮތަކަށް ކަމަށާއި ކޮވިޑާއި ގުޅިގެންގެ މުޖުތަމައަށާއި ފުޓްބޯޅައަށް ކުރިމަތިވި އުނދަގޫ ހާލަތުގެ ތެރެއިން ލީގް ހޯދުމަކީ ހާއްސަ ކާމިޔާބެއްގެ ގޮތުގައި އޭނާ ސިފަ ކުރާކަމަށެވެ. އޭނާ މިހެން ބުނެފައި މިވަނީ ތިން މަސް ދުވަސް ވަންދެން ލީގް މެދު ކަނޑާލުމަށްފަހު، ލިވަޕޫލުން ލީގް ހޯދާއިރު ބައެއް ފަރާތްތަކުން ލީގްގެ ކޮލިޓީ އާމެދު ސުވާލު އުފައްދަމުން ދާތީ އެކަމަށް އިޝާރާތް ކޮށެވެ.

"މިއީ ޗެމްޕިއަންކަން ހޯދަން އެންމެ އުނދަގޫ ސީޒަން. މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ އުނދަގޫ ސީޒަނެއް މިއީ، ކޮންމެ ބަޔަކު ޗެމްޕިއަންކަން ހޯދިޔަސް އެ ކާމިޔާބީ ވެގެންދާނީ ވަރަށް ތާރީހީ ކާމިޔާބަކަށް." ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ލީގް ޗެމްޕިއަންކަން ހޯދަން އެހާ ގާތްވެފައި ވަނިކޮށް ސީޒަން މެދުކަނޑާލަން ޖެހުމުން އަލުން ސީޒަން ނުފެށިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން މާޗް މަހު ލީގް މެދުކަނޑަލާމުގެ ކުރިންވެސް ލިވަޕޫލް އޮތީ ލީގް ހޯދުމާ ހަ ޕޮއިންޓް ކައިރީގަ އެވެ. އަދި މިހާރު އޮތް ގޮތުން މާދަމާ ރޭ އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ އެޓީމަށް ލީގް ހޯދުމާ އެއްމެޗާ ގާތަށް ދެވޭނެ އެވެ.