މިދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ބަލީގެ ސަބަބުން، މުޅި ދުނިޔެ ހާސްކަމެއްގެ ތެރޭގައި އޮތް ދަނޑިވަޅެކެވެ. އެގޮތުން ގިނަ ގައުމުތަކެއް އަދިވެސް ލޮކްޑައުން ކޮށްފައިވާއިރު، ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. ހަމަޔަގީނުންވެސް، ވަޒީފާތަކުގައި އުޅޭ މަސައްކަތްތެރިންނަށް ވެސް މިދުވަސްވަރަކީ ވަރަށް ގޮންޖެހުން ބޮޑު ދުވަސްވަރެކެވެ. މަސައްކަތް ކުރާ އުސޫލަށް ބަދަލު އައިސް، ވަރަށް ބުރަކޮށް މަސައްކަތް ކުރަން ވަނީ ޖެހިފައެވެ.
މުއައްސަސާތަކާއި އަމިއްލަ އޮފީސްތަކުގެ އިސް މީހުންނަށް އެމީހުންގެ މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާނީ ގޭގައި ތިބެގެންނެވެ. އެގޮތުން ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުމުން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. ގޭގައި ދިގު މުއްދަތަކަށް ބަންދުވެފައި ތިބެން ޖެހުމުން މަސައްކަތް ކުރާހިތް ނުވުމާއި، ނުވަތަ މާ ބުރަކޮށް މަސައްކަތް ކުރަން ޖެހުމާއި، އަދި ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުމާއި އެއް ހަމައެއްގައި ކުރިޔަށް ގެންދަން ނޭނގުމަކީވެސް ދިމާވާ ބައެއް ގޮންޖެހުންތަކެވެ.
މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ނުދެވިއްޖެނަމަ އޭގެ އާހިރު ނަތީޖާއަކަށް ވަނީ މަސައްކަތް ކުރަން ފޫހިވެ، ނަފްސާނީ ބަލިތައް ތަހައްމަލު ކުރަން ޖެހުމާއި އެކަމުގެ ސަބަބުން، ކުންފުންޏަށްވެސް ބޮޑެތި ގެއްލުންތައް ލިބުމެވެ. ތިރީގައި ހިމަނާލާފައި އެވަނީ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ބަލައިގެން އޮފީސްތަކުގައި މަސައްކަތް ބައްޓަން ކުރެވިދާނެ ބައެއް ގޮތްތަކެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރާއިރު، މުވައްޒަފުންގެ 100 އިންސައްތަ ސަމާލުކަން އަބަދު އޮފީސް މަސައްކަތްތަކަށް ނުދެވިދާނެއެވެ. ސަބަބަކީ ގޭތެރޭގައި ވެސް ކުރަން ޖެހޭ ގިނަ ކަންކަން ހުރުމެވެ. އެހެންކަމުން، މުވައްޒަފުންނަށް ޕްރެޝަރު ކޮށްގެން ހުރިހާ މަސައްކަތްތަކެއް އަވަހަށް ނިންމުމަށް ބާރު އެޅުމުގެ ބަދަލުގައި، މުހިންމު އަދި އަވަހަށް ނިންމަން ޖެހޭ މަސައްކަތްތައް ހަވާލުކުރާށެވެ. އޮފީހުގެ ކުދި ކުދި އެހެނިހެން މަސައްކަތްތައް ނިންމަން މުވައްޒަފުންނަށް އިތުރު ވަގުތު ދޭށެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމުން ހަމަގައިމުވެސް ކުރިން އޮފީހުގައި މަސައްކަތް ކުރާއިރު، ކޮންމެ ދުވަހަކު ބާއްވާ ސްޓާފް މީޓިންތަކާއި މުވައްޒަފުންނަށް ކުރިއަށްގެންދާ ޓްރެއިނިން ސެޝަންތައް ބޭއްވުމަކީ އެހާ ފަސޭހަ އަދި އެހާ މުހިންމު ކަމެއްވެސް ނޫނެވެ. އެހެންކަމުން ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަސްވަރު ވީހާވެސް މަދުން މީޓިންތައް ފަދަ އެއްޗެހި ބޭއްވުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.
މުވައްޒަފުން ކޮންމެ ދުވަހަކު ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަން ނުކުރާނަމަ، އެއީ ވަރަށް ފަސޭހައިން މަސައްކަތް ކުރަން ފޫހިވާ ކަމެކެވެ. މުވައްޒަފުން ރަނގަޅަށް މަސައްކަތް ކުރުމުން އެކަން ފާހަގަކޮށް އެކަމަށް ތައުރީފުކޮށް ހެދުމަކީ މަސައްކަތް ކުރާ ހިތްވާކަމެކެވެ. ނުރައްކާތެރި ބައްޔެއް ފެތުރޭތީ އެންމެން ހާސްކަމެއްގައި ތިބި މި ދަނޑިވަޅުގައި ކިރިޔާ ގޯސްކޮށް ކަމެއް ކުރުމުން އެކަމަށް އެއްޗެހި ކިޔައި މުސާރައިން ކަނޑައިހެދުމަކީ މުވައްޒަފުން އިތުރަށް މާޔޫސްވާނެ ކަމެކެވެ. އެހެންކަމުން، ގޯސްކޮށް ކަމެއް ކުރެވުނަސް ރީތިކޮށް ބުނާށެވެ.
މުވައްޒަފުން އުފާވެ މަސައްކަތް ކުރާ ހިތްވާނީ ހަމައެކަނި ބޮޑު މުސާރައެއް ދިނުމުން އެކަންޏެއް ނޫނެވެ. އޮފީހުގައި އިސްކޮށް ތިބޭ މީހުން، މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމާއި، އެމީހުންނަށް ދިމާވާ ދަތިތައް ގަބޫލުކުރުމަކީ މުވައްޒަފުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ.
ޒަމާނީ މަސައްކަތުގެ މާހައުލުގެ ޓްރެންޑް ވަނީ ބަދަލުވެފަ އެވެ. މަސައްކަތް ކުރާ ސްޓައިލާއި ވައްޓަފާޅި ވެސް ވަނީ ބަދަލުވެފަ އެވެ. އެހެންކަމުން މުވައްޒަފުންގެ ވިސްނުމަށް އަންނަ ބަދަލުތަކާއި އެމުވައްޒަފުންގެ ބޭނުންތަކާއި ދިރިއުޅުމުގެ ހާލަތުގެ ވެސް ދެނެގަތުމަކީ މެނޭޖްމެންޓަށް މުހިންމު ކަމަކަށް ވާނެ އެވެ. އެ މައުލޫމާތުގެ އެހީގައި މުވައްޒަފުންގެ ހިތްހަމަޖެހުމަށް ޓަކައި ކުރެވޭނެ ކަންކަން ރާވާލައިގެން ގެންދެވިދާނެ އެވެ. މިސާލަކަށް މުވައްޒަފުންނަށް ކުދިކުދި ސަޕްރައިސް ހަދިޔާ ދިނުން، އެ މުވައްޒަފުންގެ ހަޔާތުގައި އަންނަ ހާއްސަ މުނާސަބާތަކުގައި މެނޭޖްމެންޓުން ބައިވެރިވުން ފަދަ ކުދިކުދި ކަންކަމުން ވެސް މުވައްޒަފުންނާ މެދު ކެއާކުރާ މިންވަރު އިހުސާސްކޮށްދެވިދާނެ އެވެ.
ދަނޑިމާރު އަޅައިގެން މަސައްކަތްކުރުވި ދުވަސް މާޒީވެއްޖެ އެވެ. މިއަދުގެ މަސައްކަތުގެ މާހައުލުގެ އުފާވެރިކަމަކީ މުވައްޒަފުގެ ހިތްހަމަޖެހުމެވެ. މިބޭނުމަށް ޓަކައި، މުވައްޒަފުންނާ އަޅައިލައި، އެމީހުންގެ ދިރިއުޅުމުގައި އަންނަ ހިތާމަވެރި ކަންކަމުގައި ބައިވެރިވާން ޖެހެ އެވެ. މެނޭޖްމެންޓަށް އަބަދުވެސް ޑިޕެންޑް ވެވޭނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް ހޯދައިދޭށެވެ. މުވައްޒަފުންގެ ފުށުން ހާސްކަމާއި ނުތަނަވަސްކަން ނުވަތަ ހިތާމަވެރިކަން ފާހަގަވާ ނަމަ، އެކަންކަން އޮޅުންފިލުވައި އެހީތެރިވާން ޖެހެ އެވެ. ހިތަހަމަޖައްސައިދިނުމުގެ ބަސްތައް އޯގާތެރިކަމާ އެކު ހިއްސާކުރާށެވެ.
ކޮވިޑުގެ މި ހާލަތަކީ އެއްވެސް ބަޔަކަށް ފަސޭހަ ހާލަތެއް ނޫނެވެ. އެއްގޮތުން ނޫނިއްޔާ އަނެއް ގޮތުން މިހާލަތުގެ އަސަރު ނުކުރާ އާއިލާއެއް މަދު ވާނެ އެވެ. އެހެން ކަމުން ފުރަތަމަ ކަމެއްގެ ގޮތުން މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ހޯދައިދޭށެވެ. އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ މުވައްޒަފަކަށް ލިބޭ އާމްދަނީއެއް އުނި ނުކުރާށެވެ. އެހެނީ އެ މުވައްޒަފަކީ އާއިލާއެއްގެ ހުރިހާ ހަރަދެއް ބަލަހައްޓަން މި ވަގުތު ހުރި ހަމަ އެކަނި މީހާ ކަމަށްވެސް ވެދާނެ އެވެ. އެހެން ހުރިހާ މީހުންގެ ވަޒީފާ ގެއްލިފައިވާ ހާލަތަކަށް ވެސް މިހާލަތު ވެދާނެ އެވެ.
އެހެންކަމުން މިހާލަތުން އަރައިގަތުމަށް މުހިންމީ، އޮފީހުގެ އެންމެންގެ މެދުގައި ގާތް ގުޅުމެއް އޮތުމެވެ. މެނޭޖްމެންޓާއި މުވައްޒަފުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުކޮށް މަސައްކަތުގެ މާހައުލަށް އޭގެން އުފާވެރިކަން ގެނެސްދީ، ކާމިޔާބުކަމާއެކު ނަތީޖާ ނެރެވޭ އޮފީސްތަކަކީ އެންމެ ރަނގަޅު އަދި ހަރުދަނާ މެނޭޖްމެންޓުތައް ކަމަށް ބެލެވިދާނެ އެވެ.