(18 ޖޫންގެ އަދަދާ ގުޅޭ)
ޚުވާޖާސަރާ ދެންނެވިއެވެ. "ކަމަނާފާނު އަޅުގަނޑުމެންނާމެދު ހިތްޕުޅު ހަމަޖައްސަވާށެވެ. މި ބިންގަރާހުގެ ނިމޭކޮޅުން ކަމަނާފާނަށް ދަގަނޑުގެ ވަރަށްބޮޑު ސަރަކައެއް ފެނިވަޑައިގަންނަވާނެއެވެ. އެސަރަކަ އަނބުރައިލެއްވުމުން މުސްކުޅި އާތިޝްކަދާއަށް ވަދެވޭ ދޮރު ހުޅުވިދާނެއެވެ."
ޒަރުބަޚުތު ހައިރާންފުޅުވެވަޑައިގެން ވިދާޅުވިއެވެ. "މުސްކުޅި އާތިޝްކަދާ ހުންނަނީ ރަށްބޭރުގައެވެ."
މަލަކާ ވިދާޅުވިއެވެ. "އާދޭހެވެ. އެއީ ރަށްބޭރެވެ. އަޅުގަނޑުމެން ގަނޑުވަރުން ނުކުންނަތަނުން މަދާއިނުގެ މީހުން އަޅުގަނޑުމެންގެ އަނގުންތައް ބުރިބުރިކޮށްފާނެކަމުގެ ފިކުރުފުޅު މިހާރަކު ނެތެއް ނޫންތޯއެވެ!"
"އެކަމަކު އެއީ ވަރަށް ދުރެވެ. ކަމަނާ ...."
"އަޅުގަނޑާމެދު ފިކުރު ނުކުރައްވާށެވެ. ކަލާގެ އެކުވެރިކަމުގައި އަޅުގަނޑަށް ދުނިޔޭގެ އެއްބިތުން އަނެއް ބިތަށްވެސް ދަތުރުކުރެވިދާނެއެވެ."
"ހިންގަވާށެވެ."
ދަންމަރު ހިފައިގެންހުރި އަޅުކަލޭގެ އެބޭފުޅުންގެ ކުރިފުޅުމަތީގައި ހުރެގެން ކުރިޔަށް ހިނގާން ފަށައިފިއެވެ. ދެތިން ސިޑިޔަކުން ތިރިޔަށް ފައިބައިވަޑައިގެންނެވުމަށްފަހު ބިންގަރާހެއްގެ ތެރެޔަށް ވެދެވަޑައިގެންނެވިއްޖެއެވެ. އެބިންގަރާހުގެ ފާރުތަކުންނާއި ފަންގެފިލައިން ފެންފައިބައެވެ. އިރުކޮޅެއްގެފަހުން އެބޭފުޅުން ކުރިޔަށްވަޑައިގެންނެވީ ކަށިމަތިތާ ފެނުގެ ތެރެއިން ލައްވައިފައެވެ. އާޒަރުމީދުޚުތު ވަޑައިގަންނަވަނީ ޒަރުބަޚުތުގެ މުލައްދަނޑިފުޅުގެ އެހީފުޅާ އެކުގައެވެ.
ޒަރުބަޚުތު ވިދާޅުވިއެވެ. މި ބިންގަރާހުގެ ފެންގަނޑު ވަރަށް ފުނެވެ. ހައްތާވެސްދަނީ ފުންވަމުންނެވެ. އާތިޝްކަދާއާ ހަމަޔަށް އަޅުގަނޑުމެންނަށް ދެވޭނެކަން ކަމަނާޔަށް ޔަޤީންފުޅުތޯއެވެ؟"
"އަޅުގަނޑަށް ކަށަވަރެވެ. އަޅުގަނޑުގެ ޔަޤީންކަމުގެ ސަބަބަކީ ޕޫރާންދުޚުތު މިމަގުން ލައްވައިފައި ފިލައިވަޑައިގެންނެވުން އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. ޚުދު އަޅުގަނޑުވެސް ވަނީ މި ބިންގަރާސް ބަލައި ފާސްކޮށްފައެވެ. އަޅުގަނޑުގެ ބަދުނަސީބަކީ އިންޤިލާބުގެ ކުރީން އެ މުސްކުޅި ޚުވާޖާސަރާ އަޅުގަނޑާ އެއްބައިނުކުރެވުނުކަމެވެ. އެހެންނަމަކަ ޕޫރާންދުޚުތަކަށް ފިލައިވަޑައެއް ނުގެންނެވުނީހެވެ."
"ޝާހުޕޫރަށް މިބިންގަރާހުގެ ޚަބަރު އެނގިވަޑައެއް ނުގަންނަވާތޯއެވެ؟"
"އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް އޭނާ އުޅުއްވީ ގަނޑުވަރުގެ އެހެން ބައެއްގައެވެ. ޕޫރާންދުޚުތު ޝާހުޕޫރަށްވުރެ މާ ހުސިޔާރުފުޅެވެ. ޕޫރާން އަވަހާރަފުޅު ލެއްޕެވީ އަޅުގަނޑުވެސް މިއުޅުނު ކޮޓަރީގައެވެ. ފާރަވެރީން ރޮއި ހަޅޭއްލަވާ އަޑު އިވިވަޑައިގަތުމާއެކު އެކަމަނާ ފިލައިވަޑައިގެންފިއެވެ. އަޅުގަނޑުމެން ދެދުވަސްވަންދެން އެކަމަނާ ފެނޭތޯ ގަނޑުވަރުތެރެ ހޯދީމުއެވެ. އެންމެފަހުން ޚުވާޖާސަރާ ހައްޔަރުކުރީއެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށްދޭން ވަޢުދުވުމުން އޭނާ އަޅުގަނޑަށްވެސް މި ބިންގަރާސް ދެއްކީއެވެ.
+ + + + +
އިރުކޮޅެއްވަންދެން އެބޭފުޅުން ހިމޭންކަމާއެކު ކުރިޔަށް ވަޑައިގެންނެވިއެވެ. ޒަރުބަޚުތު ތަންކޮޅަކަށް ވަޑައިގެންފައި ވިދާޅުވިއެވެ. "ކަމަނާ ތިޔަވަޑައިގަންނަވާ މަގު ޕޫރާންދުޚުތަށްވެސް އެނގިވަޑައިގަންނަވާ ކަމުގައިވާނަމަ މި ބިންގަރާހުގެ ކޮންމެވެސް ލަނބައިލާ ހިސާބެއްގައި އެކަމަނާގެ އެކުވެރީން އަޅުގަނޑުމެންގެ އިންތިޒާރަކު ނުތިބޭނެތޯއެވެ؟"
މަލަކާގެ މުޅި ހަށިކޮޅު ސިކުންތުކޮޅެއްވަންދެން ތުރުތުރު އެޅިއެވެ. އެކަމަނާ ވަރަށް ފެން އަޑުފުޅަކުން ވިދާޅުވިއެވެ. "ޒަރުބަޚުތުއެވެ! ތިޔަކަހަލަ ވާހަކަފުޅު ނުދައްކަވާށެވެ. އަޅުގަނޑު ފިލަން މަސައްކަތް ކޮށްފާނެކަމަކަށް ޕޫރާން ހީފުޅެއް ނުކުރައްވާނެއެވެ. އަނެއްކާ މިބިންގިރާހުގެ އެންމެފަހަތު ދޮރު ހުޅުވޭނީ މިފަރާތުންނެވެ. އެތެރެއިންނެވެ."
"އެބައިމީހުންނަށް ދޮރު ހަލާކުކޮށްލައިގެނެއް އެތެރެޔަކަށް ނުވަދެވޭނެތޯއެވެ؟"
"އާދޭހެވެ. އަޅުގަނޑުގެ އަޅެއް އެތާނގައި ހުންނާނެއެވެ. ބެރެއްޖަހައިގެން އޭނާއަށް އަޅުގަނޑުމެންނަށް ޚަބަރު ދެވޭނެއެވެ."
"އެކަމަކު މިހާދުރަށް ބެރުގެ އަޑުއިވޭނީ ކިހިނަކުންތޯއެވެ."
"އަޅުގަނޑުވެސް ކުރީން ހީކުރީ ތިޔަގޮތަށެވެ. ނަމަވެސް އަޅުގަނޑު އެކަން ތަޖުރިބާ ކުރީމެވެ. ބެރުގެ އަޑުން ބިންގަރާހުގެ ތެރޭގައި ބިރުވެރި ގުގުރުމެއްގެ އަޑު އުފެދޭނެއެވެ."
"އެހެންވީއިރު ކަމަނާވެސް ހުންނެވީ ކޮންމެވެސް ދުވަހަކުން ކުއްލިގޮތަކަށް ފިލައިވަޑައިގަންނަވަން ޖެހިވަޑައިގެންފާނެކަމަށް ތައްޔާރުވެވަޑައިގެން ދޮގެއްތޯއެވެ؟"
"ނޫނެކެވެ. އަޅުގަނޑު އެގޮތަކަށް ހީއެއް ނުކުރަމެވެ. އެކަމަކު ތަޚުތު ހޯދުމަށްޓަކައި ފުރާނަޔާ ކުޅެން ތައްޔާރުވުމަށްފަހު އަޅުގަނޑު ހުރީ ރައްކާތެރިކަމުގެ ހުރިހައި ފިޔަވަޅުތަކެއްގެ އަޖުމަ ބަލައިފައެވެ. އަޅުގަނޑު ވަނީ މުސްކުޅި އާތިޝްކަދާގެ މުރުޒުބާނުންނާއި އެހީތެރީންވެސް ބަދަލުކޮށްފައެވެ. ކަލާ ޕޫރާންދުޚުތާމެދު ފިކުރު ބޮޑުކުރެއްވުމުގެ ބޭނުމެއް ނެތެވެ. އޭނާ މަދާއިނުގައި އިންނެވިކަމުގައިވާނަމަ މިހާރު ހުންނަވާނީ ބާޣީންނާ އެކުގައެވެ."
އަނެއްކާވެސް އިރުކޮޅެއްވަންދެން އެބޭފުޅުން ހަނުހިމޭންކަމާއެކު ކުރިޔަށް ވަޑައިގެންނެވިއެވެ. ބިންގަރާހުގެ ފެންގަނޑު މަޑުމަޑުން ތިލަވާން ފަށައިފިއެވެ. ނަމަވެސް ވަރުބަލިފުޅުކަމާއި ވަރުފުޅު ދެރަކަމުގެ ސަބަބުން އާޒަރުމީދުޚުތުގެ ފައިންޕުޅު ތުރުތުރުއަޅައެވެ. އެ ހަނިހަނި ބިންގަރާސް ކުއްލިޔަކަށް ފުޅާވެއްޖެއެވެ. އާޒަރުމީދުޚުތު ނޭވާފުޅު ހަމަޖެއްސެވުމަށްޓަކައި ތިންފަހަރު ހުއްޓިވަޑައިގެން މަޑުކުރެއްވިއެވެ. ވަރަށްބޮޑު ބެރަކާއި ހަބަޝީ އަޅަކު ފެނިވަޑައިގެންފިއެވެ. އޭނާ އޮތީ ކުޑަކުޑަ މަންސައެއްގެ މަތީގައި އޮށޯވެއެވެ. ގަދަޔަށް ނިދައިފައެވެ. އެ މަންސައިގެ ފަހަތުން ބިންގަރާސް ނިމެނީ ސިޑިޔަކާ ހަމަޔަށެވެ.
މަލަކާ ފައިންޕުޅުން ކޮއްޓައިލައްވައި އަޅުކަލޭގެ ހޭލައްވަވައިފިއެވެ. އޭނާ ނިދިމޯޅައިގައި ހާނިދިގޮވަމުން ތެދުވެ މަލަކާއާއި އެކަމަނާގެ އަރިހުގައި އައިމީހުނާ ދިމާޔަށް ބަލާން ފަށައިފިއެވެ.
މަލަކާ ވިދާޅުވިއެވެ. "ދޮރު ހުޅުވާން ހިނގާށެވެ. އަހަރެމެން ބޭރަށް ނުކުންނާން ވެއްޖެއެވެ."
އޭނާ ސިޑީން މައްޗަށް އަރާން ފަށައިފިއެވެ. ފަނަރަވަރަކަށް ވިއްސަކަށް ހަރުފަތުން އެރުމަށްފަހު އޭނާ ފާރެއްގެ ކައިރިޔަށް ހުއްޓިއްޖެއެވެ. އެތާނގައި ދަގަނޑު ސަރަކައެއް ފެންނާން ހުއްޓެވެ. އެވަރުގަދަ އަޅުކަލޭގެ ސަރަކަ އަނބުރާން ފަށައިފިއެވެ. ރަފަރަފައަޅާ އަޑުއިވިފައި ވަރަށްބަރު ހިލައެއް މަޑުމަޑުން މައްޗަށް އަރާން ފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި މީހަކަށް ވަދެވޭވަރުގެ ދޮރެއް ހާސާވެއްޖެއެވެ. ދަންމަރު ހިފައިގެންހުރީ އަޅުކަލޭގެއަށް މަލަކާ އިޝާރަތްކޮށްލެއްވުމުން އޭނާ ދަންމަރު ނިއްވައިފައި އެތެރޭގައި ބަހައްޓައިފިއެވެ. އެއަށްފަހު އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު ބޭރަށް ނިކުމެވަޑައިގެންފިއެވެ. އެބޭފުޅުންނަށް ވެދެވަޑައިގެންނެވުނީ ވަށްކޮށްހުރި ތަނަވަސް ކޮޓަރިޔެއްގެ ތެރެޔަށެވެ. އެކޮޓަރީގެ މެދުގައި އަލިފާން އަނދައަނދައި ހުއްޓެވެ. އެއްކަލަ ބަރުހިލަ މަޑުމަޑުން ތިރިޔަށްގޮސް ހަމަޖެހިއްޖެއެވެ.
މުޤައްދަސް އަލިފާންގަނޑުގެ ވަށައިގެންހުރި ޗެންޗޭނުގެ ކައިރީގައި މުރުޒުބާނެއް އަޅުކަމުގައި މަޝްޣޫލުވެގެން އިނެވެ. އެބޭފުޅުން އޭނާގެ ކައިރީން ލައްވައިފައި ވަޑައިގެންނެވިއިރުވެސް އޭނާއަށް ރޭކާވެސް ނުލިއެވެ. އޭނާ އިނީ އެހައިވެސް ބޮޑަށް އަޅުކަމުގެ ތެރެޔަށް ގެއްލިފައެވެ. ވަރަށްބޮޑު ދޮރަކުން އެބޭފުޅުންނަށް ނިކުމެވަޑައިގެންނެވުނީ ތަނަވަސް ފެންޑާއެއްގެ ތެރެޔަށެވެ. އެތާނގައި އެކަކުވެސް ނެތެވެ.
މަލަކާ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ ސަބަބުން ހަށިކޮޅުފުރާ ނޭވާފުޅެއް ލައްވައިފައި ވިދާޅުވިއެވެ. "ދެން ކޯރާ ދިމާޔަށް ހިންގަވާށެވެ. ކޮންމެވެސް ބޮއްކުރައެއް ހޯއްދަވާން މަސައްކަތް ކުރައްވާށެވެ."
ޒަރުބަޚުތުވަނީ އޭނާގެ ހިތްޕުޅުގައި ރޭއްވެވުމެއް ރާއްވަވައިފައެވެ. އެ ރޭއްވެވުމަށް ޢަމަލީސިފަ ގެންނެވުމަށްޓަކައި އޭނާ ބޭނުންފުޅުވަނީ ކުޑަކުޑަ ބަހަނާއެކެވެ. އޭނާ ވިދާޅުވިއެވެ. "ކަމަނާ މަޑުމަޑުން ކޯރާ ދިމާޔަށް ވަޑައިގަންނަވާށެވެ. އެހިސާބަށް ވަޑައިގެންނެވޭއިރަށް އަޅުގަނޑު ބޮއްކުރައެއް ހޯދާނަމެވެ."
"ނޫނެކެވެ. ނޫނެކެވެ." ޒަރުބަޚުތުގެ ގައިކޮޅުގައި އޮޅުލައިވަޑައިގަންނަވާން މަސައްކަތްޕުޅު ކުރައްވަމުން މަލަކާ ވިދާޅުވިއެވެ. "ކޯރު މާކަދުރެއް ނޫނެވެ. އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެހިސާބަށް ދެވިދާނެއެވެ."
ޒަރުބަޚުތު އެކަމަނާގެ އަރިހުގައި ވިދާޅުވާން ބޭނުންފުޅެވެ. މި އާތިޝްކަދާއާ ހަމައިން އަޅުގަނޑުމެން ދެމީހުންގެ މަގު އަބަދަށްޓަކައި އެކަކު އަނެކަކާ ވަކިވެދާނެއެވެ. އަޅުގަނޑަށް ކަމަނާގެ ކިބަޔަކުން ފުރޭބުރުޒާއި ނީލޯފަރުގެ ބަދަލެއް ނުހިފޭނެއެވެ. އެކަމަކު ކަމަނާއާ ބައިވެރިވުމަކީ ކުށެކެވެ. އަޅުގަނޑުގެ ވަފާތެރިކަންވަނީ އީރާނާ އެކުގައެވެ. ކަމަނާއަކީ އީރާނުގެ ދުޝްމިނަކީމުއެވެ. އަޅުގަނޑުގެ ކޮއްކޯފުޅުގެ އިސްތަށިފުޅުގެ އެންމެ އިސްތަށިކޮޅެއްގެ ބަދަލުގައިވެސް އަޅުގަނޑު ތިޔަކަހަލަ ހާސް އަންހެނުން ޤުރުބާން ކޮށްފާނަމެވެ. ނަމަވެސް އޭނާއަށް އެހެންނަކުން ވިދާޅެއް ނުވެވުނެވެ. އޭނާގެ އަމިއްލަފުޅު މޮޔަފުޅުކަމާއި ބާރެއް ނެތްކަމާމެދު އޭނާ ހިތާމަކުރެއްވިއެވެ.
އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ހިންގަވާށެވެ. ޒަރުބަޚުތުއެވެ. ތިޔަ ވިސްނައިވަޑައިގަންނަވަނީ ކޮންކަމެއްތޯއެވެ."
ޒަރުބަޚުތު އެއްވެސް އެއްޗެކޭ ވިދާޅެއްނުވެ އެކަމަނާގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ. ފެންޑާގެ ކުރިމަތީގައިހުރި ވަރަށްބޮޑު މަންސައެއްގެ މަތީން ލައްވައިފައި ގޯތިތެރެޔަށް ފައިބައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. ބޭރު ދޮރޯއްޓާ ވިއްސަކަށް ފިޔަވަޅު ކައިރިޔަށް އެބޭފުޅުން ވަޑައިގެންނެވިތަނާ ފާރުކައިރީގައި ހުރި ގަސްތަކުގެ ތެރެއިން ބަޔަކު ހިރޭ އަޑު އިވިވަޑައިގެންފިއެވެ. އެބޭފުޅުން ހައިރާންފުޅުކަމާއެކު ހުއްޓިވަޑައިގެންފިއެވެ.
ބޯގަސްތަކުގެ ތެރެއިން ބުނާ އަޑު އިވުނެވެ. "ހުއްޓޭށެވެ! ތިޔަބައިމީހުން ތިޔަތިބީ އަހަރެމެންގެ ދުނިތަކުގެ އަމާޒުފަތްގަނޑަކަށްވެފައެވެ. ތިޔަބައިމީހުންނަށް ފިލައިގެންދެވޭނެ އެއްވެސް މަގެއް ނެތެވެ." އެ އަޑާއެކު އަށެއްކަ މީހުން ގަސްތަކުގެ ތެރެއިން ނުކުމެގެން އެބޭފުޅުންގެ ކުރިފުޅުމައްޗަށް އަތުވެއްޖެއެވެ.
އާޒަރުމީދުޚުތު ސިހިވަޑައިގެންނެވުމާއެކު ޒަރުބަޚުތުގެ މުލައްދަނޑިފުޅުން ދޫކޮށްލައްވައިފައި ދެފިޔަވަޅެއް ފަހަތަށް ޖެހިވަޑައިގެންނެވިއެވެ. އެކަމަނާ ހަޅޭފުޅު ލައްވައިގެންނެވިއެވެ. "ޒަރުބަޚުތެވެ! އަޅުގަނޑު ސަލާމަތް ކުރައްވާށެވެ! އަޅުގަނޑު ސަލާމަތް ކުރައްވާށެވެ!"
އެބޭފުޅުންގެ ފަހަތްޕުޅުން އަންހެނެއްގެ އަޑު އިވިވަޑައިގެންފިއެވެ. "މިހާރަކު އެކަކަށްވެސް ކަމަނާ ސަލާމަތެއް ނުކުރެވޭނެއެވެ."
"ޕޫރާންދުޚުތު!" އާޒަރުމީދުޚުތު ބިރުފުޅުގެން ވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. އެހެން ވިދާޅުވުމާއެކު އެކަމަނާ ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ޒަރުބަޚުތު އެއްވެސް ހަރަކާތެއްނެތި ހުންނެވިއެވެ. އޭނާގެ ކުރިފުޅުމަތީގައި އަށްމީހުން ދުނި އަމާޒުކޮށްގެން ތިއްބެވެ. އޭނާގެ ކަނާތްޕުޅު ފަރާތުން ތިންމީހުން ވާތްޕުޅު ފަރާތުން ތިންމީހުން ކަނޑި އުރައިން ދަމައިގަނެގެން އޭނާގެ އަރިހަށް ލެފެމުން އާދެއެވެ. އޭނާ އެނބުރިވަޑައިގެން ފަހަތަށް ބައްލަވައިލެއްވިއިރު ހަތިޔާރުއެޅި ޖަމާޢަތެއް ޕޫރާންދުޚުތުގެ އަރިހުގައި މަންސައިގެ މަތީގައި ތިއްބެވެ.
"މަޑުކުރާށެވެ." ޒަރުބަޚުތު ދެއަތްޕުޅު މައްޗަށް ނަންގަވަމުން ވިދާޅުވިއެވެ. "އަހަންނަކީ މަލަކާގެ ބައިވެރިޔެއް ނޫނީމެވެ. އަހަރެންގެ ނަމަކީ ޒަރުބަޚުތެވެ. އެކަމަކު ތިޔަބައިމީހުން އަހަރެން ހައްޔަރުކުރާން ބޭނުންކަމުގައިވާނަމަ އަހަރެން ދެކޮޅެއް ނަހަދާނަމެވެ. މިތިބަ ދެއަޅުންވެސް ދެކޮޅެއް ނަހަދާނެއެވެ." ޒަރުބަޚުތު އޭނާގެ އުނަގަނޑުފުޅުގައި އޮތް ކަނޑިކޮޅު ނައްޓައިލައްވައިފައި އެއްލައިލައްވައިފިއެވެ.
ޕޫރާންދުޚުތު ސިޑީން ފައިބައިވަޑައިގެން ކައިރިޔަށް ވަޑައިގެންފިއެވެ. އެކަމަނާ ވިދާޅުވިއެވެ. "ތިޔައީ ފަރަޚުޒާދުގެ ހަށިފާރަވެރީންގެ ވެރިޔާހެއްޔެވެ؟"
"އާދޭހެވެ. އާޒަރުމީދުޚުތު އަޅުގަނޑު ބަހައްޓަވައިފައިހުރީ ޖަލުގައި ބަންދުކުރައްވައިފައެވެ."
"ކަލެޔަކަށް އަހަންނަށް ކެއްސެއް ނުދެވޭނެއެވެ. އަހަރެން ތިޔަބައިމީހުންގެ ވާހަކަ އަޑުއަހައިފީމެވެ."
އަޅުގަނޑު މިދަންނަވަނީ ތެދަށެވެ. އަޅުގަނޑު ބޭނުންވީ ފިލައިގެންދާށެވެ. އެކަމަކު އަޅުގަނޑަށް ގަނޑުވަރުގެ ހަތަރުފާރުގެ ތެރެއިން ބޭރަށް ނުކުމެވޭނެ މިނޫންގޮތެއް ނެތެވެ. މިތިބަ އަޅުންކުރެންވެސް ކަމަނާއަށް އެއްސެވިދާނެއެވެ."
"ކަލޭ ތިޔަ ހަދަނީ ދޮގެއްތޯ ނުވަތަ ތެދެއްތޯ ނިންމަވާނީ ހަމައެކަނި ފަރަޚުޒާދުގެ ދަރިކަލުންނެވެ." ޕޫރާންދުޚުތު އެހެން ވިދާޅުވެފައި ހަތިޔާރުއެޅި މީހުންނަށް އަމުރު ކުރެއްވިއެވެ. "މީނާ ހައްޔަރުކުރާށެވެ!"
ޒަރުބަޚުތު ހަޅޭފުޅުލައްވައިގެންނެވިއެވެ. "ޝެހެޒާދީއެވެ! އަޅުގަނޑަކީ ކުށެއްނެތް މީހަކީމެވެ. ކަމަނާ އަޅުގަނޑަށް ކުށުން ބަރީއަވުމުގެ ފުރުސަތު ދެއްވައިފިނަމަ އަޅުގަނޑަށް އެކަން ކަމަނާޔަށް ޔަޤީންފުޅުކޮށް އެރުވިދާނެއެވެ. ފަރަޚުޒާދުގެ ޚުރާސާނީ މެހްމާނުންވެސް ހެކިވާނެއެވެ. އެރޭ އަޅުގަނޑުމެންނަށްވަނީ މަސްތުވާ އެއްޗެއް ބޯންދެވިފައެވެ. އޭގެފަހުން އަޅުގަނޑުގެ ބޮލުގައިވަނީ އެއްޗަކުންޖަހައި ޒަޚަމުކޮށްލައިފައެވެ. އަޅުގަނޑު ހައްޔަރުކުރީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ހޭނެތިފައި އޮތްވައެވެ. ކަމަނާއަށް އެ ޒަޚަމުވެސް ދައްކައިފާނަމެވެ."
ޕޫރާންދުޚުތު ޖަވާބު ދެއްވިއެވެ. "ޚުރާސާނީން ރުސްތުމުގެ އަރިހަށް ހިނގައްޖެއެވެ. އެބައިމީހުން ހޭނެއްތުމާއި ފަރަޚުޒާދު ޤަތުލުކުރުމުގައި ކަލޭ ބައިވެރިވާކަން އެމީހުންނަށް ޔަޤީނެވެ. ކަލޭ ހައްޔަރުކުރެވޭއިރު ކަލޭ ތިޔަހަރީ އާޒަރުމީދުޚުތާ އެކުގައެވެ. ދެން އިތުރަށް ބޭނުންވާނީ ކޮންހެއްކެއް ހެއްޔެވެ؟"
(ނުނިމޭ