ރައްޔިތުންގެ މަޖިލިސް

ޖަލުގައި ވާނުވާ ޖަހާފައި ތިބި 14 ކުޑަކުދިންގެ މައްސަަލައިގައި ކަންބޮޑުވުން ފާޅުކޮށްފި

ޖަލުގައި "ވާނުވާ" ޖަހާފައި ތިބި 14 ކުޑަކުދިންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ބެހޭގޮތުން އެ ކޮމިޓީގައި މިދިޔަ ބުދަދުވަހު މަޝްވަރާކުރީ، ކުޑަކުދިންގެ އަދުލުގެ ގަވައިދަށް ގާނޫނީ ބާރު ދިނުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވި މައްސަލައަކާ ގުޅިގެން އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލުގައި އެ ގަވާއިދު ހިމެނުމަށް އެދި، އެ ކޮމިޓީން ގަވާއިދު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިންނެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ޑިރެކްޓަރު ފާތިމަތު ނޫރާ ވިދާޅުވީ، ޖަލުތަކުގައި ވާނުވާ ޖަހާފައި ތިބި 14 ކުޑަކުދިން މިހާރުވެސް އެބަތިބި ކަމަށެވެ. އުމުރުން 18 އަހަރު ފުރިގެން އޭގެ ތެރެއިން 12 ކުދިން މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫރާ ވިދާޅުވީ، މިހާރު ބޮޑެތި މީހުންގެ ގޮތުގައި އެކުދިން ތިބުމުން ކަމާބެހޭ ކަންކަމުގައި އެކުދިންނާ ބައްދަލުވުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނޫރާ ވިދާޅުވީ، ޝަރީއަތް ނިމެންދެން އެގޮތަށް ބަންދުކޮށްފައި ތިބި ކުދިންގެ ތެރޭގައި، ދެއަހަރާބައި ހޭދަކުރަން ޖެހިފައިވާ ކުދިންނާއި، މައްސަލައިގެ އެއްވެސް އަޑުއެހުމެއް މިހާތަނަށް ނުބާއްވައި ތިބި ކުދިންވެސް ހިމެނޭ ކަމަށެވެ. އެކުދިން އެގޮތަށް ގިނަ ދުވަސްތަކެއް ވަަންދެން ތިބެން ޖެހިއްޖެނަމަ، ޖަލުން ނިކުންނައިރު ބޮޑެތި ކުށްވެރިންނަށް ވުމުގެ ބިރު އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.

"އެކުދިން އެތަނުން ލަހުން ނިކުމެއްޖެނަމަ އިސްލާހު ވެގެނެއް ނޫން އެ ނުކުންނަނީ، ކްރިމިނަލުންނަށް ވެގެން ނިކުންނާނީ،" މިހާރު ރާއްޖޭގައި ބޮޑެތި ކުށްކުރާ މީހުންނަކީ އެފަދަ ގޮތަކަށް ކަންކަން ދިމާވެފައިވާ ބައެއްކަން ފާހަގަ ކުރައްވައި ނޫރާ ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ޑީޖޭއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާ ޒައީމާ ނަޝީދު އަބޫބަކުރު ވިދާޅުވީ، އެ ކުދިންގެ މައްސަލައަކީ ގާޒީންގެ މެދުގައިވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިފައިވާ މައްސަލައެއް ކަމަށެވެ.

ޒައީމާ ވިދާޅުވީ، އެންމެ ފުރަތަމަ އަމަލުކުރަމުން އައި ގަވާއިދު (ކުޑަކުދިންގެ މައްސަލަތައް ބަލައި ތަހުގީގުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު) އަކީ ކުރިންވެސް އެއްވެސް ގާނޫނަކުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދަކަށް ނުވާތީ 6/2008 (އާންމު ގަވާއިދާބެހޭ ގާނޫނު) ގެ ދަށުން އޭރު ބާރު ލިބިގެން ހިންގަމުން އައި ގަވާއިދެއް ކަމަށެވެ.

އެއަށްފަހު 21 މާޗު 2018 ގައި އެ ގަވާއިދު އުވާލާފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކުޑަކުދިންނާ ގުޅޭ ތަފްސީލީ އެއްވެސް ބައިތަކެއް ނެތްކަން ޒައީމާ ފާހަގަ ކުރެއްވިއެވެ. އަދި ގަވާއިދު އުވާލި ހިސާބުން ކުޑަކުދިންގެ މައްސަލަތައް ކުރިއަށް ގެންދާނެ އިތުރު ގާނޫނީ އޮނިގަނޑެއް ނެތުމުގެ ސަބަބުން 9/1991 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނު)ގެ ދަށުން ކުޑަކުދިންގެ އަދުލުގެ ގަވާއިދު ފަރުމާކޮށް، އެ ގަވާއިދަށް އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ނިންމިކަން ފާހަގަ ކުރެއްވިއެވެ.

މިކަމުގެ ހައްލަކާ ގުޅޭގޮތުން ޖުވެނައިލް ކޯޓުގެ ގާޒީންނާ ކުރެވުނު މަޝްވަރާއަށްފަހު 20 ނޮވެމްބަރު 2020 ގައި އަމަލުކުރަން ފަށާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ އަދުލުގެ ގަވައިދު، ގާނޫނަށް އަމަލުކުރަން ފެށުމާ ހަމަޔަށް ވުޖޫދުގައި އޮންނާނެ ކަމަށް ބާރު ލިބިދޭކަން ޒައީމާ ފާހަގަ ކުރެއްވިއެވެ. އެއާއެކު މިވަގުތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިހާރު އޮތް ގަވާއިދަށް އަމަލު ކުރެވިދާނެ ކަން ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް، ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު ވުޖޫދުވި "ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު" ގައި 9/91 އުވިގެންދާނެ ކަން ބަޔާންކޮށްފައި ވުމާއެކު، އެ ގަވާއިދަށް އަމަލު ކުރަމުންދާނަމަ ވުޖޫދުގައި ނެތް ގަވާއިދަކަށް އަމަލު ކުރާކަމުގެ ދިފާއު ދިފާއަށް ނެގިދާނެ ކަމުގެ ކަންބޮޑުވުން އޮތްކަން ޒައީމާ ފާހަގަ ކުރެއްވިއެވެ. ޒައީމާ ވިދާޅުވީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް ކޯޓުގެ މަތީ މަރުހަލާއަށް ދިއުމުން ގާނޫނު މާނަ ކުރުމުގެ މަރުހަލާ އަންނާނެ ކަމަށާއި، އެއާއެކު ބުނެވިދިޔަ ގޮތަށް ގާނޫނު މާނަ ކުރެވިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.