މިމަހުގެ 14 ވަނަ ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ މަޝްހޫރު ތަރި ޝުޝާންތު ސިންގް ރާޖުޕުތުގެ މިލްކިއްޔާތުގައި 3 ކުންފުނި އެބަ އޮތެވެ. ޝުޝާންތުއަކީ އެކްޓިންގެ އިތުރުން، ތަފާތު އެކި ކަންކަން ކުރުމަށް ޝައުގުވެރިކަން ހުރި ތަރިއެކެވެ. އެގޮތުން ޓެކްނޮލޮޖީގެ އެހީގައި އެކި ކަންކަން ކުރުމަށް ޝުޝާންތު ވަރަށް ފޯރިހުރެއެވެ.
ޝުޝާންތު އޭނާގެ ފުރަތަމަ ކުންފުނި އުފެއްދީ 2018 ވަނަ އަހަރެވެ. އެ ކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ވާޗުއަލް ރިއަލިޓީއާއި ގުޅޭ މަސައްކަތްތައް ކުރާ ކުންފުންޏެވެ. 2019 ވަނަ އަހަރު ޝުޝާންތު ވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮތީގެ ނަމުގައި އޮތް ކުންފުންޏަކަށް އިންވެސްޓްކޮށްފައެވެ. އެ ކުންފުނީގެ ނަމަކީ ވިވިޑްރޭޖް ރިއާލިޓީޒްއެވެ.
އެ ދެ ކުންފުނިން ޓެކްނޮލޮޖީގެ އެހީގައި ކުރެވިދާނެ ކަންކަމުގެ ދިރާސާތައް ކުރަމުން ދިޔައިރު، އޭނާގެ 3 ވަނަ ކުންފުންޏަކީ، އިންޑިއާގައި ބަނޑުހައި ހޫނުކަމާއި ހާލުގައި ޖެހިފައިވާ މީހުންގެ ހައްގުގައި ވާކާލާތު ކޮށް އެމީހުންނަަށް އެހީތެރިވެދިނުމަށް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ނަމަކީ ފްރޮންޓް އިންޑިއާ ފޮ ވޯލްޑް ފައުންޑޭޝަން އެވެ.
ކެދާރުނާތު، ރާބްތާ އަދި ޗިޗޯރޭ ފަދަ ފިލްމުތަކުގެ ލީޑްރޯލުން ފެނިފައިވާ ޝުޝާންތު ބޮލީވުޑްގައި މަސައްކަތްކުރާ އެހެން ފަންނާނުންނާއި ތަފާތު ވަނީ އެފަދަ ގިނަ ސަބަބުތަކާއި ހުރެ ކަމަށް އޭނާގެ ފޭނުން އަންނަނީ ބުނަމުންނެވެ.