ސްޕެނިޝް ލީގްގައި ރޭ ގަދަ ފަދަ ބާސެލޯނާ މޮޅުވިޔަ ނުދީ ސެވިޔާއިން ހިފަހައްޓައިފި އެވެ. މި މެޗް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މި މެޗުން އެއްވަރު ވުމުގެ ސަބަބުން ވާދަވެރި ރިއާލް މެޑްރިޑާއ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު ބާސެލޯނާ އަށް ވަނީ ގެއްލިފައެވެ. ތާވަލުގެ އެއްވަނައިގައި ބާސެލޯނާ 30 މެޗް ކުޅެ 65 ޕޮއިންޓާއި އެކު އޮތް އިރު ރިއަލް މެޑްރިޑުން 29 މެޗް ކުޅެ 62 ޕޮއިންޓް ވަނީ ހޯދައިފައެވެ. އެހެންކަމުން ރިއާލް މެޑްރިޑާއި ރިއަލް ސޮސެއިޑާޑް ހޯމަ ދުވަހު ކުޅޭ މެޗުން ރިއާލް މެޑްރިޑް މޮޅުވެއްޖެނަމަ ޕޮއިންޓްގެ ގޮތުން ބާސެލޯނާ އާ އެއްވަރު ވާނެއެވެ.
ރޭގެ މެޗްގައި ބާސާ ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. މުޅި މެޗް ޑޮމިނޭޓްކޮގެން ބާސެލޯނާ ކުޅުނު ނަމަވެސް މެޗްގައި ނުރައްކާތެރި ހަމަލާތައް އުފައްދާފައިވަނީ ސެވިއްޔާ އިންނެވެ. އެޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް ލިބި ބޭކާރު ވެފައެވެ. މެޗްގެ ފުރަތަމަ ހާފުގައި ވަނީ 4 ރީނދޫ ކާޑު ފެނިގެން ގޮސްފައެވެ.
ފަހު ހާފުގައިވެސް ސެވިއްޔާ އަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބި ވަނީ ބޭނުން ހިފޭ ގޮތް ނުވެފައެވެ. ދެވަނަ ހާފުގައިވެސް ބާސެލޯނާ އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އެގޮތުން ސެވިޔާގެ ކުޅުންތެރިޔަކު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުން ސެވިއްޔާގެ ގޯލްކީޕަރު ތޮމާސް ވޮކްލީކް އަތުގައި ޖެހި ދިޔައީ ކޯނަރަކަށެވެ. މިހާފުގައިވެސް ބާސެލޯނާ އަށް މާކަ ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.