ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރިމެޗް 1-1 އިން އެއްވަރު ވެއްޖެއެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފް ޑޮމިނޭޓް ކުރަމުން އައީ މެންޗެސްޓާއިން ނެވެ. އެގޮތުން މެޗްގެ 22 ވަނަ މިނެޓްގައި އެޓީމުގެ ޒުވާން ފޯވާޑް މާކަސް ރަޝްފާޑަށް ނަތީޖާ ބަދަލު ކޮށްލަން ފުރުސަތު ލިބުނެވެ. ނަމަވެސް ޓޮޓެންހަމްގެ ގޯލްކީޕަރު ހިއުގޯ ލޮރިސް ވަނީ އެހަމަލާ ނާކާމިޔާބު ކޮށްލައިފައެވެ.
ރޭގެ މެޗްގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ މެޗްގެ 27 ވަނަ މިނެޓުގައެވެ. ޓޮޓެންހަމްގެ ސާގޭ އާރިއޯ ދަނޑުގެ މެދުރޮނގާ ހިސާބުން ދިން ބޯޅަ ސްޓީވަން ބާގްވިން ހިފައިގެން ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ވަރަށް ބާރަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައެވެ.
ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އެރިކް ޑަޔާ އަށް ކުރި ފައުލަކާއި ގުޅިގެން ޔުނައިޓެޑްގެ ޑެނިއަލް ޖޭމްސް އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައިވެސް ފެނިގެން ދިޔައީ ޔުނައިޓެޑުން މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔަތަނެވެ. މެޗްގެ 63 ވަނަ މިނެޓްގައި ޔުނައިޓެޑުގެ ތަރި ޕޮގްބާ ވަނީ ކުޅެން ނިކުމެފައެވެ. އެއާ އެކު ޔުނައިޓެޑްގެ ކުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 81 އެއްވަނަ މިނެޓްގައި ޓޮޓެންހަމްގެ އެރެކް ޑަޔާ ޕެނެލްޓީ އޭރިއާ ތެރެއިން ޕޮގްބާ އަށް ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ.
ޔުނައިޓެޑްގެ އެ ޕެލަންޓީ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްދިނީ ބްރޫނޯ ފެނަންޑޭޒް އެވެ. މެޗް ނިމެން ވަރަށް ކައިރި ވެފައި ވަނިކޮށް ޔުނައިޓެޑްގެ މާޝިއަލް އަށް ނަތީޖާ ބަދަލު ކޮށްލުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޓޮޓެންހަމްގެ ގޯލްކީޕަރު ވަނީ އެބޯޅަ މަތަކޮށްފައެވެ.
މެޗް ނިމެން ވަރަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޓޮޓެން ހަމްގެ އެރެކް ޑަޔާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް އަށް ކުރި ފައުލަކާއި ގުޅިގެން ވަނީ ޔުނައިޓެޑަށް އިތުރު ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އެއާއެކު މެޗް ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުން ދެޓީމް އެއްވަރު ވެގެންނެވެ.
ރޭގެ މެޗާއެކު މެންޗެސްޓާ ޔުނައިޓެޑް 30 މެޗް ކުޅެ 46 ޕޮއިންޓް ހޯދައިގެން ތާވަލުގެ 5 ވަނައިގައި އޮތް އިރު، ޓޮޓެންހަމް އޮތީ 30 މެޗުން 42 ޕޮއިންޓް ލިބި ތާވަލުގެ 8 ވަނައިގަ އެވެ.