ޝަރުއީ ނިޒާމް ރަނގަޅު ކަމަށް ގަބޫލް ކުރާ ނަމަ ފަސް އަހަރު ނިމިގެން ދިޔަ އިރު މަރުގެ ހުކުމް ތަންފީޒު ނުކުރީ ކީއްވެތޯ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ސުވާލު އުފައްދައިފި އެވެ.
ރިޔާޒް މިހެން ސުވާލު އުފައްދާފައި ވަނީ، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މަރުގެ އަދަބު ތަންފީޒު ކުރާނީ އަދުލު އިންސާފުގެ ނިޒާމް އިސްލާހު ކުރުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނާ ބުނުމަކީ އެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރަން ދައްކާ ހުއްޖަތެއް ކަމަށް ވިދާޅުވި ވިދާޅުވުމާއި ދެކޮޅަށް ޓުވީޓެއްގެ ޒަރިއްޔާއިންނެވެ.
ކުރީގެ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން މާފުށީގައި އެކަމަށް ހާއްސަ ތަނެއް ތައްޔާރުކުރުން ފަދަ އެކި މަސައްކަތް ކުރި ނަމަވެސް އެކި ސަބަބު ތަކަށްޓަކައި އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ރެޒޮލޫޝަނާ ގުޅޭގޮތުން އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި އިއްޔެ ނެގި ވޯޓުގައި ދިވެހިރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތު ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީ ފައެވެ.
އަދި ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބެންދެން ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ވަކިފަރާތަކަށް ނުޖެހޭ މިނިވަން އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ހެދުމަށް އެ ދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.