ކޮވިޑް19 މުޅި ދުނިޔެއަށް ފެތުރި ދުނިޔޭގެ ގައުމުތައް ހުއްޓުމަކަށް އައިސް ގިނަ ގައުމުތަކުގެ ސްކޫލްތައް ބަންދުވެ ގޭތެރޭގައި އެތައް ކުދިންނެއް ބަންދުވިއެވެ.
މިއާއެކު އެކި ގައުމުތަކުގައި ސްކޫލު ކުދިންނަށް ކާބޯތަކެތި ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔައެވެ. އިނގިރޭސި ވިލާތް ކަހަލަ ބޮޑެތި ގައުމުތަކުގައި ކުދިންގެ ކެއުން ހަމަޖައްސަމުން އަންނަނީ ސްކޫލް ފްރީ މީލް ޕްލޭނުންނެވެ.
އެހެން ކަމުން ކޮވިޑާއި ގުޅިގެން ސްކޫލްތައް ބަންދު ވުމުން އެތައްހާސް ކުދިންނަށް ކާބޯތަކެތި ލިބުމުގައި ދިމާވި ދަތިތަކަށް ހައްލެއް ހޯދުމަށް އިނގިރޭސިވިލާތުގެ ދަރުމައަށް މަސައްކަތްކުރާ ގްރޫޕެއް ކަމަށްވާ ފެއާ ޝެއާ ޔޫކޭ ކިޔާ ގްރޫޕަކުން ވަނީ އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕެއިނެއް ފަށައިފައެވެ.
އެގްރޫޕުން ފެށި މަސައްކަތުގައި އިނގިރޭސި ވިލާތުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އުމުރުން އެންމެ 22 އަހަރުގެ މާކަސް ރަޝްފޯޑް ބައިވެރި ވުމުން އެގްރޫޕަށް ވަނީ އެމަސައްކަތް ކުރުމުގައި އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. ލޮކްޑައުންގައި ރަޝްފޯޑް މަސައްކަތް ކުރަމުންދިޔައީ ފެއާ ޝެއާ ގްރޫޕާ އެކު ހާލުގައި ޖެހިފައިވާ ކުދިންނަށް ފްރީ މީލް ފޯރުކޮށްދިނުމުގައެވެ.
ސްކޫލް ކުދިންނަށް އަމާޒުކޮށް އެކުދިން ބަނޑުހައި ހޫނުކަމުން ސަލާމަތް ކުރުމަށް ހިންގި މި ޕްރޮގްރާމްގައި ކޮންމެ ހަފްތާ އަކު 3 މިލިއަން ކުދިންނަށް ކެއުމުގެ ކަން ކަން ހަމަޖެއްސުމުގައި ރަޝްފޯޑް މުހިންމު ރޯލެއް އަދާކުރިއެވެ. އެގޮތުން ރަޝްފޯޑް ކުރި މަސައްކަތުން 20 މިލިއަން ޕައުންޑް އެހީގެ ގޮތުގައި ވަނީ ހޯދައިފަ އެވެ. މިހާރުވެސް މި ޕްރޮގްރާމް ކުރިޔަށް ދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި މަސައްކަތާ ގުޅިގެން ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ރަޝްފޯޑް ބުނީ އެމަސައްކަތް ކުރިޔަށް ގެންދިއުމަށް އޭނާއަށް އެންމެ ބޮޑު ހިތްވަރަކަށް ވެގެންދިޔައީ އޭނާގެ މަންމަ (މެލައިނީ) ކަމަށެވެ. ދަ ސަން އަށް ދިން އިންޓަވިއުއެއްގައި ރަޝްފާޑް ބުނީ އޭނާ ސްކޫލުގައި އުޅުނު ދުވަސްވަރު ވެސް ބަރޯސާވަނީ ސްކޫލުން ލިބޭ ފްރީ މީލަށް ކަމަށާއި އެހެން ކަމުން ސްކޫލުތައް ބަންދު ކުރުމުން ވަރަށް ގިނަ ކުދިން ކާބޯތަކެތިން މަހުރޫމުވާނެ ކަން އެނގޭ ކަމަށެވެ. އެހެންކަމުން ދަރުމަވެރި ގްރޫޕެއް ކަމަށްވާ ފެއާ ޝެއާ ކިޔާ ގްރޫޕާ ގުޅިގެން އެކުދިންނަށް އެހީތެރިވުމަށް ނިންމީ ކަމަށް ރަޝްފާޑް ބުންޏެވެ.
ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ފުރަތަމަ ކަނޑައެޅި އަމާޒަށް ވާސިލުވުމާ އެކު ރަޝްފޯޑް ކުރިޓްވީޓެއްގައި ބުނީ "އަދިވެސް ކުރަން ހުރި މަސައްކަތް ވަރަށް ގިނަ. މިއީ 2020ގައި އިނގިރޭސި ވިލާތުގެ ހާލަތު. އެހީތެރިކަން ބޭނުންވާ އާއިލާތައް އެބަތިބި." ކަމަށެވެ.
ރަޝްފޯޑް ދަރުމައަށް ކުރަމުން އަންނަ އިޖްތިމާއީ މުހިއްމު މަސައްކަތާ ގުޅިގެން މިދިޔަ ހަފްތާގައި އޭނާއަށް ވަނީ ހައި ޝެރިފް ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ލިބިފަ އެވެ. ވޭތުވެ ދިޔަ ހަފްތާގައި ޔޫރަޕުން ފާހަގަކޮށްލެވުނު އެންމެ އަގުހުރި ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ރެޝްފޯޑް ވަނީ ހިމެނިފަ އެވެ.
"އަހަރެމެންގެ އަމާޒަކަށް ހެދީ ޖޫން މަސް ނިމުމުގެ ކުރިން އިނގިރޭސި ވިލާތުގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ތިން މިލިއަން މީލް ފޯރުކޮށްދިނުން. މިއަދު އަހަރުމެންނަށް އެކަން ހާސިލްކުރެވޭ މިންވަރަށް ފައިސާ ހޯދިއްޖެ. އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ރަޝްފޯޑް ބުނެފައި ވެއެވެ.
މީގެ އިތުރުން ރަޝްފޯޑް ބުނެފައިވަނީ މިހާރު ކުރެވިފައި ހުރި މަސައްކަތް އުފަލާއެކު ފާހަގަކުރަމުން އަންނައިރު އަދިވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އިނގިރޭސި ވިލާތުގައި ދިރުއުޅޭ އެއްވެސް ކުޑަކުއްޖަކު އެ ކުއްޖާގެ މީލްއާ ދޭތެރޭ ވިސްނަން ނުޖެހޭ ވަރު ވަންދެން އޭނާގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރަޝްފާޑް ވަނީ ދީފައެވެ.
އުމުރުން އެންމެ 18 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑުން ޖާގަހޯދައި އޭނާ ވަނީ ޔުނައިޓެޑަށް މިހާތަނަށް 202 މެޗް ކުޅެ 64 ގޯލް ކާމިޔާބުކޮށްދީފައެވެ. އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑުގެ މުހިންމު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. ގޯލާއި ރައްޓެހި ހަލުވި ކުޅުމެއް ކުޅޭ ރަޝްފާޑް ވަނީ އިނގިރޭސި ވިލާތުގެ ގައުމީ ޓީމަށް 10 ލަނޑު ކާމިޔާބު ކޮށްދީފައެވެ.