ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމެކެވެ. ރީތި ކަނޑުފަޅުތަކާއި ރީތި ދޮންވެލި ތުނޑިތަކެވެ. ވިލުނޫކުލައިގެ ސާލެއް ފަދަ އޮމާން މޫދުތަކެވެ. ބައެއް ރަށްރަށަކީ މިފަދަ ގުދުރަތީ ރީތިކަން އިންތިހާއަށް ލިބިފައިވާ ރަށްރަށެވެ. އެގޮތުން ރ. ފައިނަކީ އެފަދަ އެތައް ރީތިކަމެއް ލިބިފައިވާ ރަށެކެވެ.
ރ. އިނގުރައިދޫއާ ކިނޮޅަހާއި ދެމެދު އޮންނަ 500 އެއްހާ މީހުންގެ އާބާދީއެއް އުޅޭ ފައިނުގެ އެންމެ ހާއްސަ ކަމަކީ ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު އެރަށުގެ ހުޅަނގު އުތުރުކޮޅުގައި އޮންނަ ތުނޑީގައި އުފެދޭ ބީއްސާވެލި ނުވަތަ ކުޑަ މޫދެވެ. ކޯރެއް ގޮތަށް ވަށައިގެން ދޮންފަސް ލެވިފައިވާ މި މޫދަކީ އެރަށުގެ ކުދިބޮޑު އެންމެން އެތަނުން ހިތް އުފާކުރާ ތަނެކެވެ. ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ކޮންމެ ދުވަހަކު އެ ކޯރަށް އެކުދިންގެ ބެލެނިވެރިން ދެއެވެ. ބިޔަ ރާޅުތަކުގެ ނުރައްކަލާއި، އޮއިބާރުވުން ފަދަ އެއްވެސް ނުރައްލެއް ނެތް އެ މޫދަކީ، ކުޑަކުދިން މޫދަށް އެރުމަށް ރައްކާތެރިތަނެއްކަމުގައި އެރަށުގެ ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.
ކުޑަ މޫދާ ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އުފެދިފައިވާ ކުޑަ މޫދު ބޮޑު ކަމަށެވެ. އެގޮތުން މިއަހަރު އުފެދުނު ކުޑަ މޫދު (ފައިނު މީހުންގެ ބަހުން ނަމަ ކޯރު)ގެ ދިގުމިނުގައި 500 ފޫޓު ހުންނާނެ ކަމަށާއި އެންމެ ފުން ސަރަހައްދުގައި މީޓަރެއް ހުންނާނެ ކަމަށް ނާސިރު ވިދާޅުވިއެވެ.
"ކޮންމެ އަހަރަކުވެސް މިދުވަސްވަރު ރަށުގެ ހުޅަނގު އުތުރުކޮޅުގައި އޮންނަ ތުނޑީގައި ކުޑަ މޫދެއް އުފެދޭ. ގިނަ ރައްޔިތުން އެއަށް ކޯރޭވެސް ކިޔާ. އެއީ ކޯރެއް ގޮތަށް ދެފަރާތަށް ދޮންފަސް ލެވިގެން އުފެދިފައިވާތީ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އުފެދުނު ކުޑަ މޫދު ބޮޑު. އެގޮތުން މިފަހަރުގެ ކުޑަމޫދުގެ ދިގުމިނުގައި ގާތްގަނޑަކަށް 500 އެއްހާ ފޫޓު ހުންނާނެ" ނާސިރު ވިދާޅުވިއެވެ.
ފައިނު ތުނޑީގައި އުފެދިފައިވާ ކުޑަމޫދަށް އެރުމަށް ވަކި ހާއްސަ ހުއްދައެއް ނަގަން ނުޖެހޭއިރު، އެ ތަން ވެފައިވަނީ އެރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު ދަތުރުދާ މަންޒިލަކަށެވެ. ކުޑަކުދިންނާއެކު އެ މޫދުގައި އެރަށުގެ ރައްޔިތުން ހަރަކާތްތެރިވަނީ އުފާވެރިކަމާ އެކުގައެވެ. އެ މޫދުގައި ކުޑަކުދިން ހޭލަމޭލައަށް އުޅޭއިރު، އެކުދިންނަށް އެ މޫދަކީ ރައްކާތެރިތަނެއްކަމުގެ ޔަގީންކަން އެކުދިންގެ ބެލެނިވެރިންނަށް އޮވެއެވެ. ކޮންމެ ދުވަހަކުވެސް އެރަށުގެ 100 އެއްހާ މީހުން ކުޑަ މޫދަށް ޒިޔާރަތްކުރެއެވެ. ކުޑަ މޫދު އޭގެ އެންމެ ފުރިހަމަ ގޮތުގައި މިދުވަސްވަރު އުފެދިފައި އޮންނަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އަކުން މެންދުރުފަހު 2:30 ހާ އިރަށެވެ. އޭގެ ފަހުން ކުޑަ މޫދުގައި ހުންނަ ލޮނުގަނޑު ހިކި އެތަން ދޮންވެލިފަސްގަނޑަކަށް ބަދަލުވެއެވެ. އެގޮތަށް އެކަން ދިމާވަނީ ދިޔަވަރަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
ފައިނުގެ ކުޑަ މޫދުގެ ރީތިކަން ހަމަލޮލުން ދެކިލުމަށް ކައިރި ބައެއް ރަށްރަށުންވެސް މީގެ ކުރިން އެރަށަށް މީހުން ގޮސް އުޅުނެވެ. އަދި މިއަހަރުވެސް އެރަށަށް ދިއުމަށް އަވަށްޓެރި ރަށްތަކުގެ ބައެއް މީހުން އެދެމުން އަންނަ ކަމަށް ފައިނު ކައުންސިލުން ބުނެއެވެ. ނަމަވެސް މި ދުވަސްވަރަކީ ކޮވިޑުގެ ދުވަސްކޮޅަށް ވުމާއި ބަލި ނެތްނަމަ އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފައި އޮތް ނަމަވެސް އެރަށުގެ ކުޑަ މޫދަށް ޒިޔާރަތްކުރުމަށް އެހެން ރަށްތަކުގެ މީހުންނަށް ހުއްދަ ދިނަސް ދޭނީ އެޗްޕީއޭގެ ލަފާގެ މަތިންކަމުގައި ކައުންސިލުން ބުނެއެވެ.
ކުޑަ މޫދުގެ އިތުރުން ފައިނުގެ ފުން ފަޅަކީވެސް އެރަށުގެ ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ ނިއުމަތެކެވެ. އެ ފަޅުގައި ބިޔަކޮށް ތެދަށް ދެމިލާފައިވާ އެތައް ފުނަ ގަހެއް ހުރެއެވެ. މީގެ ކުރިން އަތޮޅުވެރިކަންވެސް ހުރި ފައިނަކީ އާސާރީ ތަންތަންވެސް ކޮންމެވެސް ވަރަކަށް އެކުލެވޭ ރަށެވެ. ދަނޑުވެރިކަމާއި، ފަރުމަސްވެރިކަމުން އާމްދަނީ ހޯދާ ގިނަ ބަޔަކު ފައިނުގައި އުޅޭއިރު، އެރަށަކީ ލޯކަލް ޓޫރިޒަމް ކުރިއެރުވޭނެ ރަށެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ގުދުރަތީ ރީތިކަމާއެކު ފައިނުގެ ރައްޔިތުން މިއަދު ތިބީ އުފަލުންނެވެ. އެ ރިތީކަމާމެދު ފަހުރުވެރިވާ ހާލުގައެވެ.