އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރޮބިން ރިހާނާ ފެންޓީ އޭނާގެ، ކްލާރާ ލިއޮނެލް ފައުންޑޭޝަންގެ ފަރާތުން ނަފްސާނީ ދުޅަހެޔޮ ކަމުގެ ހިދުމަތްދޭ ތަންތަނަށް 15 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.
ނުރައްކާތެރި ކޯވިޑް 19 ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ލޮކްޑައުންގެ ސަބަބުން ބޭރަށް ނުދެވި ގިނަ ދުވަހު ގޭގައި ބަންދުވެފައި ތިބެން ޖެހުމުގެ ސަބަބުން ގިނަ މީހުންނަށް ވަނީ ނަފްސާނީ އެކި ބަލިތައް ތަހައްމަލު ކުރަން ޖެހިފައެވެ. އެހެންކަމުން ޓުވީޓާގެ ސީއީއޯ ޖެކް ޑޯސޭ އާއި ގުޅިގެން ރިހާނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒުތަކަށް 15 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ.
"ޑެއިލީ މެއިލް" އަށް ރިހާނާ ދިން އިންޓަވިއުއެއްގައި ބުނީ، އެމެރިކާގެ ގިނަ ސިޓީތަކެއްގައި ލޮކްޑައުން އުވާލި ނަމަވެސް، އަދިވެސް ގިނަ ބަޔަކު ނަފްސާނީ އެކި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ރިހާނާ ހަދިޔާކުރި ލާރި ހަރަދު ކުރާނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މަރުކަޒުތަކަށާއި، އަތްމަތި ދަތިވެ ޒަރޫރީ ބޭނުންތައް ފުއްދޭނެ ތަނަވަސްކަމެއް ނެތް މީހުންނަށް އެހީވުމަށެވެ.
މިދިޔަ މާޗް މަހު ރިހާނާ ވަނީ ކޮވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް 5 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ.