ހުކުރު ޚުތުބާ

މިދަނޑިވަޅުގައި އެންމެ މުހިއްމީ، އެކަކު އަނެކަކަށް އަޅާލައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުން: ހުތުބާ

އިބްރާހިމް ޒަކީ

ކުރިމަތިވެފައިމިވާ ހިތާމަ އާއި ހިތްދަތިކަމުގެ މިވަގުތުގައި އެންމެ މުހިއްމީ އެކަކު އަނެކަކާ އަޅާލައި އިޖުތިމާއި ގުޅުންތައް ބަދަހިކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ނަފްސާނީ، އިޖުތިމާއި، ދުޅަހެޔޮކަމުގެ މައްޗަށް އަމާޒުކޮށް، މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، އިންސާނުންނާ ކުރިމަތިވާ ހިތާމައިގެ ވަގުތުތަކުގައި، އިޖްތިމާއީގޮތުން ކުރަން އެންމެ ބޭނުންތެރި އެއް ކަމަކީ، އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އެހީތެރިވުން ކަމަށެވެ.

މި އަހަރު ފެށުނީއްސުރެން މުޅި ދުނިޔެ މިވަނީ ވަރަށްބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައި ކަމަށާއި، މީސްތަކުންގެ އަތްމަތި ދަތިވެ، އެކަހެރި ދިރިއުޅުމެއް އުޅެން ޖެހިފައިވާ، މި ނާޒުކު ދަނޑިވަޅުގައި މުޅި އިންސާނިއްޔަތު އެދި ގޮވަނީ، އެއްބަޔަކު އަނެއްބަޔަކާ އަޅާލައި އެހީތެރި ވުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

"މިނުރައްކާތެރި އަދި ހިތްދަތި ވަގުތުގައި ވެސް، އިންސާނިއްޔަތުގެ ހިދުމަތުގައި، ރެއެއް ދުވާލެއް ނެތި އަމިއްލަ އާއިލާތަކާ ދުރުގައި، އިންސާނީ ހިދުމަތުގައި އެތައް ބަޔަކު މައިދާނުގައި ހަރަކާތްތެރި ވަމުން އެބަ ގެންދެއެވެ. ޑޮކްޓަރުންނާއި، ނަރުހުންނެވެ. ސިފައިންނާއި ފުލުހުންނެވެ. ސަރުކާރާއި އާއްމު ރައްޔިތުންގެ އެތައް ބަޔަކު، ހާލަތާއި، ވަގުތާއި، ގުޅޭގޮތުން ފޯރުންތެެރިކަން ހުރި މިންވަރުގެ އެހީ ތަކާއި، ހިދުމަތްތައް ދެމުން އެބަ ގެންދެއެވެ. މި ހުރިހާ ފަރާތްތަކަށް މާތް ﷲ ހެޔޮޖަޒާ ދެވާށިއެވެ،"

އެހީތެރިކަމާއި ހިދުމަތަށް، މުޅި ދުނިޔެ އެދި ގޮވަމުން މިދާ ދަނޑިވަޅުގައި، ދެވޭ ކޮންމެ ހިދުމަތެއް، ޝުކުރުވެރި ހިތަކުން ބަލައިގަތުމުގެ ވިސްނުން އިސްކުރުމަކީ، ނަފްސަށް ލިބޭނޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށާއި، އިޖްތިމާއީ ގުޅުންތައް ބަދަހި ކުރުމަށްޓަކައި އެޅިދާގެންދާ ވަރުގަދަ ބިންގަލެއްކަމުގައި ވެގެންދާނެ ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

"މީގެ އެތައް ސަތޭކަ އަހަރު ކުރިއަށް ޖެހިލާއިރު، ފެންނަނީ އެހީތެރިކަމުގެ އެފަދަ ދެވަނައެއް ނެތް ނަމޫނާއެކެވެ. އަމިއްލަ އުފަން ރަށުގައި ދިރިއުޅެން ދަތިވެ، ގޮތް ހުސްވެގެން ދިޔަހިނދު، އަމިއްލަ ވަޒަން ދޫކޮށް މައްކާއިން ވަޑައިގެންނެވި މުހާޖިރުންނާމެދު، މަދީނާގެ އިންސާނުން ބެހެއްޓެވި އަހުވަންތަ ކަމާއި ވެވަޑައިގެންނެވި ގުރުބާނީ އެވެ. އެވާހަކަ ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައި ވަނީ، ހާދަހާ ފުރިހަމައަކަށެވެ. އަޅުގަޑުމެން ވެސް މިފަދަ ވަގުތު ތަކުގައި އެ ހާދިސާއިން ދަރުސާއި އިބުރަތް ލިބިގަންނަމާތޯއެވެ. އިޖްތިމާއި އަޅައިލުމާއި ނަފްސާނީ ރައްކާތެރިކަން ދިނުމުގެ މަތިވެރި ޖަޒުބާތުތައް ކުރިޔަށްނެރެ، އިސްކުރުމަށްޓަކައެވެ.،"

އިޖްތިމާއީ ގުޅުންތައް ބަދަހިވެގެން ދިއުމުގެ ނަތީޖާއަކީ ނަފްސާނީ ދުޅާހެޔޮކަމާއެކު ދިރިއުޅުން ފަހިވެގެން ދިއުން ކަމަށާއި އިޖްތިމާއި ގުޅުންތައް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުންގެ ތެރެއިން ހަމަކޮންމެ މީހަކުވެސް ސަމާލުކަން ދޭން ޖެހޭ ތިންކަމެއް ވާކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"ކޮންމެ މުއުމިނަކާއެކު ތިބާ ދަމަހައްޓަން ޖެހޭ ގުޅުންތައް ގާއިމް ކުރުމަށް ތިންކަމެއްގެ މައްޗަށް އަމަލުކުކުރާށެވެ. ފުރަތަމަ ކަމަކީ މުއުމިނަކަށް ތިބާގެ ފުށުން ފައިދާއެއް ނުކުރާނަމަ އޭނާއަށް ގެއްލުމެއް ވެސް ނުދޭށެވެ. ދެވަނަ ކަމަކީ މުއުމިނަކަށް ތިބާގެ ފުށުން އުފަލެއް ނުދެވޭނަމަ، އޭނާއަށް ހިތާމައެއް ވެސް ނުޖައްސާށެވެ. ތިންވަނަ ކަމަކީ މުއުމިނެއްގެ ހައްގުގައި ހެޔޮ ބަހެއް ނުބުނެވޭނަމަ، އޭނާއަށް މަލާމާތެއް ވެސް ނުކުރާށެވެ.،" ހުތުބާގައި ވެއެވެ.