ރިޕޯޓް

ބޭސްފަރުވާއަކީވެސް އިންސާނީ ހައްގެއް، ބިދޭސީންނަށް ވެސް އެހައްގު ޔަގީންކޮށްދެމާތޯ؟

އައިދާ އަބްދުލް ހަކީމް

އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ހައްގުތަކުގެ ވާހަކައަކީ އަބަދުވެސް ކޮންމެ މުޖުތަމައުއެއްގައިވެސް އަޑު ހަރުކޮށް ދެކެވެމުންދާ ވާހަކައެކެވެ. ނަމަވެސް މިދުވަސްކޮޅު މިވަނީ މިވާހަކަތައް ދެކެވެމުން އަންނަ މިންވަރު އިތުރުވެފައެވެ. ގޮތް ނޭނގޭ މުސީބާތަކުން ދުނިޔެ ސިއްސުވާލާފައިވާ މިދަނޑިވަޅުގައި ގިނަ ބައެއްގެ ނުތަނަވަސްކަން ހުރީ އެންމެނަށް އެއް ހަމައެއްގައި ބޭސް ފަރުވާގެ ކަންކަން ފޯރުކޮށް ނުދެވުމުގެ ސަބަބުން ދެން ކުރިމަތިލާން ޖެހިދާނެ ކަންކަމަށް ބިރުވެތިވުމުގެ މައްޗަށެވެ. މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ފަރުދަކަށްވެސް ކުރިމަތިވާ ހާލަތަކީ، މިފަދަ އާލަމީ ވަބާއެއްގައި އަނެކާއަށް ވެސް މެދުވެރިވާ ހާލަތަކަށް ވުމަކީ ދުރުކަމެއް ނޫނެވެ.

ރާއްޖެ މިހާހިސާބަށް އައުމުގައި އެންމެ ބޮޑު އެއް ހިއްސާއެއް އަދާކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރީން ނެވެ. ރާއްޖެއަކީ ގައުމުގެ އާބާދީއާ އަޅައި ބަލާއިރު ބިދޭސީން ގިނަ ގައުމުކެވެ. ސިނާއީ މަސައްކަތްތަކަށާއި އެހެނިހެން މަސައްކަތުގައި ބިދޭސީންގެ އެހީތެރިކަން އަހަރެމެން ދިވެހިން ބޭނުންކުރާ މިންވަރު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް ހިތާމައާ އެކު ފާހަގަކޮށްލަން ޖެހޭ ހަގީތަކަކީ އެމީހުންނަކީ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ވަރަށް ނިކަމެތިކޮށް ދިރިއުޅޭ ބައެއް ކަމެވެ. ބަލިމަޑުކަމަށް ހުށަހެޅިފައިވާ މިންވަރު އިތުރު ބައެއް ކަމެވެ. އެކަމުގައި ހަގީގީ އިހުމާލު އޮތީ އެމީހުންގެ އެކަނި ނޫންކަންވެސް ގަބޫލުކުރާން ޖެހެ އެވެ.

ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ކަންކުރާ އުސޫލުތަކުގެމަތިން ސަރުކާރުން ވަނީ ވޯކް ވިސާގައި ރާއްޖެ އެތެރެވާ އެންމެނަށް ހިލޭ ބޭސް ފަރުވާ ކުރެވޭނެ ނިޒާމެއް ގައުމީ އިންޝުއަރަންސް ހިދުމަތުގެ ބައިވެރިޔާ އެލައިޑް އިންޝުއަރަންސާ ގުޅިގެން ކަނޑައަޅައިފައެވެ.

"އެކްސްޕެޓްރިއޭޓް އިންޝުއަރަންސް"ގެ ނަމުގައި ދޭ މިހިދުމަތަކީ އެނދުމަތިކޮށްގެން ހޯދާ ބޭސް ފަރުވާ ޔަގީންކުރުމަށް ފަރުމާކޮށްފައިވާ، ކޮންމެ ބިދޭސީއަކަށްވެސް ލިބުން ލާޒިމް ޕެކޭޖެކެވެ. މިޕެކޭޖް ނަގާފައިވާ މީހަކު ދުނިޔެ ދޫކުރާ ހާލަތްތަކުގައި ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާ ދިނުމުގެ ހަރަދު ހަމަޖައްސައިދެނީވެސް އެލައިޑުންނެވެ. ރާއްޖޭގައި ވަޅުލުމަށް އެދޭނަމަ އާއިލާއަށް މާލީ އެހީތެރިކަމެއް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެލައިޑުން ފޯރުކޮށްދެއެވެ.

މިއީ ހަމަގައިމުވެސް ބިދޭސީން ރާއްޖެ އެތެރެކޮށްގެން މަސައްކަތް ކުރާ ފަރާތްތަކަށާއި ބިދޭސީ އާއިލާތަކަށްވެސް މުހިންމު މަންފާތަކެއް ލިބިދެނިވި، އަހަރަކަށް އެންމެ 550 ރުފިޔާ ހަރަދުވާ ހިދުމަތެކެވެ. ފުރާނައިގެ އަގަކީ އަގުނުކުރެވޭނެ މިންވަރެކެވެ. އެހެންކަމުން މިފަދަ ކުޑަ ހޭދައަކުން އެކުގައި މަސައްކަތްކުރާ ފަރާތެއްގެ ބޭސްފަރުވާ ޔަގީން ނުކުރަންވީ ހަމަ އެއްވެސް ސަބަބެއް ނެތެެވެ.

އެލައިޑް އިންޝުއަރަންސުން މައުލޫމާތު ދޭ ގޮތުގައި ލޮކްޑައުންގެ ހާލަތަށް ގައުމު ބަދަލުވީއްސުރެ ފެށިގެން އެކުންފުނީގެ ހުރިހާ ހިދުމަތެއްވެސް، މެދުކެނޑުމެއްނެތި އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަައްސައިފައެވެ. އެގޮތުން، އެކްސްޕެޓްރިއޭޓް އިންޝުއަރަންސް ނެގުމާއި އާ ކުރުމުގެ ކަންކަން އެލައިޑް އޮފީހަށް ދިއުމުގެ ބަދަލުގައި އެލައިޑްގެ އޮންލައިން ޕޯޓަލް myallied.mv މެދުވެރިކޮށް ފުރިހަމަ ކުރުމަށް އެލައިޑުން އިލްތިމާސްކުރެއެވެ. ގައިދުރުކަން ބެހެއްޓުމަށް މުހިންމުވެފައިވާ މި ހައްސާސް ވަގުތުގައި އޮފީސްތަކަށް ކިއުގައި މަޑުކުރުމަށް ދިޔުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ހޯދާފައިވާ ކުރިއެރުން ވަޒަންކޮށް، މިގޮތްތައް ހިޔާރުކުރުމަކީ މާ ބޮޑަށްވެސް ބުއްދިވެރި ގޮތެވެ. އަދި އިތުރު ބަލިތަކަށް ހުށަނޭޅި އެމީހަކު ހުރިތަނެއްގައި ހުރެގެން ފަސޭހަކަމާ އެކު މި ހިދުމަތް ލިބޭނެ ގޮތް އެލައިޑުން މިވަނީ މަގު ފަހި ކޮށްދީފައެވެ.

ރާއްޖެއަށް ގެންނަ ބިދޭސީން މި ޕެކޭޖް ނަގަން ޖެހޭ ގޮތަށް މީގެ ތިން ވަރަކަށް އަހަރު ކުރިން ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން އެލައިޑުން ދޭން ފެށި މިހިދުމަތް މިހާރު ގިނަ އަދަދެއްގެ މީހުން ނަގާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.