ތި ހުންނަނީ ދަރިފުޅު ބަނޑުގައި ރިއްސާތީ ރޯވަރުން ހަދާނެ ގޮތް ހުސްވެފައި ހެއްޔެވެ؟ ދެން އިތުރަށް އެކަމާ ހާސްވާކަށް ނުޖެހޭނެއެވެ. މި ލިޔުން ކިޔާލުމުން ދަރިފުޅު ބަނޑުގައި ރިއްސާނަމަ ގޭތެރެއިން ދެވިދާނެ ބައެއް ފަރުވާތައް އެނގިގެން ދާނެއެވެ.
ބަނޑުގައި ރިއްސުމަކީ ކުޑަކުދިންނަށް އާއްމުކޮށް ދިމާވާ ކަމެކެވެ. މިކަމަކީ ބެލެނިވެރިން ވެސް ވަރަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. ގިނަ މައިންބަފައިންނަށް ދަރިން ބަނޑުގައި ރިއްސާތީ ރޯންފެށުމުން ގޭތެރެއިން އެކަމަށް ހައްލު ހޯދާނެ ގޮތެއް ނޭނގެއެވެ. އާއްމު ގޮތެއްގައި ކުޑަކުދިންގެ ބަނޑުގައި ރިއްސާނީ ކާއެއްޗެހީގެ ސަބަބުންނެވެ. މީގެ އިތުރުން ބޮޑުކަމު ނުދެވުމާއި، ބަރާބަރަށް ނުކެވުމަކީވެސް ބަނޑުގައި ރިހެން މަދުވެރިވާ ސަބަބެކެވެ.
ޔޯގަޓަކީ އާއްމުކޮށް ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. ގިނަ ކުޑަކުދިން ވެސް ޔޯގަޓް ވަރަށް މީރުކޮށް އަދި ކާހިތުން ކައެވެ. ޔޯގަޓަކީ ބަނޑުގައި ރިއްސާނަމަ ގޭތެރެއިން ހޯދިދާނެ ފަރުވާއެކެވެ. ދަރިފުޅު ބަނޑުގައި ރިއްސާތީ އުޅޭނަމަ، ޔޯގަޓު ތައްޓެއް ކާން ދިނުމުން ބަނޑުގައި ރިހުން މަޑުވެ ލުއި ލިބޭނެއެވެ.
ގިނަ ފަހަރަށް ސިއްހީ މައްސަލައަކާއި ނުލައި ކުޑަކުދިންގެ ބަނޑުގައި ރިއްސާނީ ބޮޑުކަމު ދިއުމުގައި އުނދަގޫތަކާއި ކުރިމަތި ވާތީ ނުވަތަ ދެތިން ދުވަސްވަންދެން ބޮޑުކަމު ނުދެވޭތީއެވެ. އެހެންކަމުން ދަރިފުޅު ބަނޑުގައި ރިއްސާތީ އުޅޭނަމަ، ކުއްޖާއަށް މޭވާއާއި ތަރުކާރީގެ ބާވަތްތައް ގިނައިން ކާން ދިނުމަކީ އެކަމަށް އޮތް ފަރުވާއެކެވެ.
ކުޑަކުދިން ބަނޑުގައި ރިއްސުމުގެ އެއް ސަބަބަކީ އެކުދިން ކާ އެއްޗެހި ރަނގަޅަށް ހަޖަމް ނުވުމެވެ. ނުވަތަ ގިނަ އިރު ވަންދެން ހަޖަމް ނުވެ ހުރުމެވެ. އެހެންކަމުން ދަރިފުޅަށް ކާން ދިނުމަށް ފަހު އެކުއްޖާ ގޮވައިން ހިނގާލަން ގޮސް، ނުވަތަ އާދައިގެ ލުއި ދެތިން ކަސްރަތެއް ކުރުވުމަކީ ފަސޭހައިން އަވަހަށް ކާ އެއްޗެހި ހަޖަމް ވާނެ ގޮތެކެވެ.
މީގެ އިތުރުން، ހަށިގަނޑުން ފެން މަދުވުމަކީ ވެސް ބަނޑުގައި ރިހެން މެދުވެރިވެދާނެ ސަބަބެކެވެ. އެހެން ކަމުން ދަރިފުޅު ރަނގަޅަށް ފެންބޮއިތޯ ބެލެނިވެރީން ބަލަން ވާނެ އެވެ. އެކަން ޔަގީން ކުރަން ވާނެ އެވެ.
ދަރިފުޅުގެ ބަނޑުގައި މެދުނުކެނޑި ރިއްސާތާ ދިގު މުއްދަތެއް ވެފައިވާނަމަ، ނުވަތަ ބަނޑުގައި ރިހުމުގެ އިތުރުން އެހެން ސިއްހީ މައްސަލަތައް ދިމާވާނަމަ ނުވަތަ ފާހަގަވާ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ޑޮކްޓަރަށް ދައްކަން ދިއުމުގެ ކުރީން އެންމެ ފަހުން ދަރިފުޅަށް ފަނީބޭސް ދިން އިރެއްވެސް ޔަގީންކޮށްލުން މުހިންމެވެ. އެއީ ވަކި އުމުރަކުން ކުޑަކުދީންނަށް ފަނީ ބޭހަކީވެސް ގަވައިދުން ދޭން ޖެހޭ އެއްޗެކެވެ. މިޒަމާނުގައި ސްކޫލު ތެރެއިން އެމަރުހަލާ ކުރިޔަށް ދިނަ ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ އެކަން ނުވެ އޮންނަކަން ފާހަގަ ކުރެވޭ ފަހަރުވެސް އާދެއެވެ.