މުނިފޫހިފިލުވުން

އަހަރެންވެސް އަމިއްލަޔަށް މަރުވާނެ ކަމަށް ބައެއް މީހުން ބުނި: ކަންގަނާ

އީމާ މުހައްމަދު ވަހީދު

ޑިޕްރެޝަނަށް ފަރުވާ ކުރަމުން ދަނިކޮށް ޝުޝާންތު ސިންގު ރާޖްޕުތު އަމިއްލަޔަށް ދަންޖެހިގެން މަރުވުމުން، ބޮލީވުޑް ތެރޭގައި އޮތް ގަނާ ކުރުމާއި ނެޕޮޓިޒަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ފަންނާނަކީ ކަންގަނާ ރަނޯއަތުއެވެ.

އެގޮތުން ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި، ކަންގަނާ ބުނީ މަޝްހޫރު ޑައިރެކްޓަރު ޖާވިދު އަޚްތަރު، އޭނާގެ ގެޔަށް ގެންގޮސް، ރިތިކް ރޯޝަންގެ ކިބައިން މާފަށް އެދެން ބުނި ކަމަށެވެ. ރާކޭޝްގެ އާއިލާއަކީ ބޮލީވުޑްގައި ވަރަށް ބާރު ހިނގާ އާއިލާއެއް ކަމަށް ބުނެ، އެމީހުންގެ ކިބައިން މާފަށް ނޭދިއްޖެނަމަ ކެރިއާ ހަލާކުކޮށްލާނެ ކަމަށް ބުނި ކަމަށެވެ. މީގެ އިތުރުން އެކަމުގެ ސަބަބުން ކަންގަނާ އަމިއްލަޔަށް މަރުވާނެ ކަމަށްވެސް ބުނި ކަމަށް ކަންގަނާ ވަނީ އިންޓަވިއުގައި ފާހަގަކޮށްފައެވެ.

ޝުޝާންތުގެ މަރާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަންގަނާ ބުނީ، ޝުޝާންތު އަމިއްލަޔަށް މަރުވީ ދާއިރާގައި އޭނާ އެކަހެރިކޮށްލައި ގަނާ ކުރާތީ އެކަމަށް ކެތް ނުކުރެވިގެން ކަމަށެވެ.

ސުޝާންތު އަމިއްލަޔަށް ދަންޖެހިގެން މަރުވުމާ ގުޅިގެން، ބޮލީވުޑަށް ވަނީ ބޮޑެތި ފާޑުކިޔުންތައްވެސް ކުރިމަތިވެފަ އެވެ. އެ ގޮތުން ނުފޫޒު ގަދަ ޑައިރެކްޓަރުންނާއި އާއިލީ ގޮތުން ނުފޫޒު ގަދަ މީހުންނަށް އެކަނި ފުރުސަތުތައް ދީ، އެނޫން މީހުން ބާކީ ކޮށްލާ ކަމުގެ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.