ޓްރާންސްފާ މާކެޓުގައި ޕްރިމިއާ ލީގްގެ ވާދަވެރި އެހެން ކްލަބުތަކުން ކިތަންމެ ގިނަ ހަރަދެއް ކުރި ނަމަވެސް ފަރުވާލެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ޓްރާންސްފާ މާކެޓްގައި ވާދަވެރި ޓީމުތަކުން މޮޅެތި ކުޅުންތެރިން ގެންދަމުންދާތީ އެކަމަށް އިޝާރާތް ކޮށް މޮރީނިއޯ ބުނީ މިސީޒަނުގައި އެޓީމުން ހަމަކުރާނީ ބެލެންސް ޓީމެއް ކަމަށެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ ޕްރިމިއާ ލީގްގެ އެހެންޓީމް ތަކާ އެންހަމައެއްގައި ޓޮޓެންހަމް ނުހިމެނޭނެ ކަމަށެވެ. އަދި ވާދަވެރި އެހެން ކްލަބުތަކުން ކިތަންމެ ގިނަ ހަރަދެއް ކުރި ނަމަވެސް އޭނާގެ ފަރުވާލެއް ނެތް ކަމަށެވެ.
"ޓޮޓެންހަމްގެ އާދައިގެމަތިން މިފަހަރުވެސް ދާނީ ވަރަށް ހަމަހަމަ ގޮތަކަށް ކަންކަންކުރަމުން" މޮރީނިއޯ ބުންޏެވެ.
ޓޮޓެންހަމް އިންވަނީ މިއަހަރު އެޓީމުގެ ހަރަދުތައް ކުޑަކުރުމަށް ނިންމައިފައެވެ. މިދިޔަ އަހަރު ގާތްގަނޑަކަށް 100 މިލިއަން ޔޫރޯ ހަރަދުކުރި ޓީމަށް މިއަހަރު އެވަރުގެ އަދަދެއް ހަރަދުކުރަން ނުލިބޭނެކަން މޮރީނިއޯ ގަބޫލުކުރެއެވެ.
ކޮވިޑް 19 އާ ގުޅިގެން ތިން މަސްދުވަހަށް މެދު ކަނޑާލާފައި އޮތުމަށް ފަހު މި މަހުގެ 17 ވަނަ ދުވަހު ފެށި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އޮތީ ތާވަލުގެ 9 ވަނައިގައެވެ. ކުޅުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ކުޅޭ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި މިރޭ ޓޮޓެންހަމް ބައްދަލު ކުރާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ އެވެ.
މިމެޗް އޮންނާނީ މިރޭ ރާއްޖެ ގަޑިން 00:15 ގައެވެ.