ސްޕެނިޝް ލީގުގައި ރޭ ރިއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލު ކުރި މެޗް 3-0 ގެ ނަތީޖާ އަކުން ރިއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފް ޑޮމިނޭޓް ކޮށްގެން ކުޅުނީ ރިއާލް މެޑްރިޑުންނެވެ. ރިއާލް މެޑްރިޑްގެ ރަފެލް ވެރާން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗްގެ 21 ވަނަ މިނެޓުގައި ވެލެންސިއާގެ ރޮޑްރިގޯ ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ.
ރެފްރީގެ އެ ނިންމުމާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ސަބަބުން ވެލެންސިއާގެ ޖޯސޭ ގާޔާ އަށް ވަނީ މެޗްގެ 24 ވަނަ މިނެޓުގައި ރީނދޫ ކާޑެއް ދައްކައިފައެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައި މާގިނަ އިރުތަކެއް ނުވެ މެޗްގެ 60 ވަނަ މިނެޓުގައި އިޑެން ހަޒާޑުގެ އެހީތެރިކަމާ އެކު ކަރިމް ބެންޒިމާ ވަނީ ރިއާލް މެޑްރިޑަށް ލީޑު ނަގައިދީފައެވެ. އޭގެ ތިން މިނެޓްފަހުން ލީޑު ފުޅާކުރުމަށް ގޯލް ކުރިމަތިން ހަޒާޑަށް ލިބުނު ފުރުސަތު ވަނީ ނާކާމިޔާބު ވެފައެވެ. ގޯލް ކުރިމަތިން ހަޒާޑަށް ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ އަރިމަތިން ބޭރަށެވެ.
މެޗްގެ ދެވަނަ ހާފް ވެސް ޑޮމިނޭޓު ކުރި ރިއާލް އިން ވަނީ މެޗްގެ 74 ވަނަ މިނެޓުގައި އެމީހުންގެ ދެ ވަނަ ގޯލް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މާކޯ އެސެންސިއޯއެވެ. އެ ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ އެޓީމުގެ ފަރލެންޑް މެންޑީގެ އެހީތެރި ކަމާއި އެކު އެވެ. ރޭގެ މެޗްގައި މާކޯ އެސެންސިއޯ ގޯލް ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އޭނާގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
މިލަނޑާ އެކު އެޓީމުން ލީޑު އިތުރަށް ފުޅާ ކުރުމަށް ކުރި މަސައްކަތުން މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން އަދި ރޭގެ މެޗްގެ މޮޅު ކުޅުމެއް ދެއްކި ކަރިމް ބެންޒިމާ އެވެ. މީ ބެންޒިމާ މި ސީޒަނުގައި ރިއާލް އަށް ޖަހައިދިން 16 ވަނަ ގޯލެވެ.
ރިއާލްގެ ތިންވަނަ ލަނޑު ޖެހިތާ މާގިނަ އިރެއް ނުވެ އެޓީމުގެ ސާޖިއޯ ރާމޯސް އަށް ކުރި ފައުލަކާއި ގުޅިގެން ވެލެންސިއާގެ ކަން-އިން ލީ އަށް ވަނީ މެޗް ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މި މޮޅާ އެކު ތާވަލްގެ އެއްވަނައިގައި އޮތް ބާސެލޯނާ އާ ދެމެދު އޮތް ފަރަގު ވަނީ ދެޕޮއިންޓަށް ކުޑަވެފައެވެ. ބާސެލޯނާ އަށް 64 ހަތަރު ޕޮއިންޓް ލިބިފައިވާ އިރު ދެވަނައިގައި އޮތް ރިއާލް މެޑްރިޑަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އަދި ސެވިއްޔާ ތިންވަނައިގައި އޮތީ 51 ޕޮއިންޓް ހޯދައިގެންނެވެ.