ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުއަށް ތާއީދުކުރައްވަން ރައީސް ޔާމިން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 13 އަކަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އެކަމާ ބެހޭ ގޮތުން އެމަނިކުފާނާއި މަޝްވަރާ ކުރައްވާފައި ކަމަށެވެ.
ރިޔާޒުގެ ވާހަކައިގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވި، ރައްޔިތުންނަށް ސަރުކާރުގެ ތެރެއިން ޚިދުމަތް ކުރެވެން އޮތީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން ކަމަށް ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރިޔާޒުގެ އެވާހަކަތައް ގަބޫލުފުޅުކުރައްވާފައިވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ރިޔާޒު ރަޝީދުއަކީ މަޖިލީހުގައި ދެ އަހަރު ދުވަހު ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށާއި، ރިޔާޒުގެ މަސައްކަތް ބަލައިގަންނަ ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ވަނީ ރިޔާޒު ޕީޕީއެމް ދޫކުރައްވާ ވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށާއި ޕީޕީއެމްއަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މަޖިލީހުގެ އިންތިޚާބުގައި ރިޔާޒުއަށް ތާއީދުކުރުމަށް އެދިވަޑައިގެންފައެވެ.
ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނަވާ އެ ޕާޓީ އިން ވަކި ވުމަށްފަހު ރިޔާޒު ވަނީ މިދިޔަ މަހު 29 ގައި ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވާފައެވެ.