ރިޕޯޓް

ދުލަކީ އެއަށް ރައްކާތެރި ނުވެވިއްޖެނަމަ އިންސާނާގެ ހަލާކެވެ.

އީމާ މުހައްމަދު ވަހީދު

އިންސާނުންނަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރާ ބައެކެވެ. ކުރާ ކަންކަމަށާއި، ދައްކާ ވާހަކަޔަށް އެހެން މީހުންގެ ނުފޫޒުފޯރާކަށް ބޭނުމެއް ނުވާނެއެވެ. އިންސާނާގެ ހަށިގަނޑުގައި ހުންނަ ގުނަވަންތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ގުނަވަނަކީ ދުލޭ ބުނުމަކީ މުޅިން ގޯސް ވާހަކަޔަކަށް ނުވާނެއެވެ. ދުލުން ބުނެވޭ އެންމެ ދެތިން ބަހުގެ ލަފްޒަކުންވެސް އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެދާނެއެވެ. އެހެންކަމުން، ދުލަކީ އިންސާނާގެ އެންމެ އަގުބޮޑު ހަޒާނާ ވެސް މެއެވެ.

ތިބާ ދުލުން ބުނާ ބަސްތަކަށް ނުވަތަ ދައްކާ ވާހަކަތަކަށް ރައްކާތެރިވުމަށްވެސް އިސްލާމު ދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވައިފައެވެ. އަހަރެމެން ދުލުން ބުނާ ކޮންމެ ބަހެއްގެ ހިސާބު ބެއްލެވޭނެއެވެ. މަހުޝަރު ބައްލަވާ ދުވަހުން އަހަރެމެން ދުނިޔޭގެ އުޅުނުއިރު، ދުލުގެ ބޭނުން ކުރީ ކިހިނެއްތޯ ސުވާލު ކުރެވޭނެއެވެ. އެހެންކަމުން އަހަރަމެން ދައްކާ ވާހަކަތަކަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަމައެކަނި މަހްޝަރު ދުވަހަކުން ނޫނެވެ. ދުލުން ބުނެވޭ ބަސްތަކަށާއި ދެއްކޭ ވާހަކަތަކަށް ރައްކާތެރި ނުވެވިއްޖެނަމަ، މިދުނިޔޭގައިވެސް އަހަރެމެންނަށް އެކި ކަންކަމާއި ކުރިމަތި ލާން ޖެހޭނެއެވެ. އެގޮތުން، ތިބާއަށް ނޭނގި ބުނެވޭ ބަހަކުންވެސް އަނެކާގެ ހިތަށް ވަރަށް ފުން އަސަރު ކުރުވައި އޭނާ ހިތުގައި ޖެހިދާނެއެވެ. ނުވަތަ މީހަކު ދިމާއަށް މަޖަލަކަށް ބުނާ އެއްޗަކުން އުމުރު ދުވަހު އެމީހަކާ އޮތް ގުޅުން ކެނޑިދާނެއެވެ.

ތިބާގެ ވާހަކަ ދެއްކުން ހުންނަ ގޮތުން، ތިބާއަކީ ކޮންކަހަލަ ސިފަތަކެއްގެ މީހެއްކަންވެސް އެނގޭނެއެވެ. މީހުންނަށް އިހްތިރާމު ނުކޮށް ދަށުދަރަޖައިގެ ހަޑި ބަސްތައް ބޭނުންކޮށްގެން މީހުންނާ ވާހަކަ ދައްކައި އުޅޭނަމަ، އެހެން މީހުން ތިބާ ދެކޭނީ އެއްވެސް އަހުލާގެއް ނެތް މީހެއްގެ ގޮތުގައެވެ. ކިތަންމެ ރުޅި އައިސް ނުވަތަ ދެރަވެފައި ހުންނަ ވަގުތެއްގައިވެސް ތިބާ ހިތަށް އަރާ ހުރިހާ އެއްޗެއް ނުކިޔާށެވެ. ހަމަޔަގީނުވެސް ހިތަަށް އަރާ ކޮންމެ އެއްޗެއް ބުނުމުގެ ހައްގު ދުލަކަށް ނެތެވެ.