ކުޅިވަރު

ޖަރުމަނުގެ ހަލުވި ސްޓްރައިކަރު ޓިމޯ ވާނާ ޗެލްސީއަށް ސޮއި ކޮށްފި

އައިދާ އަބްދުލް ހަކީމް

އާރްބީ ލިޕްޒިކް އަށް ކުޅެމުން އައި ޖަރުމަނުގެ ހަލުވި ސްޓްރައިކާ ޓިމޯ ވާނާ ޗެލްސީ އެފްސީއަށް ސޮއި ކޮށްފި އެވެ.

ޗެލްސީން ވަނީ ވާނާ އެޓީމަށް ސޮއިކޮށްފައިވާ ކަން އިއުލާނު ކޮށްފައެވެ.

އުމުރުން 24 އަހަރުގެ ޒުވާން ސްޓްރައިކަރު ވާނާ ވަނީ މިސީޒަނުގައި އާރްބީ ލިޕްޒިކް އަށް 32 ދެގޯލް ކާމިޔާބުކޮށް 43 ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ. ވާނާ އިއްޔެ ސޮއިކޮށްފައިވާއިރު އޭނާއަށް ޗެލްސީ ކުޅޭ މެޗްތަކުގައި ބައިވެރި ވެވޭނީ މެޑިކަލް ޓެސްޓުން ފާސްވެ އަންނަ މަހުއެވެ.

ޗެލްސީ އަށް 47.5 މިލިއަން ޔޫރޯ އަށް ސޮއި ކުރުުމަށްފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވާނާ ބުނީ ޗެލްސީ ފަދަ ބޮޑު ކުލަބަކުން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި އަދި މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ދެކޭ ކަމަށެވެ. ޗެލްސީފަދަ ދިގު ތާރީހެއް އޮތް ކްލަބަކަށް ކުޅުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.

"އަންނަ ސީޒަނުގައި ޗެލްސީ އަށް ކުޅެވޭތީ އަހަރެން މި ހުރީ ވަރަށް އުފާވެފަ. އަހަންނަށް ހީވަނީ މީ އެންމެ ރަނގަޅު ނިންމުންހެން. އަދި ޗެލްސީ ކަހަލަ ހިސްޓްރީ އެއް އޮތް ޓީމަކަށް އާދެވުމުން އަހަރެން ފަހުރުވެރިވަން." ވާނާ ބުންޏެވެ.

ޖަރުމަނުގެ ވީއެފްބީ ސްޓަޓްގާޓްން ސީނިއާ ކެރިއާ ފެށި ވާނާ ވަނީ އެޓީމަށް 95 މެޗުން 13 ކޯލް ކާމިޔާބު ކޮށްދީފައެވެ. އޭނާ މިހާރު ކުޅެމުން އަންނަ އާރްބީ ލިޕްޒިކަށް 125 މެޗުން 76 ގޯލް ކާމިޔާބު ކޮށްދީފައިވާއިރު، ވާނާ ވަނީ ޖަރުމަނުގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމަށް މިހާތަނަށް ކުޅުނު 29 މެޗުން 11 ގޯލް ކާމިޔާބު ކޮށްދީފައެވެ.

2016 ވަނަ އަހަރު އޭނާ އާރްބީ ލިޕްޒިކަށް ވާނާ ގެންގޮސްފައިވަނީ އޭރުގެ އެކްލަބްގެ ރެކޯޑް ފީ އަކަށެވެ. އެއީ 10 މިލިއަން ޔޫރޯ އެވެ.

ވާނާ އަކީ އަންނަ ސީޒަނަށް ޗެލްސީ އަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން ގެންގޮސްފައިވަނީ އަޔެކްސްގެ އަރިމައްޗަށް ކުޅެމުން އައި ހަކިމް ޒިޔެކް އެވެ.