ކުޅިވަރު

ލީގުގެ މެޗުތައް ހުޅުމާލެ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަހަރު ކުޅެވޭނެހެނެއް ހިޔެއް ނުވޭ: ޔޫތު މިނިސްޓްރީ

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ ފުޓުބޯޅައިގެ ގެއްލިފައިވާ ފޯރި އަލުން ގެނެއުމުގެ ވިސްނުމުގައި ފުޓުބޯޅަ އެސޯސިއޭޝަނުން މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ބައެއް މެޗްތައް ހުޅުމާލޭގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅެން ނިންމާފައިވީ ނަމަވެސް މިއަހަރު އެދަނޑުގައި ކުޅެވޭނެހެން ހީނުވާކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ އެ ސްޓޭޑިއަމް ނިންމުމުގެ މަސައްކަތް ފަށަން އުޅެނިކޮށް ކޮވިޑް 19 ގައި މުޅި ދުނިޔެ ހުއްޓުމަކަށް އައުމާއި ގުޅިގެން އެމަސައްކަތް މިހާރު މަޑިޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެމަސައްކަތް އަދި ނިމޭނެ ދުވަހެއް ބުނަން ދަތި ކަމަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ހުސެއިން ޖަވާޒު (ޖަވާ) ވިދާޅުވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު ހުޅުމާލެ ފުޓުބޯޅަ ސްޓޭޑިއަމްގެ މަސައްކަތް ނިމިއްޖެނަމަ އެދަނޑުގައި ވެސް މެޗްތައް ކުރިއަށް ގެންދާ ގޮތަށް އެފްއޭއެމް އިން ނިންމާފައިވާ ކަމަށެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ޖަވާ ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން މުބާރާތްތައް ކުރިޔަށް ނުގެންދިއުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވުމުން މުބާރާތްތައް ކުރިޔަށްގެންދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. ކޮވިޑާ ގުޅިގެން ހުރިހާ މަސައްކަތެއްހެން މަޑުޖެހިފައިވާ ކަމަށް ޖަވާ ވިދާޅުވިއެވެ. ޖަވާ ވިދާޅުވީ އުންމީދަކީ ލީގު ފެށެންވާއިރަށް ދަނޑުގެ މަސައްކަތް ނިމި ހުޅުމާލޭގައި ވެސް މެޗުތައް ކުރިޔަށް ގެންދިއުން ކަމަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ހުރިހާ ޕްރޮޖެކްޓްތަކެއް މަޑުޖެހިފައިވާކަން ޖަވާ ފާހަގަކުރެއްވިއެވެ.

"ހުރިހާ ކަމެއް ވެސް ފައިނަލް ކުރެވެން އޮތީ އެޗްޕީއޭގެ ހުއްދަ ލިބުމުން. އެޗްޕީއޭއިން އަންގާ އެންގުމަށް ބަލައި މުބާރާތްތައް ވެސް ބޭއްވޭނެ ތާރީހެއް ބުނަން އެނގޭނީ. ހުއްދަ ލިބުނުހާ އަވަހަކަށް މުބާރާތްތައް ކުރިއަށްދާނެ ގޮތާއި ކުޅެވޭނެ ތަންވެސް އިއުލާނުކުރާނެ،" އޭނާ ވިދާޅުވިއެވެ.

ނިއުނޯމަލްގައި ހުޅުވާލުމުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުރިޔަށްގެންދާ ގޮތަށް އެފްއޭއެމުން ވަނީ ނިންމައިފައެވެ.

އެފްއޭއެމުން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ ލީގު މެޗުތައް ހުޅުމާލޭގެ ފުޓުބޯޅަ ދަނޑުގައިވެސް ކުރިޔަށްގެންދަން ޔޫތު މިނިސްޓްރީއާއެކު ވާހަކަ ދެކެވިފައިވާ ކަމަށެވެ. އޭރު އެފްއޭއެމުން ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ލީގުގެ ފޯރި އިތުރުކުރުމަށާއި ކުޅުންތެރިންނަށް ހޯމް އެންޑް އަވޭ ފީލް ގެނައުމުގެ ގޮތުން ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ހުޅުމާލެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަދި ބަޔަކާ ހަވާލުކޮށްފައި ނުވާއިރު އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ އެމަސައްކަތް ނިމޭނެ ތާރީހެއް ބުނަން އަދި ދަތި ކަމަށެވެ.

މާލެގައި ބޮޑެތި މުބާރާތްތަކަށް މިހާރު ބޭނުން ކުރަމުން އަންނަ ގަލޮޅު ދަނޑު ގިނަ ދުވަސްވުމުގެ ސަބަބުން ދަނޑުގެ ސިޑިބަރިތައް ހަލާކުވެ އެތަން ބަންދު ކުރުމަށް ވެސް ސަރުކާރުން ނިންމި އެވެ. އަދި ހުޅުމާލެ ފުޓުބޯޅަ ދަނޑު ނިންމައި އެފްއޭއެމްގެ މުބާރާތްތައް އެދަނޑަށް ބަދަލު ކުރަން މަސައްކަތް ކުރައްވާކަމަށް މީގެކުރިން ޔޫތު އެން ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވެސް ވިދާޅުވެފައި ވެއެވެ.