މާލޭ ސިޓީ ކައުންސިލް

މަގުމަތީގައި މަސައްކަތް ކުރާއިރު ދާޖަހައި ބަންދު ނުކުރާނަމަ ފުލުހުން އެކަން ހުއްޓުވާނެ: މާލެ ސިޓީ ކައުންސިލު

ޝަހީދާ އަބްދުﷲ ސައީދު

މަގުމަތީގައި މަސައްކަތް ކުރަމުންދާ ވަގުތު ދާ ޖަހައިގެން ބަންދު ނުކޮށް މަސައްކަތް ކުރާނަމަ އެކަން ހުއްޓުވަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓުތަކުގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި އިމާރާތް ކުރަމުންދާ ތަންތަނުގެ މަގުމަތީގައި މަސައްކަތް ކުރަންވާނީ ދާޖަހައި ސަރަހައްދު ބަންދުކޮށްގެން ކަމަށެވެ.

އަދި މަސައްކަތް ކުރަމުންދާކަން އެނގޭނެހެން މަގު ބަންދުކުރަންވާނެ ކަމަށާއި އެނޫން ގޮތަކަށް މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ސައިޓުތައް ބަލަމުން ދާއިރު ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރަމުންދާއިރު ހައުސިން މިނިސްޓްރީގެ ބޯޑު ޖަހައިގެން މަސައްކަތް ކުރަމުންދާތީ އެކަން މިނިސްްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.

ސައިޓުތަކުގެ ސަލާމަތީކަންކަން ބެލުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށާފައިވާއިރު މިވަގުތު މާލޭގެ 161 ސައިޓެއްގައި މަސައްކަތް ކުރިއަށްދާކަމަށްވެސް ޝިފާ ވިދާޅުވިއެވެ. އަދި ސައިޓުތަކުގެ ސަލާމަތީކަންކަން ބެލުމަށް މިހާރު މާލެ ސަރަހައްދުގައި ހިންގާ ޕްރޮގްރާމްގެ ދަށުން ދާއިމީ ގޮތެއްގައި ސައިޓުތައް މޮނީޓަރ ކުރެވޭނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެގެން ނިޔާވި ބަންގްލަދޭޝްގެ އަށް އަހަރުގެ ރައުޝާން ޖިއާންގެ ނަން، އަދި އެހަނދާންތައް ކޮންސްޓްރަކްޝަން ކުންފުނިތަކާއި މާލޭ ސިޓީި އިން ފުހެވިގެން ނުވާނެ ކަމަށެވެ.

ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބަލާ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް މަސައްކަތް ކުރިއަށް ދާނެއެވެ.