އަލީ ޔާމިން
ސ. ހުޅުމީދޫއަށް އުފަން އުމުރުން 25 އަހަރުގެ އަހުމަދު މުއީދަކީ މިއަދު ދިވެހިންނަށް އާ މޫނެެއް ނޫނެވެ. އޭނާގެ މި އުފެއްދުންތަކުން އެތައް ދިވެހީންނެއް ވަނީ އުފާކޮށްދީފައެވެ. ވެންޓިލޭޓަރުގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ވަގުތު ބައެއް ދިވެހިން ވަނީ ވެންޓިލޭޓަރަކީވެސް އުފެއްދިދާނެ އެއްޗެއްކަން ސާބިތުކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި އީދާޖުކުރި ހަތަރު ވެންޓިލޭޓަރުގެ ތެރެއިން ދެ ވެންޓިލޭޓަރު އުފެއްދި ކުޅަދާނެ މޭސްތިރިއަކީ މުއީދެވެ. ވެންޓިލޭޓަރު އުފެއްދުމަށް ފަހު މުއީދުގެ ވިސްނުން ހުރީ ސިއްހީ ތަކެތި އުފެއްދުމުގެ ރޮނގުން ކުރިއަށް ދިއުމަށެވެ. އެގޮތުން އަނެއްކާވެސް މުއީދު މިވަނީ ދިވެހިންނަށް ހަދިޔާއެއް ދޫކޮށްލައިފައެވެ. މިފަހަރު މުއީދު އީޖާދުކުރީ އިލެކްޓްރިކް މާސްކެކެވެ.
ފަސް ވަރަކަށް ދުވަހުގެ މަސައްކަތުން އުފެއްދި އިލެކްޓްރިކް މާސްކާ ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ދެމުން މުއީދު ބުނީ، އިލެކްޓްރިކް މާސްކްގެ ބޭނުމަކީ ބޭރުގައި ހުންނަ ވައި ފިލްޓާކުރުން ކަމަށެވެ. އެގޮތުން އެ މާސްކް ބޭނުންކޮށްގެން ނޭވާލާއިރު، ހިރަފުސް ފަދަ ތަކެތި ނޭވާލާ ނިޒާމުގެ ތެރެޔަށް ވަނުން ކުޑަވާނެ ކަމަށް މުއީދު ބުންޏެވެ.
"މީގެ މެއިން އެއް ކަމަކަށް ހުންނާނީ ބްރަޝްލެސް ޑީސީ ފޭންއެއް ވަރަށް ޑިއުރެބަލްވާނެ. މީތި މި ކުރާ ކަމަކީ ބޭރުގައި އުޅޭ ވައި ސަކް ކޮށްލަނީ މައިކްރޯފައިބާ ފިލްޓާއެއް މެދުވެރިކޮށް. ދެން ނޭފަތާ ހަމަޔަށް ވައި ވާސިލް ވުމުގެ ކުރިން އަދި އެހެން ފިލްޓަރަކުންވެސް ފިލްޓާވާނެ" މުއީދު ބުންޏެވެ.
މުއީދު ބުނީ މާސްކް ހެދުމުގައި އެންމެ އުނދަގޫވީ މާސްކްގެ އިލެކްޓްރިކް ބައިގެ ކަވަރު ހެދުމަށް ކަމަށާއި ކަވަރު ހަދަން ޖެހުނީ ޕްލާސްޓިކް ކަފައިގެން ކަމަށެވެ. އެ މާސްކަކީ ޗާޖުކޮށްލެވޭ ގޮތަށް އަދި ދޮވެވޭ ގޮތަށް އުފައްދައިފައިވާ މާސްކެކެވެ.
"ޕްލާސްޓިކް ބޭނުންކޮށްފައިވާނީ. އެއީ ޓީވީގެ އެތެރޭގައި ހުރި ޕްލާސްޓިކް ކަފައިގެން ހޮޓްއެއާ ބޭނުންކޮށްގެން އެކި ގޮތްގޮތަށް މެލްޓްކޮށްގެން ވަރަށް މަސައްކަތުން ހަދާފައި މިހުރީ. ދެން މީގަ ހުންނާނީ ރީޗާޖެބަލް ބެޓެރިއެއެއް. އެހެންކަމުން މައިކްރޯ ޔޫއެސްބީއެއް ބޭނުންކޮށްގެން ދެ ގަޑިއިރު ޗާޖު ކުރީމަ ގާތްގަނޑަކަށް 8 ގަޑިއިރު ހިފަހައްޓާނެ" މުއީދު ބުންޏެވެ.
އިލެކްޓްރިކް މާސްކް އުފެއްދުމުގައި އަންހެނުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަމުގައި މުއީދު ބުންޏެވެ. އެގޮތުން މާސްކްގެ ޑިޒައިނަކީ އަންހެނުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.
"ހަގީގަތުގައި އަންހެނުންގެ ފަރާތުން ލިބުނު ސަޕޯޓް ވަރަށް ބޮޑު. މާސްކްގެ ޑިޒައިނަށް ބަދަލުތައް ގެނެސްފައިވަނީ އަންހެނުންގެ ލަފާގެ މަތިން. އަހަރެން ކުރީ މާސްކްގެ އިލެކްޓްރިކް ބައިގެ މަސައްކަތް." އަންހެނުންނަށް ތައުރީފުކޮށް މުއީދު ބުންޏެވެ.
ވެންޓިލޭޓަރެއް އުފައްދައި، އޭގެ ފަހުން އިލެކްޓްރިކް މާސްކެއްވެސް މުއީދު އުފެއްދިއިރު، މިހާރު އޭނާގެ ވިސްނުން ހުރީ އިލެކްޓްރިކް ވެހިކަލެއް އުފެއްދުމާ ދިމާއަށެވެ. ނަމަވެސް އެ މަސައްކަތް ފަށާނެ ސީދާ ތާރީހެއް މުއީދު ބުނެފައެއް ނުވެއެވެ.
"އަޅުގަނޑު އެބަ މަސައްކަތް ކުރަން އޮޓޮމޭޓެޑްކޮށް ސެނެޓައިޒް ކުރެވޭނެ މެޝިނެއް އުފެއްދުމުގެ މަސައްކަތްވެސް. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އިރާދަކުރެއްވިއްޔާ އިލެކްޓްރިކް ވެހިކަލެއް އުފެއްދުމުގެ މަސައްކަތް ކުރާނަން. އަދި ޑިސައިޑެއް ނުކުރަން ހަތަރު ފުރޮޅުލީ އުނޅަދެއްތޯ ނުވަތަ ދެ ފުރޮޅުލީ އުޅަނދެއްތޯއެއް. ނަމަވެސް މިހާރު ދެން އެންމެ ކުރަން ބޭނުންވާ ކަމަކީ އެއީ" މުއީދު ބުންޏެވެ.
ސިއްހީ އެކިއެކި ސާމާނާއި އާލާތްތައް އުފެއްދިދާނެ ކަމަށް މުއީދު ގަބޫލު ކުރެއެވެ. ނަމަވެސް އެކަމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން އެކަމަށް ބޭނުންވާ ވަސީލަތްތައް ނުވަތަ ތަކެތި ލިބުން ދަތިވުން ކަމަށާއި މާލީ އެހީތެރިކަމަކާއެކު ސިއްހީ އެކި އާލާތްތައް އުފެއްދުމުގެ މާސް ޕްރޮޑަކްޝަނަކާ ހަމައަށް ދެވިދާނެ ކަމަށް މުއީދު ދެކެއެވެ.