އިބްރާހިމް ޒަކީ
ރައްޔިތުންގެ އެތައް ހައްގެއް ހިފެހެއްޓޭ ހާލަތަކަށް ވާތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވަހީދު މިހެން ވިދާޅުވީ، ކޮވިޑް 19 ފަދަ ކަމެއް ދިމާވެގެން، އިއުލާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކަމަށް ރައްޔިުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީއެވެ.
އެކަމާ ގުޅިގެން ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމުގައި މަޖިލީހުން ބަސްބުނަން ޖެހެނީ، ސިއްހީ ގޮތުން ނޫން ކަމަށެވެ.
ނަމަވެސް އެކަމުގައި މަޖިލީހުގެ ދައުރެއް އޮންނަން ޖެހެނީ، އެހާލަތަކީ ރައްޔިތުންގެ އެތައް ހައްގެއް ހިފެހެއްޓޭ ހާލަތަކަށްވާތީ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެކަމުގައި މަޖިލީހުގެ ދައުރެއް އޮންނަނީ ވެރިކަން ހިންގާ ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހަށް އޮތް ދައުރެއް ކަމަށް ވާތީ ކަމުގައިވެސް ވަހީދު ވިދާޅުވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުވެސް މަޖިލީހަށް ހުށައަޅައި ފާސްކުރަން ޖެހޭ ކަމަށެވެ
ސިއްހީ ކުއްލިނުރައްކަލުގެ ހާލަތުގެ ބިލުގައި އޮތީ ޑިރެކްޓާ ޖެނެރަލްގެ ލަފަޔަށް ހެލްތު މިނިސްޓަރު އިއުލާނުކުރައްވާ ކުއްލި ނުރައްކާވެސް މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށްކަން ފާހަގަ ކުރައްވައި އެކަމުގައި ގޯހަކީ ކޮބައިތޯވެސް ވަހީދު ސުވާލު ކުރައްވާފައި ވެއެވެ.
އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ބިލުގައިވާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. އެ ގަރާރަށް ބަދަލު ގެނައުމުގެ ބާރު ވެސް ބިލުން ވަނީ މަޖިލީހަށް ދީފަ އެވެ.
އެގޮތުން އެ ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުމުގެ ބާރާއި، ގަރާރު ބާތިލުކުރުމާއި، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން ހިމެނެއެވެ.
މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަސް ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ.