އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 78

އަބްދުﷲ ފާރޫގް ހަސަން

10

(15 ޖޫންގެ އަދަދާ ގުޅޭ)

ޒަރުބަޚުތު މަލަކާގެ އަރިހުގައި ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ސިޑީން ފައިބައިވަޑައިގަންނަވާން ފައްޓަވާއިރަށް ޒަރުބަޚުތަށް އިޙްސާސްވެވަޑައިގެންނެވީ މަލަކާގެ ފައިންޕުޅު ތުރުތުރުއަޅާކަމެވެ. ދޮރޯއްޓާ ދުރަށް ތަންކޮޅަކަށް ވަޑައިގެންނެވޭއިރަށް މަލަކާގެ އަތްޕުޅު ޒަރުބަޚުތުގެ މުލައްދަނޑިފުޅުން ދޫވާން ފަށައިފިއެވެ. އެކަމަނާ ތުރުތުރު އަޅައިވަޑައިގަންނަވަމުން ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ އެކަމަނާގެ ހަށިކޮޅުން ބާރު ހުސްވެއްޖެއެވެ. ހޭފުޅުނެތިވަޑައިގެން ވެއްޓިވަޑައިގަންނަވާން ފެށުމުން ޒަރުބަޚުތު އޭނާގެ އަތްދަނޑިފުޅުމައްޗަށް އެކަމަނާ ނަންގަވައިގަންނަވައިފިއެވެ. އޭނާ ދުވެވަޑައިގެންފައި ގަނޑުވަރާ ދިމާޔަށް ވަޑައިގަންނަވާން ފެއްޓެވުމުން މެދުދޮރޯށިކޮޅުގެ ފާރަވެރީންގެ ތެރެއިން ދެމީހަކުވެސް އޭނާޔާ ބައިވެރިވެއްޖެއެވެ.

އާޒަރުމީދުޚުތު ހޭފުޅުއެރިއިރު އޮންނެވީ އެކަމަނާގެ އެނދުދާންކޮޅުގައެވެ. ޚުވާޖާސަރާއިންނާއި އަޅުންނާއި ކަނީޒުންގެ ބަޔަކު އެކަމަނާގެ އަރިހުގައި ތިއްބެވެ. މުސްކުޅިފުޅު ބޭސްވެރިޔާއާއި ޒަރުބަޚުތާ ދެބޭފުޅުންވެސް އެނދުދާންކޮޅުގެ ކައިރީގައިހުރި ދެގޮނޑިކޮޅުގައި ތިއްބެވިއެވެ. މަލަކާ ހަތަރުފަރާތަށް ނަޒަރު ހިންގަވައިލެއްވިއެވެ. އެކަމަނާގެ ލޯފުޅު ހުއްޓުނީ ޒަރުބަޚުތުގެ މޫނުފުޅަށެވެ.

ބޭސްވެރިޔާ ޝަކުވާގެ ރާގުގައި ދެންނެވިއެވެ. "ކަމަނާފާނު ހޭފުޅުއަރާއިރަށް ފިލައިވަޑައިގަންނަވާން މަސައްކަތްޕުޅު ކުރައްވާނެކަން އަޅުގަނޑަށް ވިސްނުނުނަމަ އަޅުގަނޑު ހިނދުކޮޅަކަށްވެސް މިތަނަކުން ފޭއެއް ނުވީމުހެވެ."

"އަޅުގަނޑު ހޭނެތިފައި އޮންނަތާ ކިހައި އިރެއްވެއްޖެތޯއެވެ؟"

"މިހާރު ފަތިސްވާން އުޅެނީ އަޅުގަނޑު ކަމަނާފާނަށް އަވަހާރަފުޅު ލެއްޕެވޭކަހަލަ ބޭސްކޮޅެއް އެރުވީމެވެ. އެކަމަކު އަދިވެސް ކަމަނާފާނުގެ އަވަހާރަފުޅު ފުރިހަމައެއް ނުވެއެވެ. ކަމަނާފާނު އަދިވެސް އެންމެ މަދުވެގެން އެއްދަންއިރު އަވަހާރަފުޅު ލައްޕަވަން ބޭނުމެވެ."

މަލަކާ ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އެކަމަނާ ބޭސްވެރިޔާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. ކަލޭގެފާނަކީ މޮޔައަކީމުއެވެ. އަޅުގަނޑު ދާއިމީ ނިންޖަކުން ނިންދެވޭކަހަލަ ބޭހެއް ކަލޭގެފާނުގެ އަތްޕުޅަކު ނެތްތޯއެވެ. ދުޝްމިނުން އަންނާންދެން އަޅުގަނޑު ހޭނައްތަވައިފައި ބޭއްވެވިނަމަ ކަލޭގެފާނަކީ ވަރަށްބޮޑު އިނާމެއް ޙައްޤު ބޭކަލަކު ކަމުގައި އެބައިމީހުން ބެލީހެވެ." ބޭސްވެރިޔާ ކަންބޮޑުވެގެން ޒަރުބަޚުތާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.

އާޒަރުމީދުޚުތު ހަޅޭފުޅު ލައްވައިގެންނެވިއެވެ. "ޒަރުބަޚުތެވެ! ކަލާ ހިމޭނުން ތިޔަ އިންނަވަނީ ކީއްވެގެންތޯއެވެ؟ އެމީހުން ގަނޑުވަރަށް ވަނުމާއެކު ބަނޑުހައިވެފައިތިބި މިނިކާވަގުތަކެއް ފަދައިން އަޅުގަނޑާ ދިމާޔަށް އަރައިގަންނާނެކަން މިތިބަ މޮޔައިންނަށް ވިސްނައިނުދެއްވީ ކީއްވެގެންތޯއެވެ؟ އަޅުގަނޑު ހޭލައްވަވަން މަސައްކަތްޕުޅު ނުކުރެއްވީ ކީއްވެގެންތޯއެވެ؟"

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑަށްވެސް ވިސްނުނީ ކަމަނާ އަރާމުކުރައްވާން ޖެހިވަޑައިގަންނަވާ ކަމުގައެވެ."

"ބާޣީންތައް ހިނގައްޖެތޯއެވެ؟"

"ނޫނެކެވެ. އެކަމަކު އެމީހުން އަދިޔެއް ގަނޑުވަރަށް ޙަމަލަދޭކަށެއް މަސައްކަތެއް ނުކުރެއެވެ."

މަލަކާ ޒަރުބަޚުތާ ދިމާޔަށް ސަމާލުކަން ދެއްވާތަން ފެނިލެއްވުމުން ބޭސްވެރިޔާ ކުޑަކޮށް ހިތްހަމަޖެހިލެއްވިއެވެ. އޭނާ ދެންނެވިއެވެ. "މަލަކާ ޢާލަމެވެ! އަޅުގަނޑު ކަމަނާފާނަށް އަވަހާރަފުޅުލައްޕަވާ ބޭސްކޮޅު އެރުވީ މީނާއާވެސް މަޝްވަރާ ކުރުމަށްފަހުގައެވެ. މީނާއަށްވެސް ޤަބޫލުކުރެއްވުނުގޮތުގައި ކަމަނާފާނު ހޭފުޅުއަރައިފިނަމަ ހިނދުކޮޅަކުވެސް އަރާމެއް ނުކުރައްވާނޫއެވެ."

މަލަކާ ޙައިރާންފުޅުވެވަޑައިގެން ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "ސިކުންތަކަށްވުރެ ސިކުންތެއް އަޅުގަނޑު މަރާ ކައިރިވަމުން އަންނަކަން ކަލާއަށް އެނގިވަޑައިގަންނަވާނެއެވެ."

"އާދޭހެވެ. އެކަމަކު އަޅުގަނޑުމެންނަށް ފިލައިގެންދެވޭނެ މަގެއް ނެތްކަންވެސް އަޅުގަނޑަށް އެނގެއެވެ. ގޮތެއް ފެނޭތޯ ބޭރަށް ނުކުންނާންވެސް އަޅުގަނޑު އުޅެފީމެވެ. އެކަމަކު ފާރަވެރީން އަޅުގަނޑު ބޭރުފާރާ ކައިރިވިޔަކަވެސް ނުދިނެވެ."

"އަޅުގަނޑަށް ނިދިފައިއޮއްވައި ދޫކޮށްލައްވައިފައި ވަޑައިގަންނަވާންވެސް އުޅުއްވައިފީމުތޯއެވެ؟"

"އަޅުގަނޑަށް ބޭރަށް ނުކުމެވިއްޖެނަމަ ފަހަރެއްގައި ........"

ޒަރުބަޚުތަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެއްވުނެވެ. އޭނާގެ އަޑުފުޅު ބެދޭގޮތްވެއްޖެއެވެ.

މުސްކުޅި ބޭސްވެރިޔާއާ މުޚާޠަބު ކުރައްވައި މަލަކާ ވިދާޅުވިއެވެ. "އިހަށް ބޭރަށް ނިކުންނަވާށެވެ."

ބޭސްވެރިޔާ ހިތާދެކޮޅަށް ތެދުވަންނަވައިގެން ބޭރަށް ނުކުންނަވައިފިއެވެ.

އަފުންނާއި ޚުވާޖާސަރާއިންނާ މުޚާޠަބުކުރައްވައި މަލަކާ ވިދާޅުބަސް އިއްވެވިއެވެ. "ތިޔަބައިމީހުންވެސް ބޭރުގައި މަޑުކޮށްލާށެވެ. ފާރަވެރީންގެ ބަޔަކު އަތުވެއްޖެނަމަ އެމީހުންގެ ގާތުގައި އަހަރެން އަރާމުކުރަނީއޭ ބުނާށެވެ."

އެބައިމީހުން އަމުރުފުޅަށް ތަބާވެއްޖެއެވެ. ކޮޓަރިކޮޅުގައި ދެންތިބީ ހަމައެކަނި ހަތަރު ޚާދިމާއިންނެވެ.

ޒަރުބަޚުތު ވިދާޅުވިއެވެ. "ކަމަނާ ހުއްދަ ދެއްވައިފިނަމަ އަޅުގަނޑު މިހުރީ ބޭރަށް ނުކުތުމުގެ ނުރައްކަލާ ކުރިމަތިލާން ތައްޔާރަށެވެ. އަޅުގަނޑު ހައްޔަރުވެއްޖެނަމަ އަޅުގަނޑު ހުރީ ކަމަނާގެ ޤައިދުގައޭ އަޅުގަނޑަށް ބުނެވިދާނެއެވެ."

މަލަކާ ޖަވާބު ދެއްވިއެވެ. "ބޭރަށް ނުކުމެވަޑައިގަތުމަށްޓަކައި ނުރައްކަލަކާ ކުރިމަތިލައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ކަލާ ބޭސްވެރިޔާއަށް މަޝްވަރާ ދެއްވައިގެން އަޅުގަނޑަށް ނިދާބޭސް ނުދެއްވިނަމަ އަޅުގަނޑުމެންނަށް މިހާރު ވަރަށްދުރަށް ދެވިއްޖައީހެވެ. އަދިވެސް އަޅުގަނޑުމެންގެ ކުރިމައްޗަކު އެންމެފަހުގެ މަގެއް ބަންދެއް ނުވެއެވެ. ގަނޑުވަރުގެ ބޭރުން މީހުންގެ ސަމާލުކަމުން އެއްކިބާވުމަށްޓަކައި އަޅުގަނޑަށް ޖެހޭނީ ހަމައެކަނި ހެދުން ބަދަލުކޮށްލާށެވެ. ކުޑަކުޑަ އިރުކޮޅަކަށް ޖެހިގެންމިހިރަ ކޮޓަރީގައި ކަލާ މަޑުކޮށްލައްވާށެވެ."

ޒަރުބަޚުތު ތެދުވެވަޑައިގެން ޖެހިގެންހުރި ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާ ކަންބޮޑުވެވަޑައިގެން އެކޮޓަރިކޮޅުގައި ދެކޮޅުން ދެކޮޅަށް ހިންގަވަނިކޮށް އާޒަރުމީދުޚުތު ވަޑައިގެންފިއެވެ. އެކަމަނާ ހުންނެވީ ސިފައިންގެ މީހެއްގެ ހެދުން ތުރުކުރައްވައިގެންނެވެ. އެކަމަނާގެ އަރިހުގައިތިބީ މުސްކުޅި ޚުވާޖާސަރާއަކާއި އަޅުންގެ ދެމީހުންނެވެ. އަޅުންގެ ދެމީހުންކުރެ އެކަކުހުރީ ކުޑަކުޑަ ފޮއްޓެއް ހިފައިގެންނެވެ. އަނެކެއްގެ އަތުގައި ހެދުނު ގަޓަރިޔެއް އޮތެވެ. ޚުވާޖާސަރާގެ އަތުގައި އޮތީ ވަރަށްބޮޑު ތަޅެއްގެ ތަޅުދަނޑިއަކާއި ދަންމަރެކެވެ.

ޒަރުބަޚުތު ވިދާޅުވިއެވެ. "ކަމަނާ އަޅުގަނޑާއެކު ބޭރަށް ނުކުމެވަޑައިގަންނަވަނީތޯއެވެ؟"

"އާދޭހެވެ!"

"މަދާއިނުގައި ކަމަނާ ފިލައިވަޑައިގެން އިންނަވާނީ ކޮންތަނަކުތޯއެވެ. ކަމަނާ ގަނޑުވަރުގައި މަޑުކުރެއްވުން ރަނގަޅެއް ނުވާނެތޯއެވެ؟"

އާޒަރުމީދުޚުތު ޖަވާބު ދެއްވިއެވެ. "މަދާއިނުގެ އަހުލުވެރީން މިވަގުތު ހުރިހައި ސަމާލުކަމެއްދީގެން ތިބޭނީ ގަނޑުވަރުގެ ދޮރޯށިކޮޅުތަކާ ދިމާޔަށެވެ. މިހެދުމުގައި ހުއްޓައެއް އެކަކުވެސް އަޅުގަނޑަކީ ކާކުކަން އޮޅުންފިލުވާކަށެއް މަސައްކަތެއް ނުކުރާނެއެވެ."

"އެކަމަކު ކަމަނާއަށް ދަތުރުކުރެއްވޭވަރެއް ނުވެއެވެ. ކަމަނާ ވަޑައިގަންނަވާނީ ކޮންތަނަކަށްތޯއެވެ؟"

"އަޅުގަނޑު އެދެނީ ހަމައެކަނި ގަނޑުވަރުން ބޭރަށް ނުކުންނާށެވެ. އޭގެފަހުން އަޅުގަނޑުމެން ދާނެތަނެއް ވިސްނައިވަޑައިގެންނެވުމަކީ ކަލާގެ ކަމެކެވެ."

"ކަމަނާ ވަނީ ސިޔާދުޚަޝް ދުރާލާ ސަމާލުކުރުވަން އަޅުގަނޑަށް އަންގަވައިފައެވެ. ކަމަނާއަށް އަޅުގަނޑާއެކު އެތައް ކޯހަކަށް ދަތުރުފުޅެއް ނުކުރެއްވޭނެއެވެ."

މަލަކާ ވިދާޅުވިއެވެ. "ބޭރުގައި ކަންހުރިގޮތެއް އެނގުމުން ސިޔާދުޚަޝްގެ ގާތަށް ވަޑައިގެންނެވުމުގެ ބޭނުމެއް ނެތްކަމުގައި ކަލާއަށް ފެނިވަޑައިގެންނެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުގެ ތާޖާއި ތަޚުތު ސަލާމަތް ކުރެއްވުމުގެ ބަދަލުގައި އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރެއްވުމުގެ މައްޗަށް ކަލާ ހިތްޕުޅު ހަމަޖައްސަވައިލައްވާށެވެ. މިއީ ވާހަކަ ދައްކާން ތިބެންވީ ވަގުތެއް ނޫނެވެ. އަޅުގަނޑުމެން ޙިމާޔަތް ހޯދާނީ ރަށުތެރެއިންތޯ ނުވަތަ ދުރު ހިސާބަކުންތޯ ނިންމާނީ ފަހުންނެވެ. މިވަގުތު އެންމެ މުހިންމު މައްސަލަޔަކީ ބޭރަށް ނުކުތުމެވެ. އާއްމުން އަޅުގަނޑު އެބައިމީހުންގެ ކޮނޑަށްލައިގެން އަނބުރައި ގެނެސްވެސްފާނެއެވެ. އެމީހުންގެ ފައިދަށުވެ އަޅުގަނޑު ޗިސްޗިސްވުމަކީވެސް އެކަށީގެންނުވާ ކަމެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް ކަލާ އަޅުގަނޑާއެކު ހުންނެވުމުން އަޅުގަނޑުގެ ހިތްހަމަޖެހޭނެއެވެ."

އާޒަރުމީދުޚުތު ޚުވާޖާސަރާއަށް އިޝާރަތްކޮށްލައްވައިފިއެވެ. އޭނާ ކުރީގައި ހުރެގެން ހިނގައިގެންފިއެވެ. ޒަރުބަޚުތުގެ ހިތްޕުޅަށް އެރިއެވެ. ގަނޑުވަރުން ނިކުމެވުމުން އަހަރެމެންގެ މަގު އެކަކު އަނެކަކާ ވަކިވެދާނެއެވެ. މި އެދުންފުޅުގައި އޭނާ އާޒަރުމީދުޚުތުގެ އަރިހުގައި ވަޑައިގަންނަވާން ފައްޓަވައިފިއެވެ.

ވަރަށްބޮޑު ތިން ކޮޓަރިކޮޅެއްގެ ތެރެއިން ލައްވައިފައި ވަޑައިގެން ލައްޕައި ތަޅުލައިފައިހުރި ދޮރެއްގެ ކައިރިޔަށް ވަޑައިގެންނެވިއްޖެއެވެ. ޚުވާޖާސަރާ އަވަސްއަވަހަށް އެކޮޓަރިކޮޅުގެ ތަޅު ހުޅުވައިފިއެވެ. އެބޭފުޅުންނަށް ހަތަރުވަނަ ކޮޓަރިކޮޅަކަށް ވެދެވަޑައިގެންނެވިއްޖެއެވެ. އެކޮޓަރިކޮޅުގެ އެއްކަނެއްގައި ސިޑިޔެއް ހުއްޓެވެ. އެސިޑީން ފައިބައިވަޑައިގެންނެވުނީ ބިމުއަޑީގެ ކޮޓަރިކޮޅަކަށެވެ. މަތީގެ ކޮޓަރިކޮޅުތަކެކޭ އެއްގޮތަށް އެއީވެސް ތަނަވަސް ކޮޓަރިކޮޅެކެވެ. އެކަމަކު ދޫލައާއި، ގޮނޑިކޮޅުތަކާއި ރީތި މޭޒުކޮޅުތަކުގައި ބުރައިފައިހުރި ހިރަފުސް ފެނުމުން އެކޮޓަރިކޮޅު ބޭނުންނުކުރާތާ ޒަމާންތަކެއް ވެއްޖެކަން އެނގެއެވެ. ޚުވާޖާސަރާގެ އިޝާރަތަކަށް އަޅުންގެ މީހެއް ގޮނޑިކޮޅެއް އެއްފަރާތަކަށް ޖައްސައިލިއެވެ. އޭނާ އެދިމާގައި އޮތް ދޫލަ ނެގިއިރު ލަކުޑިފިލައެއް ފެންނާން އޮތެވެ. ޚުވާޖާސަރާ އޭނާގެ އަތުގައި އޮތް ދަންމަރުން ކޮޓަރީގެ ފާރުގައި ބައްތި ބަހައްޓާ ތަނުގައިހުރި ބައްތިއެއް ދިއްލައިލިޔެވެ. އޭނާ އަޅުންގެ މީހެއްގެ ގާތުގައި ބުންޏެވެ. މިފިލާ ނަގައިބަލާށެވެ."

އަޅުކަލޭގެ އެފިލާ ނެގިއިރު އަނެއްކާވެސް އަޑިޔަށް ފައިބާނެ ސިޑިޔެއް ފެންނާން ހުއްޓެވެ.

ޚުވާޖާސަރާއާ މުޚާޠަބުކުރައްވައި މަލަކާ ވިދާޅުބަސް އިއްވެވިއެވެ. "ކަލޭ މިހިސާބުން އެނބުރި ދިޔަޔަސް އެންމެ ރަނގަޅެވެ. އަހަރެމެން ދިޔުމުން އަވަހަށް މިމަގު ބަންދުކޮށްލާށެވެ. އެއްވެސް ފާރަވެރިޔަކަށް އަހަރެން ގަނޑުވަރުގައި ނެތްކަން ނާންގާށެވެ. ޚާދިމާއިންނަށްވެސް އެބައިމީހުންގެ އަނގަ ބަންދުކުރަން ވިސްނައިދޭށެވެ."

ޚުވާޖާސަރާ ދެންނެވިއެވެ. "ކަމަނާފާނު އަޅުގަނޑުމެންނާމެދު ހިތްޕުޅު ހަމަޖައްސަވާށެވެ. މި ބިންގަރާހުގެ ނިމޭކޮޅުން ކަމަނާފާނަށް ދަގަނޑުގެ ވަރަށްބޮޑު ސަރަކައެއް ފެނިވަޑައިގަންނަވާނެއެވެ. އެސަރަކަ އަނބުރައިލެއްވުމުން މުސްކުޅި އާތިޝްކަދާއަށް ވަދެވޭ ދޮރު ހުޅުވިދާނެއެވެ."

(ނުނިމޭ)