ކުޅިވަރު

އޭއެފްސީގެ ތާރީހުގައި ޖެހި އެންމެ ހިތްގައިމު ގޯލަކަށް ދަގަނޑޭގެ ގޯލް ހޮވިއްޖެ

އައިދާ އަބްދުލް ހަކީމް

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މޮޅު ފަސް ގޯލްގެ ތެރޭގައި ހިމެނި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ޖަހައިފައިވާ ގޯލް އެއްވަނަ އަށް ހޮވިއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭގެ އެ ގޯލަކީ 2013 ވަނަ އަހަރު އޮތް އޭއެފްސީ ކަޕް ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖާޒީގައި އިންޑޮނީޝިއާގެ ޕެރްސިބޯ ކޮޅަށް ދަގަނޑޭ ވައްދާލި ގޯލެކެވެ. އޭއެފްސީގެ ހަބަރުތައް ގެނެސްދޭ ރަސްމީ ވެބްސައިޓް ކަމަށްވާ އޭއެފްސީ ޑޮޓްކޮމް އިން ކުރިޔަށް ގެންދިޔަ ވޯޓުގައި ވޯޓު ދިން މީހުންގެ 55 އިންސައްތަ މީހުން ވަނީ ދަނގަނޑޭއަށް ވޯޓު ދީފައެވެ.

މިވޯޓުގައި ދެން އެންމެ ގިނަ ވޯޓު ލިބުނީ 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަންޓް ސިންގް ޖެހި ގޯލަށެވެ. އޭނާ އަށް ވަނީ 22 އިންސައްތަ މީހުން ވޯޓުލައިފައެވެ. 2015 އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލަށް 16 އިންސައްތަ ވޯޓު ލިބުނު އިރު، 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ ހައިދަރު އަލީ ޖެހި ގޯލަށް ހައެއް އިންސައްތަ ވޯޓު ލިބިފައިވާއިރު މި ލިސްޓުގެ އެންމެ ފުލުގައި އޮތީ އެކެއް އިންސައްތަ ވޯޓާއެކު 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެވެ.

ދަގަނޑޭއަކީ މިހާތަނަށް އޭއެފްސީ ކަޕްގައި ތާރީހްގައި އެންމެ ގިނަ ގޯލްޖެހި ދިހަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. އޭއެފްސީ ކަޕްގައި މިހާތަނަށް ފެނުނު އެންމެ މޮޅު ސޯލޯ ފަސް ގޯލްގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ވޯޓު ދިނުމަށް ހުޅުވައިލީ މިއަދު މެންދުރު 1:00އާ ހަމަޔަށެވެ.