ކުޅިވަރު

ޕްރިމިއަ ލީގް: އާސެނަލް އަތުން ސިޓީއަށް ފަސޭހަ މޮޅެއް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ގުޅިގެން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މެދުކަނޑާލި އިނގިރޭސި ޕްރިމިއާ ލީގު ރޭ އަލުން ފެށިއިރު، އާސެނަލް އާއި މެންޗެސްޓަ ސިޓީ ވާދަކުރި މެޗް 0-3 ގެ ނަތީޖާއިން ސިޓީން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

އެހެން މެޗްތަކާއި ހިލާފަށް ރޭގެ މެޗަށް ދެޓީމުވެސް ނިކުތީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކެމްޕޭންކުރުމުގެ ގޮތުން ދެ ޓީމްގެ ކުޅުންތެރިންގެވެސް ޖޯޒީގެ ފުރަގަހުގައި ކުޅުންތެރިޔާގެ ނަމުގެ ބަދަލުގައި “ބްލެކް ލައިވްސް މެޓާސް” މި އިބާރާތް ޖަހައިގެންނެވެ. މި ލިޔުންކޮޅު ބޭނުންކުރީ އެމެރިކާގެ ފުލުހުންތަކެއް މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ރޭގެ މެޗްގައި މެންޗެސްޓާ ސިޓީން ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފް ނިމިނިމި އޮއްވައި އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިޓީގެ ރަހީމް ސްޓާލިން އެވެ.

ސީޓީން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ވެސް ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ލުއިޒް ހެދި ގޯހަކުން ލިބުނު ފުރުސަތެއްގައި އެ ޓީމުން ޖެހި ގޯލެކެވެ. މެޗްގެ 51 ވަނަ މިނެޓްގައި އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ސިޓީގެ ރިޔާދް މާރޭޒް އަށް ލުއިޒް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީ ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސިޓީއަށް ލީޑް ފުޅާކޮށްދިނީ ބެލްޖިއަމްގެ ތަރި ކެވިން ޑި ބްރޫނޭ އެވެ. މާރޭޒް އަށް ފައުލު ކުރުމާއި ގުޅިގެން ލުއިޒް އަށް ވަނީ ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލައިފައިވެ އެވެ.

ސިޓީގެ ފަހު ލަނޑަކީ މެޗްގެ އިތުރު ވަގުތުގައި އެ ޓީމްގެ އިނިގިރޭސި ވިލާތުގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާސެނަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅައެއް އެ ޓީމްގެ ގޯލްކީޕަރު ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އަލުން އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އާސެނަލްއިން ރޭގެ މެޗަށް ނެގި 20 ކުޅުންތެރިންގެ ސްކޮޑްގައި ޖަރުމަނުގެ ތަރި މަސުތު އޮޒިލް ހިމެނިފައެއްވެސް ނުވެއެވެ. ރޭގެ މެޗުން ބަލިވުމާއެކު ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް އާސެނަލުން ކުރަމުން އައި އުންމީދު ތަކަށް އިތުރު ހުރަސްތަކެއް ކުރިމަތި ވީއެވެ. އެގޮތުން 40 ޕޮއިންޓާއެކު ޓޭބަލްގެ ނުވަ ވަނައިގައި މިވަގުތު އާސެނަލް އޮތްއިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އާ އެ ޓީމާއި ދެމެދު އަށް ޕޮއިންޓްގެ ތަފާތެއް އެބަ ހުއްޓެވެ. ރޭގެ މެޗް ސިޓީން ކާމިޔާބުކުރުމާއެކު ޓޭބަލްގެ ދެވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މަގާމަށް ބަދަލެއް ނައިސް އަދި އެބައޮތެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން 82 ޕޮއިންޓު ލިބިފައިވާއިރު، ސިޓީ އޮތީ 29 މެޗުން 60 ޕޮއިންޓާއެކު ދެވަނައިގައެވެ. މި މެޗުން ބަލިވި އާސެނަލް އޮތީ 29 މެޗުން 40 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ. މިއީ މި އަހަރު ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ.