އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ސިއްރު ވޯޓަކަށް ގޮސްފިނަމަ، އެކަން ވަރަށް ރަނގަޅަށް ޔަގީންވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައީސް ނަޝީދު ކަމުގައި އަމިއްލައަށް ހީވުމަކީ ވަރަށްބޮޑު ގޯހެއް ކަމަށެވެ.
އެ މައްސަލައިގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވެސް ޝުއޫރު ފާޅުކުރަން ފަށައިފި ކަމަށާއި، ސިއްރު ވޯޓަކަށް ގޮސްފިނަމަ އިތުބާރު ނެތްކަން ޔަގީންވާނެ ކަމަށް ސައީދު ވިދާޅުފިއެވެ.
"ރައްޔިތުންގެ މަޖިލީހަކީ ރައީސް ނަޝީދު ކަމުގައި އަމިއްލައަށް ހީވުމަކީ ވަރަށްބޮޑު ގޯހެއް، މިކަމުގައި ވަރަށް ގިނަ އެމްޑީޕީ މެންބަރުންވެސް ޝުއޫރު ފާޅުކުރަން ފަށައިފި. ސިއްރު ވޯޓަކަށް ގޮސްފިނަމަ އިތުބާރު ނެތްކަން ޔަގީންވާނެ،،" ސައީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ، އެބޭފުޅުންނަކީ ފުލުހުންގެ އިދާރާ ކަމަށް ދެކިގެން ބައެއް ބޭފުޅުން ހިޔާލު ފާޅު ކުރައްވަމުން އެބަ ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާ ބެހޭގުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެބިލަށް މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު އާއި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ބިލްގެ ބަހުސްގައި މެންބަރުން ދެއްކެވި ބައެއް ވާހަކަތަކަށް ހިތްހަމަޖެހިވަޑައިނުގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން، ފުލުހުންގެ މުއައްސަސާއަކީ ކުށްވެރިންތަކެއް އުޅޭ "ޕެކެއް" ގެ ގޮތުގައި ސިފަކުރަމުން އަންނަ ކަމަށެވެ.
އެފަދަ ތުހުމަތުތަކުގެ ސަބަބުން ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުމުގެ އިތުރުން، ވަކިވަކި ފުލުހުންނަށް ވެސް މާޔޫސްކަން ގެނުވާ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.