ރިޕޯޓް

ބޮޑުކަމުދާން އުނދަގޫ ވަނީތަ؟ މިހިރީ ގޭތެރޭން ހޯދިދާނެ ފަރުވާތައް

އީމާ މުހައްމަދު ވަހީދު

ބޮޑުކަމުދާން އުނދަގޫވެ، ގިނަ ދުވަސްތަކެއް ވަންދެން ބޮޑުކަމު ނުދެވުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ބޮޑުކަމު ނުދެވުމަކީ އެކަމުގެ ނޭދެވޭ އަސަރުތައް އަހަރެމެންގެ އާއްމު ދިރިއުޅުމަށާއި، ސިއްހަތަށްވެސް ކުރާ ކަމެކެވެ. ކޮވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުންދާ މި ދުވަސްވަރުގައި ކޮންމެހެން މަޖަބޫރު ވެގެން ނޫނީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެހެންކަމުން ބޮޑުކަމު ނުދެވޭ ނަމަ ޑޮކްޓަރަކާ ހިސާބަށް ނުގޮސް ގޭތެރެއިން އެކަމަށް ފަރުވާ ލިބުމަކީ މިކަން ތަހައްމަލު ކުރަމުންދާ މީހުން ވަރަށް ބޭނުންވާނެ ކަމެކެވެ.

އާއްމުކޮށް ގިނަ މީހުންނަށް ބޮޑުކަމުދާން އުނދަގޫ ވަނީ ހަށިގަނޑު މާބޮޑަށް ޑީހައިޑްރޭޓް ވާތީއެވެ. އަހަރެމެން ވަޒީފާގައި ނުވަތަ ގޭތެރޭ އެކި މަސައްކަތްތަކުގައި ވަރަށް އަވަދިނެތި އުޅޭ ގަޑިތަކުގައި ފެން ބޯ ހަނދާން ނެތޭ ފަހަރު އާދައެވެ. މިސަބަބާ ހުރެ، ދުވާލަކު އަހަރެމެން ފެން ބޯން ޖެހޭ މިންވަރަށްވުރެ މާބޮޑަށްވެސް މަދުން ފެން ބޯތީ، ހަށިގަނޑު ޑީހައިޑްރޭޓް ވެ، ބޮޑުކަމުދާއިރު، އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، ބޮޑުކަމުދާން އުނދަގޫވާ ނަމަ ގިނައިން ފެންބުއިމަކީ މިކަމަކަށް އޮތް ފަރުވާއެކެވެ.

އަހަރެމެންގެ ހަށިގަނޑުގައި ފައިބަރުގެ މާއްދާ މަދުވުމަކީވެސް ބޮޑުކަމުދިއުމުގައި އުނދަގޫތަކާ ކުރިމަތި ލާން ޖެހިދާނެ ކަމެކެވެ. އެހެންކަމުން ކާއިރު، ބޮޑަށް ފައިބަރު ހިމެނޭ ކެއުންތައް ކެއުމަކީ މުހިންމު ކަމެކެވެ. ބޮޑުކަމުދާން އުނދަގޫ ވާނަމަ އަހަރެމެންނަށް ތަރުކާރީއާއި ޕާން ފަދަ ބާވަތްތައް ކެވިދާނެއެވެ.

ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި، ބޮޑުކަމުދާން އުނދަގޫވާ މީހުން ކަސްރަތު ކުރުމުން އެކަމަށް ފަރުވާ ލިބެއެވެ. އެގޮތުން، ބޮޑުކަމު ނުދެވޭ ނަމަ، ކުޑަކޮށް ކަސްރަތު ކޮށްލުމަކީ ޑޮކްޓަރުން ލަފާ ދޭ ކަމެކެވެ. މީގެ އިތުރުން އެކި ބާވަތްތަކުގެ ނަޓްސް ފަދަ އެއްޗެހި ބޭނުން ކޮށްގެން ކާއެއްޗެހި ތައްޔާރުކުރުމަކީވެސް ބޮޑުކަމުދާއިރު ދިމާވާ އުނދަގޫތަކުން ސަލާމަތްވާނެ ކަމެކެވެ.

ކުރިން ފާހަގަކުރި ގޮތަށް ކަސްރަތު ކުރުމަކީ ބޮޑުކަމުދާއިރު ދިމާވާ އުނދަގޫތަކުން ސަލާމަތް ކޮށްދޭ ކަމެކެވެ. ނަމަވެސް، މީހަކު ކަސްރަތު ކުރަން ބޭނުން ނުވާނަމަ، ހިނގާލަން ދިއުމަކީވެސް ބޮޑުކަމުދާއިރު ދިމާވާ އުނދަގޫތަކަށް ފަސޭހަ ލިބޭ ކަމެކެވެ. މީގެ އިތުރުން ބޮޑުކަމުދާން އުނދަގޫވަނަމަ ގިނައިން ފަތްޕިލާވެލީގެ ބާވަތްތައް ކެއުމުގައި ހިމެނުމަކީވެސް އެކަމަށް އޮތް ފަރުވާއެކެވެ. އަދި ހަމަ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ގިނައިން ފެން ބުއިން އަދި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުން ހިމެނެ އެވެ. މަސައްކަތުގައި އުޅޭ އިރު ވެސް ކައިރީގައި ފެން ފުޅިއެއް ބޭންދިދާނެ އެވެ. އަބަދު ރޮށި ފަދަ ހިކި ކާތަކެތި ކެއުމުގެ ބަދަލުގައި ކެއުމުގައި ތަރުކާރީ ބޭނުންކުރުމާ އެކު ކޮންމެވެސް އެއް ވަގުތެއްގައި ބަތް ކެއުމުންވެސް ބަނޑު ހިކުމުން ދުރުކޮށްދޭނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ.

މި ކަންކަމަކީ، ޑޮކްޓަރަކަށް ނުދައްކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް، ކެއިންބުއިމުގެ އާދަތަކަށް ކުދިކުދި ބަދަލުތައް ގެނެސްގެން ހައްލު ކުރެވޭނެ ކަންކަމެވެ. ސިއްހީ ގޮތުން ދުޅަހެޔޮ މިފަދަ ބައެއް ކަންކަމުގެ އާދަ ހިފިއްޖެ ނަމަ މި މައްސަލައިގެ ހައްލު ގޭތެރޭން ވެސް ގެނެވޭނެ އެވެ.