މުނިފޫހިފިލުވުން

ޝުޝާންތު އާ ދެކޮޅަށް ގޭންގް ހެދީ ކޮންބައެއްކަން އެންމެންނަށްވެސް އެނގޭ: ކަންގަނާ

އީމާ މުހައްމަދު ވަހީދު

މިދިޔަ އާދިއްތަ ދުވަހު ޝުޝާންތު ސިންގް ރާޖްޕުތު އަމިއްލައަށް ދަންޖެހިގެން މަރުވި ހިސާބުން އޭނާގެ މަރާއި ގުޅޭގޮތުން ވަނީ އެކި ކަހަލަ ބަހުސްތައް ފެށިފައެވެ. އޭގެތެރެއިން އެއް ބަހުސަކީ، ބޮލީވުޑްގައި އޭނާ އެކަނި ކޮށްލާފައި ބެހެއްޓި ކަމުގެ ބަހުސްއެވެ.

ޝުޝާންތުގެ މަރާ ގުޅިގެން ކަންގަނާ ރަނޯއަތު ވަނީ މީގެ ދެތިން ދުވަސް ކުރިންވެސް، ވާހަކަ ދައްކައިފައެވެ. މިފަހަރު ޕިންކު ވިލާއަށްދިން އިންޓަވިއުއެއްގައި ކަންގަނާ މިވަނީ ޝުޝާންތުގެ މަރާ ގުޅިގެން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކައިފައެވެ.

އެގޮތުން ކަންގަނާ ބުނީ، އޭނާއާއި ޝުޝާންތާ ދެމެދުގައި މާބޮޑު އެކުވެރިކަމުގެ ގުޅުމެއް ނެތް ނަމަވެސް، ކަންގަނާގެ ގާތް ބައެއް ރައްޓެހިންނަކީ ޝުޝާންތާ ވެސް ވަރަށް ގާތް މީހުން ކަމަށެވެ. ޝުޝާންތު މި ފަހަކަށް އައިސް ހޭދަކުރަމުން ދިޔައީ ވަރަށް ޑިޕްރެސިން ދުވަސްތަކެއް ކަން އެނގޭ ކަމަށްވެސް ކަންގަނާ ބުންޏެވެ. އަދި ޝުޝާންތު މަރުވުމުގެ ކުރިން އޭނާއަށް ބޮޑު ފިލްމެއްގައި މަސައްކަތް ކުރަން ނުލިބޭތީ ވަރަށް ދެރަވެފައި ހުންނަކަން ވެސް ކަންގަނާގެ އިންޓަވިއުގައި ފާހަގަކުރިއެވެ.

ކަރަން ޖޯހަރު އަދި އާލިއާ ބަޓް ފަދަ މަޝްހޫރު ތަރިންނަށް ނިސްބަތްކުރަމުން ކަންގަނާ ބުނީ، ޝުޝާންތާ ދެކޮޅަށް އިންޑަސްޓްރީގައި ގޭންގް ހަދައިން އުޅުނީ ކޮން ބައެއް ކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އަދި ތަހްގީގު ކުރަން ފަށައިފިނަމަ އޭނާ އެއްވެސް ޖެހިލުމެއް ނެތި ބަޔާން ދޭނެ ކަމަށްވެސް ކަންގަނާ ބުންޏެވެ.