ކުޅިވަރު

އޮގަސްޓް 7 ގައި ޗެމްޕިއަންސް ލީގު ފަށަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން 11 މާޗް ގައި މެދުކަނޑާލި ޔޫއެފާ ޗެމްޕިއަންސް ލީގު އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މި މުބާރާތުގެ ކުޅުން ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލި އިރު ގަދަ 16 ގެ ފުރަތަމަ ލެގް ވަނީ ނިމިފައެވެ. ދެވަނަ ލެގް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭނީތޯ ނުވަތަ ހުރިހާ މެޗެއް ޕޯޗުގަލްގެ ލިޒްބަންގައި ކުޅޭނީތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ. ގަދަ 16 ގެ ދެވަނަ ލެގް ގެ މެޗްތައް ކުޅެން ހަމަ ޖައްސާފައިވަނީ އޮގަސްޓް މަހުގެ 7 އަދި 8 ވަނަ ދުވަހު އެވެ.

ޔޫއެފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު މުބާރާތް ފަށާއިރު ކުއާޓާފައިނަލުން ފެށިގެން މެޗްތައް ކުޅުމަށް ހަމަޖައްސާފައިވަނީ ނޮކް އައުޓް އުސޫލުން ކަމަށެވެ. އޮގަސްޓް 12 އިން 15 އަށް ކުއާޓާ ފައިނަލް ކުޅުމަށް ނިންމާފައިވާއިރު، ސެމީ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 18 އަދި 19 ވަނަ ދުވަހުއެވެ. ޔޫއެފާއިން ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް އޮންނާނީ އޮގަސްޓް 23 ގައި ކަމަށެވެ. ކުއާޓާއިން ފެށިގެން ފައިނަލް އާ ހަމަ އަށް ކުޅުމަށް ޔުއެފާއިން ނިންމާފައިވަނީ ލިޒްބަން ގައެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ސީޒަން މިއަހަރުގެ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ކުރީން ނިންމާލަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ސީޒަން ކެންސަލުކޮށްލަން ޖެހޭނެ ކަމަށް ޔުއެފާއިން ވަނީ މީގެ ކުރިން ބުނެފައެވެ.