އަލީ ޔާމިން
ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕަރެއް ކަމަށްވާ "އާސިލްސް" ގުޅިގެން ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔާ ނުވަތަ އެކަކަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅެވޭ މޯބައިލް ގޭމެއް ތައާރަފުކޮށްފިއެވެ.
"ތަކުރު ވޯސް" ނަމަކަށް ކިޔާ މި ގޭމަކީ ރާއްޖޭގެ އާދަކާދައާއި ތާރީހާއި ސަގާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ. މި ގޭމުން ދައްކުވައިދޭނީ ދިވެހި ކެރެކްޓާ ތަކާއި މާހައުލުތަކެވެ. މި ގޭމްގައި މައިގަނޑު 5 ދިވެހި ކެރެކްޓާސް އުޅެއެވެ. އަދި ބޭނުން ގޮތަކަށް މި ކެރެކްޓާތައް ކަސްޓަމައިޒް ވެސް ކޮށްލެވޭނެއެވެ. މި ކެރެކްޓާ ތަކުގައިވާ "ސުޕަ ޕަވާސް" އަދި ހާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން އެހެން ގޭމާސް އާ ވާދަކޮށް ލީޑާބޯޑްގެ އެންމެ ކުރިޔަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިގޭމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިރާގުގެ ބިޒްނަސް ޑިމެލޮޕްމަންޓް މެނޭޖަރު އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ، ތަކުރު ވޯސްއަކީ ދިވެހިން ޝައުގުވެރިވާނެ، މަޖާ ގޭމަކަށް ވުމަށް އުންމީދު ކުރާ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް. އެގޮތުން، އަޅުގަނޑުމެން އުންމީދު ކުރަނީ އިޖުތިމާއީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ގޭމަކީ ކަސްޓަމަރުން މުނިފޫހިފިލައި، ރައްޓެހިންނާ އާއިލާއާ އެކު ދުރުގައި ތިއްބަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް މި ގޭމް ވެގެން ދާނެ ކަމަށް" ޝިނާއު ވުދާޅުވިއެވެ.
މި ގޭމް އުފެއްދި އާސިލްސްގެ ފަރާތުން އެތަނުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝާފިއު ވިދާޅުވީ، ރާއްޖޭގައި ގޭމެއް އުފެއްދުމަކީ އަބަދުވެސް ދެކެމުން އައު ހުވަފެނެއް ކަމަށާއި، އެކަން ހަގީގަތަކަށް ވުމުން އުފާކުރާ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ރާއްޖޭގައި ގޭމް އުފެއްދުމަށް. އަޅުގަނޑުމެން މި ކުންފުނި ހެދުމުގެ މަގުސަދަކީވެސް އެއީ. މި ހުވަފެން ހަގީގަތަކަށް ވުމުން އެކަމާ ވަރަށް އުފާކުރަން. އަދި އަޅުގަނޑުމެންގެ މި މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް" ޝާފިއު ވިދާޅުވިއެވެ.
މި ގޭމް މިހާރު ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ތިރީގައި މިވާ ލިންކުން މި ގޭމް ޑައުންލޯޑްކޮށްލެވޭނެއެވެ.