އަލީ ޔާމިން
ކުންފުނިތަކުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމު މިއަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ގާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު)ގައި ބުނެފައިވަނީ ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި 2،000 ރުފިޔާ، ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި 10،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނީ ކުންފުނީގެ އަހަރީ ފީ، މާޗު މަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން މާޗު މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރީލް މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 1،000 ރުފިޔާގެ ޖޫރިމަނާއާއެކު ކަމަށާއި އޭޕްރިލް މަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 2،500 ރުފިޔާގެ ޖޫރިމަނާއަކާއެކު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލައި މީރާ މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމު މިއަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހަމަޖައްސާފައިވާ ކަމަށެވެ.
އަހަރީ ފީ ބަލައިގަތުމުގެ މުއްދަތި ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްފައިވާ އިރު، އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރެއެވެ. އެގޮތުން މީގެ ކުރިންވެސް ވަނީ އަހަރީ ފީ ނުދައްކާ ހުރި ގިނަ ކުންފުނިތަކެއް އުވާލައިފައެވެ.