މާލޭ ސިޓީ ކައުންސިލް

ސައިޓުތަކުގެ މަސައްކަތެއް ނުހުއްޓުވަން، ލިޔުން ދިނީ ޑަބްލިޔު ކޮންސްޓްރަކްޝަނަށް އެކަނި: ސިޓީ ކައުންސިލް

ޝަހީދާ އަބްދުﷲ ސައީދު

އިމާރާތް ކުރުމުގެ މަސައްކަތް މަޑު ޖައްސާލުމަށް ލިޔުން ހަވާލުކޮށްފައިވަނީ ހަމައެކަނި ޑަބްލިޔު ކޮންސްޓްރަކްޝަނަށް ކަމަށާއި އިތުރު ސައިޓެއްގެ މަސައްކަތް ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

''ވަން އޮންލައިން'' އަށް ދެއްވި އިންޓަވިއުއެއްގައި ޝިފާ ވިދާޅުވީ ސައިޓުތަކުގެ މަސައްކަތް ހުއްޓުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު މައުލޫމާތު ހާމަކުރަމުންދާ ކަމަށެވެ.

އެކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރީ ކިހާ މިންވަރަކަށްތޯ ބެލުމުގެ މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އެގޮތައް އެދިވަޑައިގަތުމުން ކަމަށެވެ.

އެއްވެސް ހާލެއްގައި ސައިޓުތަކުގެ މަސައްކަތް ހުއްޓުވަން ރައީސް އަންގަވާފައި ނުވާކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ ސައިޓުތައް ބަލާ ފާސްކުރުމަށްފަހު އެތަންތަނުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކުރާނަމަ ފިޔަވަޅު އެޅުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

''ރައީސް ވިދާޅުވި ބަސްފުޅު އެކި ގޮތްގޮތައް މާނަ ކުރައްވާތީ ހިތާމަކުރަން. ރައީސް އެއްވެސް ހާލެއްގައި ވިދާޅުވެފައެއް ނެތް ސައިޓުތަކުގެ މަސައްކަތް ހުއްޓުވާކަށް. ވިދާޅުވީ ސައިޓުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކުރާ ތަންތަނާ މެދު ފިޔަވަޅު އެޅުމަށް. އެއީ މަސައްކަތް ކުރާ ފަރާތާއި އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި.'' ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ ބައެއް ސައިޓުތަކުގައި ބިދޭސީންނާއި މަސައްކަތް ހަވާލުކުރުމަށް ފަހު އިމާރާތުގެ ވެރި ފަރާތް ނުވަތަ މަސައްކަތާއި ހަވާލުވެ ހުންނަ އެންމެ އިސް ފަރާތުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރާ ގޮތް ބަލަމުން ނުދާ ކަމަށެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިގިލީގައި މިހާރު އިމާރާތް ކުރުމުގެ މަސައްކަތްކުރަމުންދާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބެލުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ހިންގާ ޕްރޮގްރާމުގެ ދަށުން ސައިޓުތަކުގެ ސަލާމަތީކަންކަން ހުރި މިންވަރު ބަލާ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް މަސައްކަތް ކުރިއަށް ދާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލެ ހިމެނޭ ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ޖުމްލަ 473 ސައިޓު އެބަހުރި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އޭގެ ތެރޭގައި މާފަންނުގައި 62 ސައިޓު، މައްޗަންގޮޅިގައި 37 ސައިޓު، ގަލޮޅުގައި 36 ސައިޓު، ހެންވޭރުގައި 47 ސައިޓު، އަދި ވިލިގިލީގައި 18 ސައިޓު، ހުޅުމާލޭގައި 270 ސައިޓުގައި މަސައްކަތް ކުރަމުންދެއެވެ.