މުނިފޫހިފިލުވުން

ޑިޕްރެޝަނަކީވެސް އެހެން ބަލިތައް ފަދަ ބައްޔެއްގެ ގޮތުގައި ދެކޭ!: ދީޕިކާ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ ތަރި ޝުޝާންތު ސިންގް ރާޖްޕުތު ދަންޖެހިގެން އަމިއްލައަށް މަރުވި ހިސާބުން، ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ އެމީހުންގެ މީސްމީޑިއާ އެކައުންޓްތަކުގައި ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށައިފައެވެ.

އެގޮތުން ދިޕިކާ ޕަޑްކޯންވެސް އަންނަނީީ އޭނާގެ ރަސްމީ ޓުވީޓާ އެކައުންޓުގައި ނަފްސާނީ ބަލިތަކުގެ ތެރެއިން ޑިޕްރެޝަނަށް މީހުން ހޭލުންތެރިކުރުވުމަށް އެކި ޕޯސްޓް ހިއްސާ ކުރަމުންނެވެ. އެންމެ ފަހުން އޭނާ ހިއްސާ ކުރި ޕޯސްޓްގައި ބުނެފައިވަނީ ޑިޕްރެޝަން އަކީވެސް އާދައިގެ އެހެން ބަލިތައް ފަދަ ބައްޔެއް ކަމަށެވެ.

އެންމެ ފަހުން "ޗަޕާކް" ގެ ލީޑް ރޯލުން ފެނިގެން ދިޔަ ދިޕިކާ ވަނީ މީގެ ކުރިން ޑިޕްރެޝަނާ ހަނގުރާމަކޮށް އެބައްޔަށް ފަރުވާވެސް ހޯދައިފައެވެ. އޭގެފަހުން އޭނާ އަންނަނީ އާއްމުން ނަފްސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.

ޝުޝާންތު ސިންގް ރާޖުޕުތު މިދިޔަ އާދިއްތަ ދުވަހު އަމިއްލަ މަރުވެފައިވާއިރު، އޭނާ މަރުވި އިރު ދިޔައީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންނެވެ. ޝުޝާންތުގެ މަރާ އެކު ބޮލީވުޑްގެ މަޝްހޫރު އެތައް ފަންނާނުންނެއް ވަނީ އެމީހުން ޑިޕްރެޝަނާއި ދެކޮޅަށް ހަނގުރާމަ ކުރިގޮތް ސަޕޯޓަރުންނާއި ހިއްސާ ކޮށްފައެވެ.