ރައްޔިތުންގެ މަޖިލިސް

އިތުރު ޓެކްސްއެއް ނުނެގުމަށާއި، ޓޫރިސްޓުން ކަރަންޓީނުވާން ނުޖެހޭ ނިޒާމެއް ހަމަޖައްސަން ހުށަހަޅަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 ގެ ކުރިން ޓޫރިޒަމް ދާއިރާއިން ނަގަމުން އައި ޓެކްސްގެ އިތުރުން، އިތުރު ޓެކްސެއް ނުނެގުމަށާއި، ނިއުނޯމަލްގައި ފަތުުރުވެރިކަމަށް ރާއްޖެ ހުޅުވާލުމުން އަންނަ ފަތުރުވެރިން ކަރަންޓީން ނުވެ ރާއްޖެ އާދެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި މަޖިލީހަށް ފޮނުއްވި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" އާ ބެހޭގޮތުން މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓަށް މަޖިލީހުން އިސްލާހު ހުށަހަޅައި ފާސްކޮށްގެންނެވެ.

ކޮމިޓީން އެ ރިޕޯޓް މަޖިލިހަށް ހުށަހެޅިއިރު، ކޮވިޑް 19ގެ ކުރިން ފަތުރުވެރިންގެ އަތުން ނަގަމުން އައި ޓެކްސްގެ އިތުރުން، އިތުރު ޓެކްސްތަކެއް ނެގުމަށް ސަރުކާރަށް ހުށަހެޅުމަށް އޮތީ ހިމަނައިފައެވެ.

އޭގެ ތެރޭގައި ޓޫރިޒަމް އަލުން ފަށައިގަނެ ރާއްޖެއަށް ފަތުރުވެރިން ގެންނައިރު، ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި، ޗާޓަޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނެގުމާއި، ކޮވިޑް 19 އަށް ޓެސްޓްކުރުމަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރު ނެގުމުގެ އިތުރުން ކޮންމެ ފަތުރުވެރިއެއްގެ އަތުން ބޮލަކަށް ކޮންމެ ބެޑް ނައިޓްއަކަށް ޓޫރިޒަމް ކޮވިޑް ޓެކްސްގެ ގޮތުގައި އަށް ޑޮލަރު ނެގުން ހިމެނެއެވެ.

ނަމަވެސް އެ ޓެކްސްތައް ކަނޑާލަން ރިޕޯޓަށް އިސްލާހު ހުށަހަޅައި ފާސްކުރީ، މިއީ ރާއްޖޭގެ އިގުތިސާދު އަލުން ހުޅުވާލައި، އިގުތިސާދު ހިނގައިގަތުމަށް މުހިއްމު ވަގުތަކަށް ވާތީ، ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވީހާވެސް އަގުހެޔޮ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށް މަޝްވަރާ ކުރުމަށްފަހުގައެވެ.

މެންބަރުން ވިދާޅުވީ މިހާލަތުގައި އެންމެބޮޑު ސަމާލުކަމެއްދޭންވީ އިގްތިސާދު ފެށޭނެ ގޮތެއް ހަމަޖައްސައި ރާއްޖެއަށް ފައިސާ އިންކަން ލިބޭނެ ގޮތެއް ހެދުމަށް ކަމަށެވެ.

އެހެން ގައުމުތަކުންވެސް ހިލޭ ޓިކެޓް ދިނުންފަދަ ލުއިތައް ދީފައިވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް 19ގެ ކުރިން ނަގަމުން އައި ޓެކްސްތަކުގެ އިތުރުން އިތުރު ޓެކްސްއެއް ނުނެގުމަށާއި، ރާއްޖެ ހުޅުވާލުމުން އަންނަ ފަތުރުވެރިން ކަރަންޓީން ނުވެ ރާއްޖެ އާދެވޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރަށް ހުށަހަޅަން އެ ރިޕޯޓްގައި ހިމަނަން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވިއެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ. މި ހުށަހެޅުން މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓުންނެވެ.

މި ރިޕޯޓް ފާސްވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެކަންތައްތައް މިއަދު ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އިތުރު ޓެކުހެއް ނުނެގުމަށާއި، ނިއުނޯމަލްގައި ފަތުުރުވެރިކަމަށް ރާއްޖެ ހުޅުވާލުމުން އަންނަ ފަތުރުވެރިން ކަރަންޓީން ނުވެ ރާއްޖެ އާދެވޭނެ ނިޒާމެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.