އިބްރާހިމް ޒަކީ
އެންމެ ކުޑަ އުޖޫރަ (މިނިމަމްވޭޖް) ކަނޑައެޅުމަށް ހުށަހެޅި ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިި ބިލް މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި، 49 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 47 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު މަޖިލީހަށް ބަަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ އިޖުތިމާއި ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ ގުޅިގެން ބިލުގެ މަސައްކަތް ދިރާސާ ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވިއެވެ.
މަޖިލީހުގެ ތަޅުމުުގައި މި ބިލުގެ ބަހުސް ކުރިއަށްދިޔައިރު، މެންބަރުން ވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ހުށަހެޅުންތަކެއް ވެސް ހުށަހޅުއްވައިފައެވެ.
އެގޮތުން މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރަ، މިނިމަމް ވޭޖްގެ ގޮތުގައި ތިން ބޭންޑެއް ކަނޑައަޅައި، އެންމެ މަތީ ކެޓަގަރީއަށް 8000 ރުފިޔާ، ދެން އޮތް ކެޓަގަރީއަށް 6000 ރުފިޔާ އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4000 ރުފިޔާ ކަނޑައަޅަން ވަނީ ހުށަހަޅުއްވައިފައެވެ.
މީގެ އިތުރުން އެންމެ މަތީ ކެޓަގަރީއަށް 8500 ރުފިޔާ، ދެން އޮތް ކެޓަގަރީއަށް 6500 ރުފިޔާ އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4500 ރުފިޔާ ކަނޑައަޅުމަށްވެސް ހުށަހަޅާފައިވެއެވެ. އަދި ވަޒީފާ ހޯދަން މަަސައްކަތްކުރާ ފަރާތްތަކަށް އުޖޫރައެއް ދޭން ބިލުގައި ހިމެނުމަށް މެންބަރުން މަޝްވަރާ ކުރައްވައި އެ ފަރާތްތަަކަށް އުޖޫރައިގެ ގޮތުގައި 5000 ހަމަޖެއްސުމަށްވެސް ވަނީ ހުށަހަޅުއްވައިފައެވެ.
ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދާއިރު ކޮމިޓީއަށް އިސްލާހުތައް ގެންނާނީ ބަހުސްގައި މެންބަރުން މަޝްވަރާ ކުރައްވައި ހުށަހެޅުއްވި ހުށަހެޅުއްވުންތަކަށް ބައްލަވައިގެންނެވެ.
މި ބިލު މަޖިލީހަށް ބަލަިގެންފައިވާއިރު، މި ދަނޑިވަޅަކީ ދުވަހަކުވެސް ދަށަށް ނުދާވަރަށް ރާއްޖޭގެ އިގުތިސާދު ދަށަށް ގޮސްފައިވާ ދަނޑިވަޅަކަށް ވާތީ، ވަޒީފާ އަދާކުރާ ފަރާތްތަކަށްދޭ އެންމެ ކުޑަ އުޖޫރަ (މިނިމަންވޭޖް) މިވަގުތު ކަނޑައަޅަން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ލަފާ ދެއްވައިފައެވެ.