ރޭ ރަށުން ބޭރުގައި ވާޑާ ބްރެމެން 1-0 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރޭ ރަށުން ބޭރުގައި ބްރެމެން އަތުން ބަޔާން މޮޅުކޮށްދީ ލީގު ކަށަވަރުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވޮންޑޮސްކީ އެވެ. މިއީ، މި ސީޒަނުގެ ލީގުގައި ލެވޮންޑޮސްކީ ބަޔާނަށް ޖަހައިދިން 31 ވަނަ ގޯލެވެ. މީގެ ކުރިން ޖަރުމަނުން ބޭރުގެ ކުޅުންތެރިޔަކު މި އަދަދަށް ގޯލު ހަމަކުރީ 17-2016 ސީޒަނުގަ އެވެ. އެއީ ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެ މިހާރު އާސެނަލްގެ ކުރި ބަލަހައްޓަމުން އަންނަ ގޭބޮންގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމިޔަން އެވެ. ރޭގެ މެޗް ކުޅެފައިވަނީ ކޮވިޑާ ގުޅިގެން ސަޕޯޓަރުންނާއި ނުލައި ފަޅު ދަނޑެއްގައެވެ.
ބަޔާން އިން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމުން، މި ކާމިޔާބީއާ އެކު ބަޔާން މިވަނީ މީގެ ކުރިން ޖެހިޖެހިގެން އަށް ސީޒަނުގައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި އިޓަލީގެ ޔުވެންޓަސްގެ ރެކޯޑާ ހަމަކޮށްފަ އެވެ.
މިއީ ޖަރުމަނު ފުޓްބޯޅައިގެ ތާރީހުގައި ބަޔާން އިން ލީގުގެ ޗެމްޕިއަންކަން ހޯދި 30 ވަނަ ފަހަރެވެ. ބަޔާނަށް ވުރެ ގިނައިން ލީގު ޗެމްޕިއަންކަން ހޯދާފައިވާ ޔޫރަޕްގެ ކްލަބްތަކަކީ ޔުވެންޓަސް އާއި ރެއާލް މެޑްރިޑް އެވެ. ޔުވެންޓަސް އިން އިޓާލިއަން ލީގު 35 ފަހަރު ކާމިޔާބުކޮށްފައިވާއިރު ރެއާލުން ވަނީ 33 ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފަ އެވެ.
ލީގުގެ ޗެމްޕިއަންކަން ބަޔާން ކަށަވަރު މި ކުރީ ބާކީ އަދި ދެ މެޗު އޮއްވަ އެވެ. 10 ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލީގުގައި އަދި ބާކީ ތިން މެޗު އެބައޮތެވެ. 32 މެޗުން ބަޔާނަށް 76 ޕޮއިންޓް ލިބިފައިވާއިރު 31 މެޗުން ޑޯޓްމަންޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ރޭ ބަލިވި ބްރެމެން އޮތީ 32 މެޗުން ލިބުނު 28 ޕޮއިންޓާއެކު ފަހަތުން ދެ ވަނައިގަ އެވެ.