އިބްރާހިމް ޒަކީ
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ހަމަނުޖެހުން ހިނގައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހުގެ ތަޅުމުން ނެރެން ޖެހުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ޔައުމިއްޔާގައިވާ ބައެއް ކަންތައްތަކަށް އިސްލާހު ގެނެސްފިއެވެ.
އެޖަލްސާ ބޭއްވީ މިމަހުގެ ދެވަނަ ދުވަހުގެ ފަތިހާ ކައިރިވެފައި ވަނިކޮށެވެ. އެ ޖަލްސާގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށެވެ.
އެރޭގެ ޖަލްސާގައި ގާނޫނުއަސާސީއަށް އިސްލާހުގެނައުމުގެ ބިލުގެ މަސައްކަތް ފެށިތަނުން، އެއީ ގާނޫނާ ހިލާފަށް ކުރާ ކަމެއްކަމަށް ގޮވައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޝިޔާމް އަޑުގަދަ ކުރަން ފެއްޓެވިއެވެ.
އެމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޝިޔާމުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނެވުމަަށް ތަކުރާރުކޮށް އެންގެވިއެވެ.
ނަމަވެސް ޖަލްސާއިން ޝިޔާމު ނުނިކުންނެވުމުން، ޖަލްސާއިން އޭނާ ނެރުނީ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމާއެކު އެމްޑީޕީ މެންބަރުން އޭނާގެ ގައިގައި އަތްއަޅައި ކޮއްޕަމުންނެވެ.
އެ މައްސަަލައާ ގުޅިގެން ޝިޔާމަށް އަނިޔާވެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުން ނޫނީ ޖަލްސާތަކަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ވަނީ މަޖިލިސް ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އެޖެންޑާގެ ހަތަރުވަނަ ނަންބަރުގައިވާގޮތުގެ މަތިން މަޖިލީހުގެ ޔައުމިއްޔާތައް ފާސްކުރިކަން އިއުލާން ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ އޭގެ ތެރެއިން މިމަހުގެ ދެވަނަ ދުވަހު ބޭއްވި ޖަލްސާގެ ޔައުމިއްޔާއަށް ދެ މެންބަރަކު އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޖަލްސާގެ ރެކޯޑިން އާއި ކަން ހިިނގާފައިވާ ގޮތް ބެލުމަށްފަހު އެ ޖަލްސާގެ ޔައުމިއްޔާ އިސްލާހު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ޔައުމިއްޔާއަށް އިސްލާހު ހުށަހަޅުއްވާފައިވާއިރު، މަޖިލިސް ގަވާއިދުގައި ބުނާތީ އެ އިސްލާހަށް އިއުތިރާޒް ކުރުމުގެ ފުރުސަތު މެންބަރުންނަށް އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެކަމަށް މެންބަރަކު ހިލާފެއް އުފައްދަވައިފިނަމަ ގަވާއިދުގައިވާގޮތުން ދެން ޔައުމިއްޔާ ފާސްކުރަން ޖެހޭނީ ވޯޓަކުން ކަމަށެވެ.
ނަމަވެސް އެކަމާގުޅިގެން މެންބަރަކު އެއްޗެއް ވިދާޅު ނުވުމުން އެ އިސްލާހުތަކާއެކު ޔައުމިއްޔާ ފާސްކުރެއްވީ ކަމަށް މަޖިލިސް ރައީސް އިއުލާންކުރައްވަން އުޅުއްވަނިކޮށް، މަޖިލީހުގެ އަމީން އާއްމާއި، ކައުންސެލް ޖެނެރަލް މަޖިސް ރައީސްގެ އަރިހަށް ވަޑައިގެން ކޮންމެވެސް އެއްޗެއް ވިދާޅުވިއެވެ.
އެޔަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ އެޖެންޑާއަކީ މާކުރިން އިއުލާންކޮށްފައިވާ އެޖެންޑާއެއް ކަމަށާއި ޔައުމިއްޔާ ފާސްކުރުން އޮތީ އެޖެންޑާގެ ހަތަރުވަނާގައި ކަމަށެވެ. އަދި 9:00ގައި މަޖިލިސް ޖަލްސާ ފަށއިގެން ހަތަރުވަނަ ނަމްބަރާ ހަމަޔަށް އާދެވެނީ 9:10 އަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެއްވެސް މެންބަރަކަށް އެކަން ހިިނގާގޮތް އެނގިވަޑައިނުގެން، އެކަން ހިނގައިދާން ބޭނުން ނުވާތީ އެކަމަށް އިއުތިރާޒް ކުރަން ބޭނުން މެންބަރަކަށް ވަގުތު ދެއްވަނީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެގޮތުން "އިދިކޮޅު ޕީޕީއެމްގެ މެންބަރަކު ގޭގައި އިންނަވާފައިވެސް ވަޑައިގެންފާނެތީ އެބޭފުޅުންނަށް ވަގުތު ދެއްވަނީ،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެކަމާގުޅިގެން އިދިކޮޅު މެންބަރުންނަށް ފުރުސަތު ދެއްވުމަށްޓަކައި، ޔައުމިއްޔާ ފާސްވިކަމަށް ނިންމުން 10:30 އަށް ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހެޅުއްވިއެވެ.
އެހެންކަމުން 10:30 ގެ ބްރޭކަށްފަހު 11:00 ގައި މަޖިލިިހުގެ ޖަލްސާ ފައްޓަވައި އެ ޔައުމިއްޔާ އިސްލާހުތަކާއެކު ބަލައިގެންފިކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ ޔައުމިއްޔާއަށް އިސްލާހު ހުށަހެޅުއްވީ ކޮން މެންބަރުންނެއް ކަމެއް، އަދި އިސްލާހު ހުށަހެޅުއްވީ ކޮން ކަންތައްތަކެއް ބަދަލު ކުރަން ކަމެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.