މިއަހަރުގެ ވޮލީބޯޅަ ކަލަންޑަރުގައި ހުރި މުބާރާތްތައް އަތޮޅުތަކުގެ ރަށްރަށުގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.
ވީއޭއެމްގެ އެކްސްކޯ މެންބަރު މުހައްމަދު ސާޖިދު(ކާއްޓެ ކޯޗް) "ވަން" އަށް ވިދާޅުވީ ކޮވިޑް އާ ގުޅިގެން މިއަހަރުގެ މުބާރާތްތައް މަޑުޖައްސާލާފައި އޮތުމަށްފަހު، މިހާރު ނިއުނޯމަލްގައި ހުޅުވާލަން ތައްޔާރުވަމުންދާތީ އެމުބާރާތްތައް ވެސް ބޭއްވުމަށް ވީއޭއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވީއޭއެމުން ބުނީ ރަށްރަށުގައި ވޮލީ މުބާރާތްތައް ބޭވުމުގެ މައިގަނޑު ބޭނުމަކީ ވޮލީގެ ފޯރި އިތުރަށް ގަދަކޮށް ކުޅުންތެރިންނަށް ވެސް ކޮންމެވެސް އާމްދަނީއެއް ހޯދައިދިނުން ކަމަށެވެ.
ސާޖިދު ވިދާޅުވީ މިހާރުވެސް އެންމެ ގިނަ މީހުން ސަޕޯޓު ކުރަން ވަންނަ ކުޅިވަރަކީ ވޮލީބޯޅަ ކަމަށާއި އަދި ރާއްޖޭގެ ރަށްރަށުގައި ދެޖިންސްގެ މީހުން ހިމެނޭހެން އެންމެ ގިނަ މީހުން ކުޅޭ އެއް ކުޅިވަރަކީވެސް ވޮލީ ބޯޅަ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ހުރިހާ ކުޅިވަރުތަކެއް ވަނީ އެޗްޕީއޭގެ އެންގުމަށް މެދު ކަނޑާލައިފައެވެ. އެހެން ކަމުން އެސޯސިއޭޝަންތަކުން ކުރިން މުބާރާތް ބާއްވަން ހަމަޖެއްސި ތާރީޚުތަކަށް ބަދަލުތަކެއް އަންނާނެއެވެ. ނަމަވެސް އަދި އެސޯސިއޭޝަންތަކުން ކަލަންޑަރަށް އައި ބަދަލުތައް އާންމުކޮށްފައެއް ނުވެއެވެ.