އިބްރާހިމް ޒަކީ
އެބޭފުޅުންނަކީ ފުލުހުންގެ އިދާރާ ކަމަށް ދެކިގެން ބައެއް ބޭފުޅުން ހިޔާލު ފާޅު ކުރައްވަމުން އެބަ ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާ ބެހޭގުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެބިލަށް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު އާއި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ބިލްގެ ބަހުސްގައި މެންބަރުން ދެއްކެވި ބައެއް ވާހަކަތަކަށް ހިތްހަމަޖެހިވަޑައިނުގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން، ފުލުހުންގެ މުއައްސަސާއަކީ ކުށްވެރިންތަކެއް އުޅޭ "ޕެކެއް" ގެ ގޮތުގައި ސިފަކުރަމުން އަންނަ ކަމަށެވެ.
އެފަދަ ތުހުމަތުތަކުގެ ސަބަބުން ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުމުގެ އިތުރުން، ވަކިވަކި ފުލުހުންނަށް ވެސް މާޔޫސްކަން ގެނުވާ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން މުޅި ސިސްޓަމް ބަލިކަށިވެގެންދާ ކަމަށާއި އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި، ކުރިޔަށް ދާންވީ މިސްރާބު ދައްކައިދީ ޒިންމާދާރުކުރުވުން ބުއްދިވެރި ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ ތެރޭގައި ތިބީ ރަނގަޅު ތައުލީމެއް، އަދި ރަނގަޅު ތަމްރީނެއް ހަދާފަ އިތި ބައެއްނޫން ކަމަށް ސިފަަކޮށް ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާތީ، ސީޕީ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 34 ޕަސެންޓު ފުލުހުންގެ އަތުގައި އޭލެވެލް އަށްވުރެ މަތީ ފާސް އޮންނާނެ ކަމަށެވެ.
ސީޕީ ވިދާޅުވީ 220 ފުލުހުންގެ އަތުގައިި ޕޯސްޓްގްރެޖުއޭޓް ޑިގްރީ އޮންނަ ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ގިނަ ހުނަރުތައް ދަސްކުރަނީ މަސައްކަތުގެ ތެރެއިން ކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ. ސީޕީ ވިދާޅުވީ މަތީ ފާހަކަށް ވުރެ، ތަމްރީނާއި ހުނަރު ލިބި، ވަޒީފާގެ ގާބިލުކަން ހުރުން މުހިންމު ކަމަށެވެ.
މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އެބޭފުޅާއާ ޒާތީ ގޮތުން އެކަތި ކަމުގައި ދެކި ހިޔާލު ފާޅުކުރާ ބަޔަކުވެސް އެބަތިބި ކަަމަށެވެ.
ފުލުހުންގެ ބިލާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލުފާޅުކުރުންތަކެއް އެބަހުރި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި އެ ބިލަށް ފުރިހަމަޔަށް ބަހުސް ކުރެވި އިސްލާހު ގެނައުން ކުރިޔަށް ގެންދަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.