ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ނިޒާމަށް ބަދަލު ގެނެސް، ބިދޭސީން ގެންގުޅޭ ފަރާތްތައް ޒިންމާދާރު ކުރުވަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
"އިންޓަނޭޝަނަލް މައިގްރެންޓްސް ޑޭ" އާ ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ވަނީ އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ދިރިއުޅުމަށް އެކަށީގެންނުވާ ތަންތާގައި ބިދޭސީ މަސައްކަތްތެރީން ގެންގުޅުމާއި އެކަށީގެން ނުވާ މާޙައުލެއްގައި މަސައްކަތްކުރަން ޖެހުމާއި މަސައްކަތުގެ މާޙައުލުގައި ތަފާތުކުރުމާއި ފުރައްސާރަކުރުމާއި އަދި ވަޒީފާގެ މާޙައުލުގައި ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދީފައި ނުވުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
މަސައްކަތް ކުރުވާ ފަރާތްތަކުން އެފަރާތްތަކުގެ ޕާސްޕޯޓު އަތުލުމާއި ވިސާ ފީ ނުދެއްކުމާއި މަސައްކަތުގެ އުޖޫރަނުދިނުމުގެ މައްސަލަތަކުގެ އިތުރުން އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ބަންދުކުރާ ބިދޭސީން ޤައުމަށް ފުރުވާލެވެންދެން ބަންދުކޮށްފައި ތިބޭ ތަނުގެ ހާލަތު ދަށް ކަންވެސް ބަޔާނުގައި ފާހަގަކުރެއެވެ.
ބަންދުކޮށްފައި ތިބޭއިރު އެމީހުންގެ ގައުމުގައި ދިރިއުޅޭ ޢާއިލާގެ ފަރާތްތަކަށް ފޯނުން ގުޅުމުގެ ފުރުސަތު ނޯންނަކަމާއި، ޝަރީޢަތުގެ މަރުޙަލާ ނުނިމި ލަސްވަމުންދާ މައްސަލަ ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން ޤާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރަންޖެހޭ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެއެވެ.
އަދި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތާއި އިންސާނުންނަށް ވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ލިބިދިނުން ކަށަވަރުކުރުމަށް ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި މަސައްކަތްކުރުވާ ފަރާތްތައް ޒިންމާދާރުކުރުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.
ބަޔާނުގައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާ މެދު އިހުމާލުވާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުއެޅުން ހަލުވިކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ. މުޖްތަމައުން ބިދޭސީ މަސައްކަތްތެރިންނާމެދު ދެކޭ ނޭދެވޭގޮތް ބަދަލުކުރުމާއި ތަފާތުނުކުރުމާއި އެމީހުންނަށް އިހްތިރާމްކުރުމަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރެވިފައިވާ މުޖްތަމަޢުއެއް ބިނާކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
ދިވެހިރާއްޖޭގައި 2014 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން 60030 ބިދޭސީ މަސައްކަތްތެރިން ދިރިއުޅެއެވެ. މިއީ މަސައްކަތް ކުރާ އަބާދީގެ 28 އިންސައްތައެވެ.