ރައްޔިތުންގެ މަޖިލިސް

ކުއްޔަށް އުޅޭ މީހުން ގެއިން ނެރުމާއި ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހުއްޓުވުމުގެ ބިލަށް ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

1

ކޮވިޑްގެ ހާލަތުގައި، ކުލިދައްކައިގެން އުޅޭ މީހުން ގެއިން ނެރުމާއި ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހުއްޓުވުމަށާއި، އެ ހާލަތުގައި އެކި ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ދީ، ކޮވިޑްގެ މަސައްކަތްތަކުގައި އުޅޭ ފަރާތްތައް ރައްކާތެރި ކުރުމާބެހޭ ގޮތުން ސަރުކާރުން ހުށަހެޅި ބިލަށް މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.

"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020”ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީއެވެ.

ބިލުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް 19 އާ ގުޅިގެން މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އޭގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިޔަށްގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ބިލު އެކުލަވާލާފައިވަނީ، ކޮވިޑް 19 އާ ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާއީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގާނޫނުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ހާއްސަ ގާނޫނެއް މެދުވެރިކޮށް ވަގުތީ ހައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެންނެވެ.

ދިރިއުޅޭ ތަންތަނާ ގުޅޭގޮތުން ބިލުގައި ވަނީ، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރެގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމުކޮށްފައެވެ.

މިކަން ލާޒިމުކޮށްފައި ވަނީ، ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ ކުލި ދެއްކުމުން ބަރީއަ ނުވާ ގޮތަށެވެ. އޭގެ އިތުރުން، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް މެދުކަނޑާލައިގެންނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކާ ގުޅޭގޮތުން ބިލުގައި ވަނީ ކޮވިޑް 19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނެ ކަމަށް ހިމަނާފައެވެ. އަދި އެފަދައިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.

އޭގެ އިތުރުން، ކޮވިޑް 19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެ ކަމުގައިވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން ކަމުގައިވެސް ބަޔާންކޮށްފައި ވެއެވެ.

ވަޒީފާއާގުޅޭގޮތުން ބިލުގައި ވަނީ ކޮވިޑް 19 އާ ގުޅިގެން މުވައްޒަފުންނަށް ހާއްސަ ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ހާއްސަ ޗުއްޓީ ދޭންވާނެ ކަމަށެވެ. އެގޮތުން، ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮވިޑް 19 އާ ގުޅިގެން ގިނަ ފަރާތްތަކެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާއިރު، މި ބިލުގައި، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާ މެދު ފިޔަވަޅުއެޅުން ހުއްދަވާނެ ހާލަތްތަކާއި، އެ ފިޔަވަޅު އެޅޭނެ ހާލަތްތައް، ބަޔާންކޮށްފައި ވެއެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ހާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާ ދޭ ފަރާތަށް ލިބެމުން އައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި އިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ހާލަތުގައި ކަމުގައި ކަމަށް ބިލުގައި ކަނޑައަޅާފައި ވެއެވެ.

އޭގެ އިތުރުން، ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުސޫލުތައް ބިލުގައި ހިމަނާފައި ވެއެވެ. އަދި ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމަށްވެސް މި ބިލުން މަގުފަހިކޮށްދީފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟